ބަތަލާ ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަނީ
ބަތަލާ ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަނީ

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ބަތަލާ ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން އެމެރިކާގައި ފަރުވާ ހޯދަން ފަށައިފި އެވެ.

ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން 12 އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި 43 އަހަރުގެ ބަތަލާ ޓްވިޓާގައި މިއަދު އާންމު ކުރި ބަޔާނެއްގައި ސިފަ ކުރި ގޮތުގައި އޭނާ އަށް ޖެހިފައި ވަނީ "ހައި ގްރޭޑް" ކެންސަރުގެ ބާވަތަކެވެ. އަދި އެ ބައްޔަށް ނިއު ޔޯކްގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ބުންޏެވެ.

ސޮނާލީ ބުނި ގޮތުގައި ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަށެވެ. އަދި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށް ބުންޏެވެ.

"ހަމް ސާތު ސާތު ހޭ" އާއި "ސަރްފަރޯޝް" އަދި "ދިލްޖަލޭ" ފަދަ ފިލްމްތައް ކުޅެފައިވާ ސޮނާލީ ބުނި ގޮތުގައި މި ދަނޑިވަޅުގައި މުޅި އާއިލާގެ ފަރާތުން އޭނާ އަށް އަންނަނީ އަޅާލުމާއި ލޯތްބާއި އެހީތެރިކަން ލިބެމުންނެވެ. އަދި އާއިލާ އާއި ގާތް މީހުންގެ ހެޔޮދުއާ އޭނާއާ އެކުވައި ވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

ސޮނާލީ ކެންސަރަށް ފަރުވާ ހޯދާކަން ހިއްސާ ކުރުމާ އެކު، މުޅި ބޮލީވުޑް ކަހަލަ ގޮތަކަށް ވަނީ އޭނާ އަށް ހެޔޮދުއާކޮށް ޓްވީޓްތައްކޮށްފަ އެވެ.

ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުން ހުއްޓައިލި ނަމަވެސް، މި ފަހުން އޭނާ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސްކޮށްފަ އެވެ.

ފިލްމް "އާގް" އިން 1994 ގައި ބޮލީވުޑަށް ނުކުތް ސޮނާލީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2013 ގެ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" އެވެ.

ސޮނާލީއަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ހާނުން ކަމަށްވާ ޝާހްރުކް ހާނާއި އާމިރް ހާނާއި ސަލްމާން ހާނާ އެކު ފިލްމް ކުޅެން ފުރުސަތު ލިބުނު މަދު ބަތަލާއިންގެ ތެރެއިން އެކެކެވެ.

އޭނާ ކެންސަރުގެ ޝިކާރައަކަށްވީ އިރު، ބަތަލާ މަނީޝާ ކޮއިރަލާ އަދި ލީޒާ ރޭ ފަދަ ތަރިންނަކީ ވެސް ކެންސަރަށް ފަރުވާ ހޯދައިގެން، ފަސޭހަވެފައިވާ މީހުންނެވެ. އަދި އެކްޓަރު އިރްފާން ހާން ވެސް މިހާރު އަންނަނީ ކެންސަރުގެ ނާދިރު ވައްތަރަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުންނެވެ.