30 ޖުލައި 2016 - 23:17

ލ. ކައްދޫ އާއި ފޮނަދޫ ދެމެދު އޮންނަ ކޯޒްވޭގައި މިއަދު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެމީހުންގެ ހާލު ވެސް ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް މިރޭ މާލެ ގެންނާނެ ކަމަށް އެ މީހުންނަށް ފަރުވާ ދިން އަންނަ ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ،
މި އެކްސިޑެންޓް ހިނގީ ހަވީރު ހަތަރެއް ޖަހާކަށްހާއިރު ކައްދޫން ފޮނަދޫއަށް ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ކޯޒްވޭގައި ޖަހާފައިހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. ހޮޅިދަނޑީގައި ޖެހިފައި ސައިކަލުގައި ތިބި ދެމީހުން ވެސް ވެއްޓުނީ މޫދަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ސަމަދު ވިދާޅުވީ އެކްސިޑެންޓުވި ދެމީހުންގެ ވެސް ހާލު ސީރިއަސް ކަމަށެވެ. އެތަނުން އެކެއްގެ މޫނާއި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އަނގައިގެ އެތެރެއިން ވެސް ވަރަށް ބޮޑަށް ލޭ އަންނަ ކަމަށް ސަމަދު ވިދާޅުވި އެވެ. އަނެއް މީހާގެ ބޮލަށް ވެސް އެކި ޒަހަމްތައް ލިބިފައިވާއިރު އެތެރެހަށިން ލޭ އަންނަކަން ފާހަގަކުރެވޭ ކަމަށް ވެސް ސަމަދު ވިދާޅުވި އެވެ.