05 ޖުލައި 2018 - 07:22

ތެލުގެ ވިޔަފާރިކޮށްގެން 70 ގެ އަހަރުތަކުގައި މަހުޖަނަކަށްވި، ބެލްޖިއަމަށް އުފަން ކުރީގެ މަޝްހޫރު ވިޔަފާވެރިޔާ މާކް ރިޗްގެ ވާހަކަ ކިޔައިދޭ ބައޮގަރަފިކަލް ޑްރާމާ "ދަ ކިންގް އޮފް އޮއިލް: ދަ ސީކްރެޓް ލައިވްސް އޮފް މާކް ރިޗް" ޓައިޓްލް ރޯލަށް މަޝްހޫރު އެކްޓަރު މެޓް ޑެމަން ސޮއިކޮށްފި އެވެ.

މި ފިލްމް އުފައްދަނީ ޔުނިވާސަލް ޕިކްޗާޒުންނެވެ.
ޑެނިއެލް އައްމާން 2009 ގައި ނެރުނު "ދަ ކިންގް އޮފް އޮއިލް" ބޮޑު ސްކްރީނަށް ގެންނަ އިރު، ވާހަކަ ސްކްރީންޕްލޭއަކަށް ފައްކާކުރަން ހަވާލުކޮށްފައި ވަނީ ޖޯއީ ޝްރަޕްނެލް އާއި އަނާ ވޯޓަހައުސްއާ އެވެ.
ފިލްމް ޑައިރެކްޓްކޮށް، މީގެ އެއް ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ ނަގަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ބިރުވެރި ފިލްމް "އަ ކްއައިޓް ޕްލޭސް" ގެ ޑައިރެކްޓަރު ޖޯން ކްރެސިންސްކީ އެވެ.
ނަމަވެސް "ދަ ކިންގް އޮފް އޮއިލް" ގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމްގެ މުޅި ކާސްޓާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު ޔަގީނުން ވެސް މި ފިލްމްވެގެން ދާނީ "ދަ މާޝަން" ފަދަ ފިލްމްތަކުގައި ވެސް ވަރުގަދަ އެކްޓިއެއް ދެއްކި ޑެމަންގެ ފޭނުން ވަރަށް އިންތިޒާރު ކުރާނެ ފިލްމަކަށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ޖޯޖް ކްލޫނީގެ "ސަބާބިކޮން" ގެ މުހިއްމު ރޯލެއް ކުޅުނު ޑެމަން، 47، އެންމެ ފަހުން ފެނިފައި ވަނީ މި އަހަރު ރިލީޒް ދެ ފިލްމެއްގެ ހާއްސަ ފެނިލުމަކުންނެވެ. އެއީ "އަންސޭން" އާއި "ޑެޑްޕޫލް 2" އެވެ.