އިކުއެޑޯގެ ކުރީގެ ރައީސް ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފި
އިކުއެޑޯގެ ކުރީގެ ރައީސް ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފި

ގުއިޓޯ (ޖުލައި 4) - އިކުއެޑޯގެ ކުރީގެ ރައީސް ރަފޭލް ކޯރެއާ ހައްޔަރު ކުރަން ކޯޓު އަމުރެއް މިއަދު ނެރެފި އެވެ.

އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އިދިކޮޅު މީހަކު 2012 ވަނަ އަހަރު ކިޑްނެޕް ކުރުމުގައި ކޯރެއާގެ ރޯލެއްވާ ކަމަށް ތުހުމަތުކޮށްގެންނެވެ. އަނބިކަނބަލުންގެ ގައުމު ބެލްޖިއަމްގައި މިހާރު ދިރިއުޅުއްވާ ކޯރެއާ ވަނީ އެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއް ކަމަށްވާ ފެނާންޑޯ ބާލްޑާ ކިޑްނެޕްކޮށްފައި ވަނީ ކޮލަމްބިއާ އިންނެވެ. އޭނާ އެ ގައުމަށް ދިޔައީ ކޯރެއާއާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުމުންނެވެ. ބާލްޑާ ތުހުމަތުކޮށްފައި ވަނީ އޭނާ ވަގަށް ނަގާފައި ވަނީ ކޯރެއާގެ ރޭވުމަކުން ކަމަށެވެ. ކޯރެއާއާ ދެކޮޅަށް 2010 ވަނަ އަހަރު ބަޣާވާތް ކުރަން އުޅުނުކަމުގެ ތުހުމަތު އެ ދުވަސްވަރު ބާލްޑާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ފަނޑިޔާރު ވަނީ އުމުރުން 55 އަހަރުގެ ކޯރެއާ ހައްޔަރުކޮށްގެން އިކުއެޑޯ އަށް ފޮނުވައިދިނުމަށް އިންޓަޕޯލުގައި ވެސް އެދިފަ އެވެ. ފަނޑިޔާރު ވިދާޅުވީ މީހަކު ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް އެއްބާރުންދީ އަދި ކޯޓަށް ހާޒިރުވުމަށް ކުރިން އެނގި އަމުރަށް ކޯރެއާ ތަބާވެފައި ނުވާ ކަމަށެވެ. އެކަމަކު އިކުއެޑޯގެ ކޯޓަށް ހާޒިރުވުމުގެ ބަދަލުގައި ކޯރެއާ ވަނީ ބްރެސަލްސްގައި ހުންނަ އިކުއެޑޯގެ ކޮންސިއުލޭޓަށް ހާޒިރުވެފަ އެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ އަމުރު ނެރެފައި ވަނީ ކޮންސިއުލޭޓަށް ހާޒިރުވާން ނޫން ކަމަށެވެ.

އިކުއެޑޯގައި ތިން ދައުރު ވެރިކަން ކުރައްވާފައިވާ ކޯރެއާ ތުހުމަތު ކުރަނީ އޭނާއާ ދެކޮޅަށް މިހާރުގެ ރައީސް ލެނިން މޮރެނޯ ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. މޮރެނޯ އަކީ ކޯރެއާގެ ކުރީގެ ނައިބެވެ.