04 ޖުލައި 2018 - 18:54

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލާ އެކު 3-0 އިން ބ. ފެހެންދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަަނަ އަށް މިއަދު ޖެހިލައިފި އެވެ.

ޓީސީ އެއް ވަނައިގައި އޮތީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

ޓީސީން ވަނީ ފުރަތަމަ މެޗުގައި، މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމެއް ކަމަށްވާ ފ. ނިލަންދޫގެ މައްޗަށް 6-1 އިން ކުރި ހޯދައިފަ އެވެ. ފެހެންދޫ ވަނީ ފުރަތަމަ މެޗުގައި ވިކްޓަރީއާ އެއްވަރުކޮށްފަ އެވެ.
މިއަދުގެ މި މެޗަށް ޓީސީ ނުކުތީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބެންޗުގައި ބައިންދައިގެންނެވެ. އެކަމަކު އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ދަގަނޑޭ ފުރަތަމަ އެގާރައިގައި ކުޅުނެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު ދަގަނޑޭ ވަނީ ޓީސީ އަށް ކުޅެދިން ދެ މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ.
މެޗު ފަށައިގެން ޓީސީން އެއްކޮށް ކަހަލަ ގޮތަކަށް ކުރިއަށް ޖެހިގެން ކުޅުނުއިރު ފެހެންދޫ އިން ކުޅުނީ ފަހަތަށް ޖެހިގެންނެވެ. އެ ވަގުތު އޭރިއާ ތެރެއިން ދަގަނޑޭ އަށް ފައުލް ކުރި ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން ޓީީސީން ޕެނަލްޓީ ހޯދަން އެޕީލްކުރި އެވެ.
ޓީސީން ލީޑު ނެގީ މެޗުގެ 22 ވަަނަ މިނިޓްގައި ދަގަނޑޭ ޖެހި ގޯލުންނެވެ. މުހައްމަދު ސާމިރް އަރިމަތިން ނަަގައިދިން ހުރަހަކުން ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ. އޭގެ ދެ މިނިޓް ފަހުން ދަގަނޑޭ ދިން ބޯޅައަކުން އޭރިއާ ތެރެއިން ބ. އޭދަފުއްޓަށް ނިސްބަތްވާ އިޝާން އިބްރާހިމް (ސައްޓު) ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗުގެ 35 ވަނަ މިނިޓްގައި ޓީސީގެ އިބްރާހިމް ވަހީދު (އިއްބެ) ޖެހި ބޯޅައިގައި ބާރެއް ނެތުމުން ފެހެންދޫގެ ކީޕަރު އިބްރާހިމް ޒަޔާން ވަނީ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން އެ ޓީމަށް ކުޅޭ މިސްރު ޑިފެންޑަރު އަލާ ނާސިރު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީން ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ސާމިރް ކުޅުންތެރިއެއް ކައިިރިން ނައްޓާލުމަށް ފަހު ޖެހި ބޯޅަ ކީޕަރު ޒަޔާން ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ފެނިގެންދިޔައީ ފެހެންދޫ އިން ޑިފެންސް ކުރި ތަނެވެ. މި ހާފުގެ ކުރީކޮޅުގައި ދަގަނޑޭ ނަގައިދިން ބޯޅައެއް ސައްޓު ބޮލުން ފޮނުވައިލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން ހިލޭ ޖެހުމަކުން އިއްބެ ފޮނުވައިލި ބޯޅަ އަމާޒުވީ ހުރަސްދަނޑި އަށެވެ.
ޓީސީން ވަނީ މެޗުގެ 66 ވަނަ މިނިޓްގައި ޔާމީން އިބްރާހިމް (ޔާމްބެ) ގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ ހަތަރު މިނިޓް ތެރޭ ފޭދޫ އިއްބެ ވަނީ ޓީސީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ސައްޓު ދިން ބޯޅައަކުންނެވެ.
ފެހެންދޫ އަށް މުޅި މެޗުގައި ވެސް ލަނޑެއް ޖަހަން ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު ލިބުނީ މެޗުގެ 79 ވަނަ މިނިޓްގައި ހުސެއިން އީމާން އަށެެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ފެހެންދޫން ވަނީ މެޗުގެ ފަހު 15 މިނިޓަށް އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) ކުޅެން އަރުވައިފަ އެވެ.
މެޗުގެ 82 ވަނަ މިނިޓްގައި ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން ސޮލާހު ނަަގައިދިން ހުރަހަކުން ދަގަނޑޭ މި ލަނޑު ޖެހީ ބޮލުންނެވެ.
އިތުރު ވަގުތުގައި އޭރިއާ ތެރެއިން ފެހެންދޫގެ އާދަމް ނިޒާމް (ކިތުނަ) އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅައިގައި ބާރެއް ނެތްއިރު ޓީސީގެ ކީޕަރު ނޭޕާލްގެ ކިރަން ޝެމްޝޮން ވަނީ ފަސޭހަކަމާ އެކު އަތަށް ނަަގައިފަ އެވެ. އޭގެ ފަހުން އެ ޓީމުގެ ހަސަން ސުޖާއު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ފެހެންދޫގެ ކޯޗަކީ ކުރިން ވިކްޓަރީ އަށް ކުޅުނު އިސްމާއިލް އަނިލް އެވެ. އަނިލް މިއަދުގެ މެޗުގައި ފެހެންދޫގެ ބެންޗުން ނުފެނުނުއިރު، މި މެޗުގައި އެ ޓީމަށް އިރުޝާދު ދިނީ މެނޭޖަރު މޫސާ ނަސީމް ބުނީ މި ލީގުގައި މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ކޮޅަށް ތަފާތު ބޮޑު ނަތީޖާތަކެއް ނުކުންނަމުންދާތީ ފެހެންދޫން ވިސްނީ ވަންނަ ލަނޑު މަދުކުރުމަށް ކަމަށާއި މި މެޗުގައި ދެއްކި ކުޅުމާއި ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
މުޅި މެޗަށް ބަލާއިރު ފެހެންދޫން ކުޅުނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ޖެހިގެންނެވެ. ނިޒާމްބެ ބުނީ އެ ގޮތަށް ކުޅުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އެންމެ މުހިއްމު ކަމަކީ ތިން ޕޮއިންޓް ހޯދުން ކަމަށް ވެފައި އެކަން ހާސިލް ވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
ޓީސީ އަށް ލީގުގައި ދެން ކުރިއަށް އޮތީ މާލޭ ލީގުގެ ޓީމުތަކާ ދެކޮޅަށް ކުޅާ ހަަތަރު މެޗެވެ. ނިޒާމްބެ ބުނީ އެ މެޗުތަކަށް ދާއިރު ފުރަތަމަ ދެ މެޗުން މޮޅުވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި މިއީ ޕްރިމިއާ ލީގު ކަމަށްވުމުން ލިބޭ ކޮންމެ ޕޮއިންޓެއް ވެސް މުހިއްމުވާނެ ކަމަށެވެ.