ގެލަކްސީ ނޯޓް 9: އެސް ޕެން ބްލޫޓޫތު ޑިވައިސްއަކަށް
ގެލަކްސީ ނޯޓް 9: އެސް ޕެން ބްލޫޓޫތު ޑިވައިސްއަކަށް

ސެމްސަންގް ގެލަކްސީ ނޯޓް އާއިލާގައި ކޮރުނުޖަހާ މެންބަރަކު ނެތީ އެވެ. ސްކްރީންގައި ކޮއްޓަން ގެންގުޅޭ ދަނޑިކޮޅުގެ އެހީއާ ނުލައި، ނޯޓް މަރުކާގެ ސްމާޓްފޯނުތަކަށް ހައިބަތު ދައްކާލެވޭ ގޮތެއް ނުވެ އެވެ. ގެލަކްސީ ނޯޓް 9 އަށް ވެސް ހަމަ އެ ހާލު ޖެހޭނެ ކަމަށް ވެ އެވެ. އެކަމަކު މި ފަހަރު، ނޯޓް 9 އަކަށް ވުރެ، ދަނޑިކޮޅު "އެސް ޕެން" މާ ބޮޑަށް ވެސް ކުޅަދާނަ ކަމަށް ބުނެވެން ފަށައިފި އެވެ.

ގެލަކްސީ ނޯޓް 9 އާ އެކު "އެސް ޕެން" ބްލޫޓޫތު ޑިވައިސްއަކަށް ބަދަލުވަނީ އެވެ. އެ ވާހަކަތައް މިހާރު ވަރަށް ގަދަ އަށް އެބަ ދެކެވެ އެވެ. އެސް ޕެން އަކީ ހަމައެކަނި ސްކްރީންގައި ކުރަހަން ގެންގުޅޭ ދަނޑިކޮޅަކަށް ދެން ނުވާނެ ކަމަށް ބުނެވެ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 9 އާންމުކުރަން ބާއްވާ ހަފުލާ އަށް ދައުވަތު ފޮނުވުމުގައި، ސެމްސަންގުން ބޭނުންކޮށްފައި ވަނީ ނޯޓް 9ގެ އެސް ޕެންގެ ކުރެހުމެކެވެ. އެސް ޕެންގެ ބޯ ފެންނަ ގޮތަށް ކުރެހުން ތައްޔާރުކޮށްފައި ވަނީ ކޮންމެ ވެސް މާނައެއް ދޭހަވާ ގޮތަށެވެ. ބަލާ މީހުން ތަރުޖަމާކުރަންވީ އެވެ.

އެސް ޕެން ބްލޫޓޫތު ޑިވައިސްއަކަށް ބަދަލުކުރުމުން އެ އަށް ބެޓެރީ ލައްވަން ޖެހޭނެ ކަމަށޤ ބެލެވެ އެވެ. އެ ނޫން ގޮތެއްގައި، ވަޔަލެސްކޮށް ނަމަވެސް ޗާޖުކުރަންޖެހޭނެ އެވެ. އެއީ އެސް ޕެންގައި ހިމަނާ ފީޗާތައް ބޭނުންހިފުމަށެވެ. އެސް ޕެންގައި ހިމަނާނެ ކަމަށް ބެލެވޭ ފީޗާތަކުގެ ތެރޭގައި، ފޯނާ ގުޅުވާލެވޭ ރިމޯޓްކޮންޓްރޯލަކަށް ވުން ގާތެވެ. އެ ގޮތުގައި، އޯޑިއޯ ޕްލޭޔަރުން ފައިލްތައް ޕްލޭކުރާއިރު، އެސް ޕެންގައި އިންނަ ފިތަށް އޮބާލުމުން، އެއް ޓްރެކުން އަނެއް ޓްރެކަށް ބަދަލުކޮށްލުވުން ހިމެނެ އެވެ. އަދި ގުރޫޕް ފޮޓޯއެއް ނަގާ ނަމަ، ޓައިމަރު ޖެއްސުމުގެ ބަދަލުގައި، އެސް ޕެންގެ ބަޓަނަށް އޮބާލުމުން ފަރުޖެހޭނެ އެވެ.

ސެމްސަންގުން އެސް ޕެން ބްލޫޓޫތު ޑިވައިސްއަކަށް ހަދައިފި ނަމަ، އޭގެ ދާއިރާ ފޯނު ދޫކޮށް ފުޅާވެ ދާނެ އެވެ. އެ ފަދަ އެއް މިސާލަކީ ދެގޮރު ހުޅުވަން ބޭނުންކުރާ ސްމާޓް ސެކިޔުރިޓީ ސިސްޓަމްތައް އަދި އެއް ޕްރޮޓޮކޯލަކުން މުވާސަލާތުކުރާ ބްލޫޓޫތު އެހެން ޑިވައިސްތައް ކޮންޓްރޯލްކުރެވުން ވެސް ހިމެނެ އެވެ.