04 ޖުލައި 2018 - 12:37

ވޯސޯ (ޖުލައި 4) - ޕޮލެންޑުގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މަގާމު ގެއްލޭ ގޮތަށް ފާސްކުރި ގާނޫނަށް އެ ގައުމުގެ އުއްތަމަ ފަނޑިޔާރު މަލްގޯޒާޓާ ގާސްޑޯފް ދެކޮޅު ހައްދަވައިފި އެވެ.
އާ ގާނޫނުގެ ދަށުން އުއްތަމަ ފަނޑިޔާރު ގާސްޑޯފް ވެސް ރޭ މެންދަރު 12 ގެ ފަހުން އިސްތިއުފާ ދޭންޖެހެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތަރުޖަމަނާކު ވިދާޅުވީ އާދައިގެ މަތިން އެކަމަނާ މިއަދު ވެސް ސުޕްރީމް ކޯޓަށް ވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 65 އަހަރުވުމުން ރިޓަޔާ ކުރަން ޖެހެ އެވެ. ކުރިން އޮންނަ ގޮތުން ރިޓަޔާ ކުރަން ޖެހޭ އުމުރަކީ 70 އަހަރެވެ. އާ ގާނޫނުގެ ދަށުން ޕޮލެންޑުގެ ސުޕްރީމް ކޯޓުގެ 40 ޕަސެންޓް ފަނޑިޔާރުން ރިޓަޔާ ކުރަން ޖެހެ އެވެ.
އުއްތަމަ ފަނޑިޔާރު ގާސްޑޯފް ވިދާޅުވެފައި ވަނީ އެއީ ރިޓަޔާމެންޓް އުމުރެއް ކަނޑައެޅުމުގެ ނަމުގައި ސުޕްރީމް ކޯޓް "ސާފުކޮށްލަން" ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
ޕޮލެންޑުގެ ކަނާތު ފިޔައިގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން އިން ހޯމަ ދުވަހު ވަނީ އިންޒާރު ދީފަ އެވެ. ސަބަބަކީ އެ ބިލަކީ ފަނޑިޔާރުންގެ މުސްތަގިއްލުކަން ގެއްލޭ ބިލަކަށްވާތީ އެވެ. ޕޮލެންޑް ސަރުކާރުން ބުނެފައި ވަނީ އެ ގާނޫނު ފާސްކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރަން ކަމަށެވެ.