04 ޖުލައި 2018 - 10:50

ބީނޯސް އޭރީޒް، އާޖެންޓީނާ (ޖުލައި 4) - އާޖެންޓީނާގެ ކޯޗަކަށްވުމުގެ ފުރުސަތު އަލުން ލިބިއްޖެ ނަމަ އެއްވެސް މުސާރައެއް ނުނަގާނެ ކަމަށް އެ ޓީމުގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ނަތީޖާތަައް ދަށްވެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ މަގާމުން އިސްތިއުފާދިނުމަށް ވަނީ ނިންމައިފަ އެވެ. އޭނާ އެ ގޮތަށް ނިންމީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން އެކަންޏެވެ. އަނެއް ދެ މެޗުގެ ތެރެއިން އައިސްލެންޑާ 1-1 އިން އެއްވަރުވި އިރު، ކްރޮއޭޝިއާ އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އަދި މުބާރާތުން ކެޓީ މިދިޔަ ހޮނިހިރު ދުވަހު ފްރާންސް އަތުން 4-3 އިން ބަލިވުމުންނެވެ.
"ހޭންޑްސް އޮފް ގޯޑް"ގެ ނަމުގައި ދާދި ފަހުން ކުރިއަށްދިޔަ ވެނެޒުއޭލާގެ ޓީވީ ޝޯއެއްގައި ވާހަކަ ދައްކަމުން މަރަޑޯނާ ބުނީ އާޖެންޓީނާ ޓީމު އޮތް ހާލަތާ މެދު އޭނާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
"އަހަރެން ބޭނުން އަލުން އާޖެންޓީނާ އަށް ކޯޗުކޮށްދޭން. އަހަރެންނަށް އެ ފުރުސަތު ދީފިއްޔާ ހިލޭ ކޯޗުކޮށްދޭނަން. ބަދަލުގައި އެއްވެސް އެއްޗެއް ނުނަގާނަން،" އުމުރުން 57 އަހަރުގެ މަރަޑޯނާ ބުންޏެވެ. "އަހަންނަށް ވަރަށް ކެތް ކުރަން އުނދަގޫ އަހަރެމެންނަށް ވުރެން ދަށް ޓީމުތަކުން ނެރޭ ނަތީޖާތައް ބަލަން."
އާޖެންޓީނާގެ މިހާރުގެ ކޯޗު ސަމްޕައޮލީގެ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އެބައޮތެވެ. ސަމްޕައޮލީގެ ނުގަބޫލުގައި އެ އެއްބަސްވުން އުވާލާނަމަ އޭނާ އަށް 15 މިލިއަން ޑޮލަރު ދޭން ޖެހެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ނައިޖީރިއާ އަތުން އާޖެންޓީނާ 2-1 އިން މޮޅުވި މެޗު ކުޅެމުންދިޔަ އިރު ވަރަށް ބޮޑަށް ޖަރުބާތުގައި ޖެހިފައި އިން މަރަޑޯނާ މެޗުގެ ތެރޭން ޑޮކްޓަރަށް ދައްކަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
އެ މެޗުގައި ނައިޖީރިއާ އެއްވަރު ކުރި ވަގުތު މަރަޑޯނާ ފެނުނީ ފެންކަޅިވެފައި އިންދަ އެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމުނު ނަމަ އާޖެންޓީނާ މުބާރާތުން ކަޓާނެ އެވެ. ބައެއް ފަހަރު ލޯ މަރައިގެން އިންދާ ވެސް ފެނެ އެވެ. އެކަމަކު މާކަސް ރޯހޯގެ ލަނޑަށް ފަހު މަރަޑޯނާ ފެނުނީ ވަރަށް ބޮޑަށް ޖަރުބާތުގައި ޖެހުނު މަންޒަރެވެ. އެ ފޯރިގަނޑުގައި އަތުގެ އިޝާރާތުން ބޭއަދަބީ ވައްތަރެއް ވެސް އޭނާ އަށް ޖެއްސުނެވެ.
މަރަޑޯނާ ވަނީ 2008 އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އާޖެންޓީނާ އަށް ކޯޗުކޮށްދީފަ އެވެ. އެ ފަހަރުގެ ވޯލްޑް ކަޕުން އާޖެންޓީނާ ކެޓީ ކުއާޓާ ފައިނަލުގައި ޖަރުމަނު އަތުންނެވެ. އެ މުބާރާތަށް ފަހު އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރަތަމަ ނިންމީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް މަރަޑޯނާގެ އެއްބަސްވުން އާ ކުރުމަށެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްވެރިންގެ ހިޔާލުތަފާތުވެ، މަރަޑޯނާ އަށް އިތުރު އެއްބަސްވުމެއް ނުދޭން ނިންމި އެވެ.
މަރަޑޯނާ އެންމެ ފަހުން ކޯޗުކޮށްދިނީ ޔޫއޭއީގެ ދެ ކްލަބަކަށެވެ.