04 ޖުލައި 2018 - 10:43

ކުއާލަ ލަމްޕޫރު (ޖުލައި 4) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ކޯޓަށް ހާޒިރުކޮށް ކޮރަޕްޝަނުގެ ދައުވާ މިއަދު ކޮށްފި އެވެ.

ނަޖީބުގެ މައްޗަށް އުފުލި ހަތަރު ދައުވާ އަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ. ހަތް މެންބަރުން ހިމެނޭ ނަޖީބުގެ ދިފާއީ ޓީމުގެ އިސް ވަކީލަކީ މުހައްމަދު ޝާފީ އަބްދުﷲ އެވެ.

ކަފާލާތުގެ ދަށުން ނަޖީބު ދޫކޮށްލަން ކޯޓުން ވަނީ ނިންމައިފަ އެވެ. ކަފާލާތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެއް މިލިއަން ރިންގިޓް (337،000 ޑޮލަރު) އެވެ. ނަމަވެސް ނަޖީބަށް ދޫކޮށްފައިވާ ދެ ޑިޕްލޮމެޓިކް ޕާސްޕޯޓް އަނބުރާ ހަވާލު ކުރަން ކޯޓުން ވަނީ އަންގައިފަ އެވެ.
މެލޭޝިއާގެ ގާނޫނުލް އުގޫބާތުގެ 409 ވަނަ މާއްދާ އާއި 23 ވަނަ މާއްދާގެ ދަށުން ނަޖީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އަށް 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.
ނަޖީބާ ދެކޮޅަށް ދައުވާ ކުރާ 12 މެންބަރުންގެ ޕްރޮސެކިއުޝަން ޓީމުގެ އިސް މެންބަރަކީ އާ އެޓާނީ ޖެނެރަލް ޓޮމީ ތޯމަސް އެވެ. ކަފާލާތުގެ ދަށުން ނަޖީބު ދޫކޮށްލަން ޕްރޮސެކިއުޓަރުން ދެކޮޅު ހަދައިފައެއް ނުވެ އެވެ. އެކަމަކު ދައުވާ ކުރާ ފަރާތުން ކަފާލާތުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ ހަތަރު މިލިއަން ރިންގިޓް (1.3 މިލިއަން ޑޮލަރު) އެވެ. އަދި ނަޖީބުގެ ޕާސްޕޯޓް ކޯޓަށް ހަވާލު ކުރުމަށް ވެސް އެދިފައިވެ އެވެ.
އުމުރުން 64 އަހަރުގެ ނަޖީބު ހައްޔަރު ކުރީ އިއްޔެ އެވެ.
ނަޖީބުގެ މައްޗަށް ދައުވާ އުފުލި ޝަރީއަތުގެ މަޖިލީހަށް އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރު ހާޒިރެއް ނުވެ އެވެ. ރަސްމާގެ ވަކީލް ވަނީ އެކަމަނާ ކޯޓަށް ނުދިއުމަށް ލަފާ ދެއްވައިފަ އެވެ. ނަމަވެސް ނަޖީބުގެ ދެ ބޭފުޅުން ކަމަށްވާ ވިޔަފާރިޔާ އަޝްމާން ނަޖީބު، 27، އާއި ނޫރިޔާނާ ނަޖީބު، 30، ކޯޓަށް ހާޒިރުވި އެވެ.
އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި ނިންމާފައި ވަނީ އެއީ ސައުދީ އަރަބިއާ އިން ދިން އެހީއެއް ކަމަށެވެ.
މެއި 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމެވެ. ނަޖީބު ބަލިކުރުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދުގެ ސަރުކާރުން ވަނީ ނަޖީބާއި އަނބިކަނބަލުން ރަސްމާ މަންސޫރު ފުރުން މަނާކޮށްފަ އެވެ.
ނަޖީބާއި އޭނާގެ އަނބިކަނބަލުންނާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.