04 ޖުލައި 2018 - 14:56

ކުއާލަ ލަމްޕޫރު (ޖުލައި 4) - މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް އިންޑިއާ އަށް މިއަދު ޑިޕޯޓްކޮށްލާނެ ކަމަށް މެލޭޝިއާ ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ވާހަކަތައް ޒާކިރު ނައިކް ދޮގުކޮށްފި އެވެ.
އުމުރުން 52 އަހަރުގެ މެޑިކަލް ޑޮކްޓަރު ވިދާޅުވީ އެ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށާއި އޭނާ އިންޑިއާ އަށް ދާން ނޫޅޭ ކަމަށެވެ.
"އިންޑިއާ އަކީ އަޅުގަނޑަށް ރައްކާތެރި ތަނަކަށްވީމަ ނޫނީ އެ ގައުމަށް ދިއުމުގެ ޚިޔާލެއް ނެތް. އިންޑިއާ ސަރުކާރުން އަޅުގަނޑާ މެދު އިންސާފުން ކަންކުރާނެކަން ޔަގީން ކުރެވުމުން އިންޑިއާ އަށް ދާނަން،" ޒާކިރް ނައިކް ވިދާޅުވި އެވެ.
އިންޑިއާ ދޫކޮށް ޒާކިރު ނައިކް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އެއީ އެ އަހަރު ޑާކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ހިތްވަރު ލިބުނު ބައެއް ކަމަށް ތުހުމަތު ކުރުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފާނެ ކަމަށް ބެލެވުމުންނެވެ. އޭގެ ފަހުން ޒާކިރް ނައިކް ދިރިއުޅުއްވަނީ މެލޭޝިއާގެ ޕުތުރާޖަޔާގަ އެވެ. ބާވީސް މީހުން މަރުވި އެ ހަމަލާ އަށް ފަހު ޒާކިރް ނައިކުގެ ޕީސް ޓީވީ ވަނީ ބަންގްލަދޭޝްގައި މަނާކޮށްފަ އެވެ.
އިންޑިއާގެ އިންވެސްޓިގޭޓަރުން ދަނީ ޒާކިރް ނައިކް އަނބުރާ ފޮނުވައިދިނުމަށް މެލޭޝިއާގައި އެދެމުންނެވެ. އަދި އޭނާ އަކީ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީން ހޯދާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. މެލޭޝިއާ އިން ބުނެފައި ވަނީ ޒާކިރް ނައިކް ހޯދަން އިންޑިއާ އިން ރެޑް ނޯޓިސް ނެރެފައި ނުވާ ކަމަށެވެ.
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ޒާކިރް ނައިކް އެ ގައުމުގައި ބެހެއްޓުމުގައި ދަތިތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށްވެ އެވެ.
ޒާކިރް ނައިކް މެލޭޝިއާގައި ހުންނަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މެލޭޝިއާ ސަރުކާރުގެ އޮފިޝަލަކު ބުނެފައި ވަނީ އެއީ ކުރީގެ ސަރުކާރަށް ކުރަން ޖެހޭ ސުވާލެއް ކަމަށެވެ.
މެލޭޝިއާ އިން ޒާކިރް ނައިކަށް ވަނީ ޕާމަނެންޓް ރެސިޑެންސީ ވެސް ދީފަ އެވެ. އަދި މެލޭޝިއާގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ޒާކިރް ނައިކްއާ ގުޅުން އޮވެ އެވެ.