04 ޖުލައި 2018 - 13:40

ފީފާ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި ރޭ ކޮލަމްބިއާ އަތުން ޕެނަލްޓީ ޖަހައިގެން އިންގްލެންޑް މޮޅުވުމަކީ އެ ގައުމަށް ތާރީހީ ނަތީޖާއެކެވެ. ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް އެ ގައުމުން ޕެނަލްޓީގައި ކުރި ހޯދީ އެވެ. މެޗާ އެއްވެސް ގުޅުމެއް ނެތަސް އަދި ވޯލްޑް ކަޕުގައި ދިވެހިރާއްޖެ ނުކުޅުނަސް ރޭގެ މެޗަކީ ދިވެހިންނަށް ވެސް ތާރީހީ މެޗެކެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގެ ސްޕާޓަކް ސްޓޭޑިއަމަށް ވަދެ ތިބި ސާޅީހަކަށް ހާސް މީހުންގެ ތެރޭގައި 18 ދިވެހިން ހިމެނި، ވޯލްޑް ކަޕުގެ މެޗަކަށް އެންމެ ގިނަ ދިވެހިން ވަން މެޗަށް ރޭގެ މެޗު ވާނެ އެވެ.

ކޮކާކޯލާގެ ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި އަދި ނޫސްވެރިންގެ ގޮތުގައި އެ ކުންފުނިން ގެންދިއަ މީހުން ދަނޑުގައި ތިބެ އިންގްލެންޑް ނުވަތަ ކޮލަމްބިއާ އަށް ސަޕޯޓްކުރި ނަމަވެސް، ހިތުގައި އޮތީ ރާއްޖެ އެވެ. އަތުގައި އޮތީ ދިވެހި ދިދަ އެވެ.

"އަޅުގަނޑުމެންނަށް މި ލިބުނީ ވަރަށް ނުލިބޭނެ ފަދަ ފުރުސަތެއް. އަދި މިހާ ގިނަ ދިވެހިން އެއް ފަހަރާ ވޯލްޑް ކަޕުގެ މެޗަކަށް ވަންހެނެއް ހީނުވޭ. އެހެންވެ ބޭނުންވަނީ މިތަނުގައި ރާއްޖެ ތަމްސީލްކުރަން. ދިވެހި ދިދައިގެ ކުލަތައް ދަނޑުން ދައްކާލަން ބޭނުންވަނީ،" ދިދަ ވިހުރުވަމުން ދިޔަ ބައިވެރިއަކު ބުންޏެވެ.

ވޯލްޑް ކަޕް ނުކުޅޭ ގައުމުތަކުގެ ސަޕޯޓަރުން ދަނޑަށް ވަންނައިރު އެ ގައުމެއްގެ ދިދަ ގެންދެ އެވެ. އެކަމަކު ރާއްޖޭގެ ދިދަ އަށް ހާއްސަ ސަމާލުކަމެއް ލިބުނެވެ. އެއް ސަބަބަކީ އާއްމުކޮށް ނުފެންނަ ދިދައަކަށްވެ، ކޮންމެ ގައުމެއްތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެއް ބަޔަކަށް ވަގުތުން ރާއްޖެކަން އެނގެ އެވެ. ހާއްސަކޮށް އިނގިރޭސި ސަޕޯޓަރުންނަށެވެ. ދިވެހިންނާ އެކު ދިވެހި ދިދަ ހިފައިގެން ތިބި ފޮޓޯ ވެސް ނެގި އެވެ.

"ވަރަށް އުފާވެއްޖެ މިފަދަ ފުރުސަތެއް ލިބޭތީ،" އެންމެންގެ ދުލު ކުރީ ބަހަކީ މިއެވެ. ސްޓޭޑިއަމަށް ދިއުމަށްޓަކައި ބަހުގައި އެންމެން ނެގި ފޯރިން ވެސް އެކަން ސާބިތުވެ އެވެ. އެތައް މިލިއަން ބަޔަކު ޓީވީ ދޮށުގައި ތިބެގެން ބަލަމުން އަންނަ މެޗު ހަމަލޮލުން ބަލައިލަން ދަނޑަށް ވަދެލެވުމަކީ ހަގީގަތުގައި ވެސް އުމުރުދުވަހުގެ ފުރުސަތެކެވެ.
އަނެއްކާ ހަމައެކަނި ދަނޑަށް ވަދެވުނީކީ ނޫނެވެ. މެޗު ބަލަން ތިބީ އެންމެ ރަނގަޅު ހިސާބުގަ އެވެ. ދަނޑުގެ މެދުރޮނގާ ދިމާލުން، ޕިޗާ އެހާމެ ކައިރީގައި ޕްރިމިއަމް ޓިކެޓުގައި ބެޗު ބަލަމުން ދިޔައިރު ދަނޑުގެ ހުރިހާ ދިމާލެއްގެ މަންޒަރުތައް ފެނެ އެވެ. ޖެހިގެން ތިބީ އިނގިރޭސި ކުޅުންތެރިންގެ އާއިލާތަކެވެ. މެޗުގެ އޮއިވަރާ އެކު އެ ކުޅުންތެރިންގެ އަނބިދަރީންނާއި މަންމައިންނާއި ބައްޕަމެންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުތައް ފެނިގެން ދިޔަ އެވެ.
އަނެއްކާ ފުޓްބޯޅަ މެޗެއްގައި ދަނޑުމަތީގައި ފެންނާނެ ހުރިހާ މުހިއްމު ކަމެއް ފެނިގެން ދިޔަ އެވެ. ފަހު ސިކުންތުގެ ގޯލަކާއި ޕެނަލްޓީ ޝޫޓްއައުޓެކެވެ. އިނގިރޭސިން މޮޅުވަމުން ދަނިކޮށް ފަހު ވަގުތު ކޮލަމްބިއާ ޖެހި ގޯލާ އެކު އިނގިރޭސި ސަޕޯޓަރުންނަށް އެރި ހުއްޓުމާއި ކޮލަމްބިއާ ސަޕޯޓަރުން އުތުރި އަރައި ގަތްގަތުން ފެނުނެވެ.
ދެ ގައުމުގެ ސަޕޯޓަރުންގެ އަދަދު ދާދި ހަމަހަމަ ނަމަވެސް ކޮލަމްބިއާ އެންމެން ރީނދޫ ޖާޒީގައި ތިބުމުން ބައިގިނަ ކަމަށް ދައްކަނީ އެ ގައުމުގެ ސަޕޯޓަރުންނެވެ. އަނެއް ސަބަބަކީ އެ ގައުމުގެ ސަޕޯޓަރުން ދިން ފުރިހަމަ ތަރުހީބެވެ. އެއާ އެކު މުޅި ދަނޑުގައި އޮތީ ކޮލަމްބިއާ ސަޕޯޓަރުން ހެން ހީވި ދަނޑިވަޅުތައް ދިޔަ އެވެ. އިނގިރޭސި ކުޅުންތެރިއަކު ބޯޅަ ޖަހާ ކޮންމެ ފަހަރަކު ކޮލަމްބިއާ ހުރިހާ ސަޕޯޓަރުން ލައްވާލާ އަޑާ އެކު މުޅި ދަނޑަށް އެނގުންވެ އެވެ. އަދި އިނގިރޭސިން ތަރުހީބު ދޭން ފަށާ ކޮންމެ ފަހަރަކު ކޮލަމްބިއާގެ އަޑުގަދަ ސަޕޯޓަރުން މުޅި ދަނޑު އެ މީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެ އެވެ.
"ބައި ގިނައީ އިނގިރޭސިންގެ. އެކަމަކު ތަރުހީބު ދިނުމުގައި ކޮލަމްބިއާ ސަޕޯޓަރުން ވަރެއް ނެތް،" ބައިވެރިއަކު ބުންޏެވެ.
އެކަން އަހަރެމެންގެ ކުރިމަތިން އެކަނި ވެސް ފެނުނެވެ. ކޮލަމްބިއާގެ ހަމަ އެންމެ ސަޕޯޓަރެއް މުޅި އެ ސަރަހައްދު ހިފަހައްޓާލި އެވެ. އެއާ އެކު އެތަނުގައި ތިބި އެހެން ގައުމުތަކުގެ ސަޕޯޓަރުން ވެސް އޭނާއާ ބައިވެރިވެ ކޮލަމްބިއާ އަށް ތަރުހީބު ދިނެވެ. ކޮލަމްބިއާ ބަލިވުމާ އެކު މާޔޫސްވެ ރޮވިފައި ހުރި އެ ޒުވާން ސަޕޯޓަރަށް ދިވެހިން ހިތްވަރުދީ ހެދި އެވެ.
ކޮލަމްބިއާގެ ކުރީގެ ތަރި ކާލޯސް ވަލްޑްރޭމާގެ ވަރުގަދަ ބުޅި އިސްތަށިގަނޑު ސިފަކޮށްދޭ ވިގެއް އަޅައިގެން ހުރި އެ ގައުމުގެ ސަޕޯޓަރަކާއި އިނގިރޭސި ސަޕޯޓަރަކާ ހިނގި ދެބަސްވުމެއް ފިޔަވައި، އިތުރު "ހަމަނުޖެހުމެއް" ނުހިނގަ އެވެ. ދެ ގައުމުގެ ސަޕޯޓަރުން މަސްހުނި ހިސާބުގައި ވެސް ތަރުހީބު ދެމުން ދިޔައީ މައްސަލައެއް ނެތި އެވެ. އަދި ކޮލަމްބިއާ ސަޕޯޓަރުން މާޔޫސްކަންމަތީ، އިނގިރޭސިން ލަވަކިއަމުން ދަނޑުން އެއްކޮށް ނުކުމެގެން ދިޔައިރު ވެސް ފެނުނީ ފުޓްބޯޅައިގެ ރީތިކަމެވެ.
"ހަމައެކަނި މެޗު ބަލާލެވުމެއް ނޫން. ފުޓްބޯޅަ ކުރެވޭނެ ހުރިހާ ތަޖުރިބާއެއް ކުރެވި، ހުރިހާ މަންޒަރެއް ފެނިއްޖެ،" ބައިވެރިއަކު ބުންޏެވެ.
މި ދަތުރުގައި ކޮކާކޯލާ އިން ނަސީބުވެރިންނަށް ދިނީ ހަމައެކަނި މެޗު ބެލު ބެލުމުގެ ފުރުސަތެއް ނޫނެވެ. އާދީއްތަ ދުވަހު ހެނދުނު މޮސްކޯ އަށް އައި ޓީމަށް ދެ ދުވަހުގެ ފުރިހަމަ ޓުއާއެއް ދިނެވެ. ސިޓީގެ މުހިއްމު ހުރިހާ ތަނެއް ބެލުމުގެ ފުރުސަތާއި މޮސްކޯ ކޯރުގެ ކްރޫޒް ޓުއާއެއް ވެސް އޮތެވެ.
މުބާރާތުގައި ސްޕެއިނާއި މޮރޮކޯ ބައްދަލުކުރި މެޗު ބަލަން ވެސް ކޮކާކޯލާ އިން 10 ނަސީބުވެރިއަކަށް މޮސްކޯ އަށް ފޮނުވި އެވެ. މާނައަކީ ވޯލްޑް ކަޕުގެ އެންމެ ބޮޑު އެއް ޕާޓްނަރު ކޮކާކޯލާ އިން 28 ދިވެއްސަކަށް ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ދިނުމެވެ. އަދި މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ އަށް ވެސް ކޮކާކޯލާ އިން ނަސީބުވެރިން ގެންދިއަ އެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގައި ވެސް ވީހާ ވެސް ގިނަ ދިވެހިންނަށް މިފަދަ ފުރުސަތެއް ލިބޭނެ ކަމަށް،" ބައިވެރިއަކު ބުންޏެވެ. "މިއީ ހަމަ މުޅި އުމުރު ދުވަހުގެ ފުރުސަތެއް."