ޝްރީ ނާރަޔަންގެ އިތުރު ފިލްމަކަށް ޝާހިދު ކަޕޫރު ސޮއިކޮށްފި
ޝްރީ ނާރަޔަންގެ އިތުރު ފިލްމަކަށް ޝާހިދު ކަޕޫރު ސޮއިކޮށްފި

ޝާހިދު ކަޕޫރް މިހާރު ކުޅެމުން އަންނަ ފިލްމް "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގްގެ އިތުރު ފިލްމަކަށް ޝާހިދު ސޮއިކޮށްފި އެވެ.

ނާރަޔަން ބުނި ގޮތުގައި ޝާހިދާ އެކު ދެން ހަދާ ފިލްމަކީ އުއްތަރު ޕްރަދޭޝްގައި ހިނގާ ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެކެވެ. އެކަމަކު ފިލްމްގައި ކިޔައި ދޭނީ ކޮން ކަހަލަ ވާހަކައެއް ކަމަށް އޭނާ ނުބުނެ އެވެ.

ނާރަޔަން މިހާރު ފާހަގަ ކުރެވެނީ އިޖުތިމާއީ މައްސަލަތަކަށް ފިލްމް ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

އޭނާ މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކު ގެނެސް ދިން "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އަކީ އިންޑިއާގެ ރަށްފުށުގައި ހަރުދަނާ ފާހާނާ ކުރުމުގެ ނިޒާމެއް ނެތުމުން ދިމާވާ މައްސަލަތަކަށް އަލިއަޅުވައިލި ފިލްމެކެވެ.

އޮގަސްޓް މަހުގެ 31 އަށް ތާވަލުކޮށްފައިވާ "ބައްޓީ ގުލް މީޓަރު ޗާލޫ" އަކީ ކަރަންޓް ބިލް ބޮޑުވާ މައްސަލަ ކިޔައިދޭ ފިލްމެކެވެ.

ނާރަޔަން ބުނި ގޮތުގައި އޭނާގެ އިތުރު ފިލްމަކަށް ޝާހިދު ނަގަން ނިންމީ، މި ފިލްމްގެ ތަޖުރިބާ ރަނގަޅުކަމުންނެވެ. އޭނާ ބުނީ ޝާހިދަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ މޮޅު އެކްޓަރެއް ކަމަށެވެ.

"އެކަމަކު އާ ފިލްމްގެ މަސައްކަތް އަވަސް އަރުވާލައިގެން ފަށާކަށް ނުވިސްނަން. ޝާހިދު ސޮއިކޮށްފައި ހުރި އެހެން ފިލްމްތަކަށް ވެސް ވަގުތު ދީފައި އަހަރެމެން ދެ މީހުންގެ ދެވަނަ ފިލްމާއިގެން ކުރިއަށް ދާނީ،" ނާރަޔަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ބައްޓީ ގުލް މީޓަރު ޗާލޫ" ގެ ޝޫޓިން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ އެވެ. ޓީ ސީރީޒުން ގެނެސްދޭ މި ފިލްމްގެ ބަތަލާއިންނަކީ ޝްރަދާ ކަޕޫރާއި ޔަމީ ގޯތަމް އެވެ.

ޝާހިދު ސޮއިކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ތެލެގޫ ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އާއި "އެއާލިފްޓް" ގެ ޑައިރެކްޓަރު ރާޖާ ކްރިޝްނާ މެނަން ހަދާ އަދި ވަކި ނަމެއް އިއުލާންކޮށްފައި ނުވާ ކަބައްޑީ ފިލްމް ހިމެނެ އެވެ.

"ބައްޓީ ގުލް މީޓަރު ޗާލޫ" އަކީ މިދިޔަ ފެބްރުއަރީގައި ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، ޝާހިދު ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.

"ޓޮއިލެޓް" ގެ ދަވަނަ ބައި ގެނެސްދޭނެކަން މިހާރު އިއުލާންކޮށްފައިވާ އިރު، އެ ފިލްމް ވެސް ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެނީ ނާރަޔަން އެވެ.