އިންތިޚާބުގެ ކުރިން ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަން ދޭން ގޮވާލައިފި
އިންތިޚާބުގެ ކުރިން ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަން ދޭން ގޮވާލައިފި

އިސްލާމްއާބާދު (ޖުލައި 4) - ޕާކިސްތާނުގައި މި މަހު ފަހުކޮޅު އާއްމު އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު މީޑިއާގެ މިނިވަންކަން ދިނުމަށް އެމެރިކާގެ އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން ގޮވާލައިފި އެވެ.

ސީޕީޖޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޮއެލް ސިމޮން ސޮއިކުރައްވާ ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރު ނާސިރުލް މުލްކަށް ފޮނުއްވި ސިޓީއެއްގައި ވަނީ މި މަހު 25 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުޅުވާލައި މީޑިއާ އަށް ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ރިޕޯޓާސް ވިތައުޑް ބޯޑާސްގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ގައުމުގެ ތެރޭން ޕާކިސްތާން ރޭންކްކޮށްފައި ވަނީ 139 ވަނައިގަ އެވެ.

މީޑިއާގެ ހައްގުގައި މަސައްކަތް ކުރާ އާރުއެސްއެފް އިން ވެސް މިދިޔަ މަހު ވަނީ ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަން ދިނުމަށް އެދި އެ ގައުމުގެ ސަރުކާރަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޕާކިސްތާން ސަރުކާރަށް ފާޑުކިޔާ ނޫސްވެރިއަކު ދާދި ފަހުން ވަނީ ވަގަށް ނަގައިފަ އެވެ. އަދި އިންވެސްޓިގޭޓިވް ނޫސްވެރިއަކަށް ލާހޯރުގައި ވަނީ މާސްކް އަޅައިގެން ތިބި ބަޔަކު މިދިޔަ މަހު ހަމަލާދީފަ އެވެ.