ހޮޓަލުގެ ފެންވަރު ދަށްވުމުން ރަގްބީ ޓީމު ނިދީ މަގުމަތީގައި
ހޮޓަލުގެ ފެންވަރު ދަށްވުމުން ރަގްބީ ޓީމު ނިދީ މަގުމަތީގައި

ތޫނިސް (ޖުލައި 4) - ޒިމްބާބުވޭގެ ރަގްބީ ޓީމު ޓިއުނީޝިއާ އަށް ކުރި ދަތުރުގައި އެ ގައުމުގައި ތިބެން ޖެހުނު ހޮޓަލުގެ ފެންވަރު ދަށްވުމުން މަގުމަތީގައި ނިދައިފި އެވެ.

ޒިމްބާބުވޭ ޓީމު ޓިއުނީޝިއާ އަށް ދިޔައީ ރަގްބީ ވޯލްޑް ކަޕް ކޮލިފައިން މެޗެއް ކުޅުމަށެވެ. ޒިމްބާބުވޭ ޓީމު ވަނީ ޓިއުނީޝިއާގެ އިމިގްރޭޝަނުގައި ވެސް ހަ ގަޑިއިރު ހޭދަކުރަން ޖެހިފަ އެވެ. އެ ޓީމު އެއާޕޯޓުގައި އެހާ ގިނަ އިރު މަޑު ކުރަން ޖެހުނީ ވިސާ އަށް ކޮންމެ ކުޅުންތެރިއަކަށް 20 ޔޫރޯ (23 ޑޮލަރު) ދައްކަން އެންގުމުންނެވެ. އެކަމަކު ޒިމްބާބުވޭގެ ކުޅިވަރާ ބެހޭ ވަޒީރު ޑެންފޯޑް މުތަމަންގިރާ ވިދާޅުވީ ޓިއުނީޝިއާ އަށް ދިއުމުން ވަގުތުން ވިސާ ލިބޭނެ ކަމަށް ކުރިން އަންގާފައިވާ ކަމަށެވެ.

ޓިއުނީޝިއާގެ ރަގްބީ ޔޫނިއަން އިން ބުނެފައި ވަނީ ހޮނިހިރު ދުވަހު ކުޅޭ މެޗުގެ ކުރިން އިދިކޮޅު ޓީމަށް އެއްވެސް ގެއްލުމެއް ވާގޮތަށް އިންތިޒާމް ހަމަޖައްސަން ބޭނުން ނުވާ ކަމަށެވެ.