04 ޖުލައި 2018 - 09:59

މިއުނިކް (ޖުލައި 4) - ޖަރުމަނުގެ ކޯޗު ޔަކީމް ލޯ އަށް ޝަރުތެއްކޮށް މިހާރު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވަންދެން މަގާމުގައި ބަހައްޓަން ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދިން ލޯ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ޖަރުމަނުގެ ކޯޗަކަށް 2022 ގެ ނިޔަލަށް ހުންނަން އެއްބަސްވުން އާ ކޮށްފަ އެވެ. އެކަަމަކު މި ފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު ލޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އޭނާ ވަނީ ގްރޫޕްގެ ފަހު މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި މެޗަށް ފަހު ޖަރުމަނު ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ.
ވޯލްޑް ކަޕުގެ ފުރަތަމަ ބުރު ނޮކްއައުޓް އުސޫލުން ކުޅުނުއިރު 1938 ވަނަ އަހަރު ޖަރުމަން ކެޓި ނަމަވެސް މިހާރުގެ ފޯމެޓަށް ކުޅެން ފެށި ފަހުން އެ ޓީމު ގްރޫޕް ސްޓޭޖުން ކަޓައިފައެއް ނުވެ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ދެ މެޗުން މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕުގައި އެ ދެ ހާލަތު ވެސް އެ ޓީމަށް ވަނީ ކުރިމަތިވެފަ އެވެ. ޖަރުމަނު ބަލިވީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަތުންނެވެ.
ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ބުނީ ލޯ އަށް ފުރިހަމަ ސަޕޯޓެއް ދޭނެ ކަމަށާއި އޭނާގެ ކޮންޓްރެކްޓު ހަމަވަންދެން މަގާމުގައި ހުންނާނެ ކަމަށެވެ. ޖަރުމަނުގެ މަޝްހޫރު މީޑިއާ ބިލްޑުން ރިޕޯޓްކުރާ ގޮތުގައި ލޯއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އޭނާ އަށް ވަނީ ދެ ޝަރުތެއްކޮށްފަ އެވެ.
އެ ގޮތުން އަލަށް ޔުއެފާ އިން ފަށާ ނެޝަނަލް ލީގާއި 2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޒުވާން ކުޅުންތެރިންނާ އެކު ރަނގަޅު ނަތީޖާތަކެއް ނެރުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އަދި އެ ދެ މުބާރާތުގައި ލޯގެ އިރުޝާދުގެ ދަށުން އެ ޓީމު ހޯދާ ކުރިއެރުންތައް މޮނިޓާކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޖަރުމަނު ޓީމަށް މި ފަހަރުގެ މުބާރާތުގެ ކުރިންނާއި މުބާރާތުގެ ތެރޭގައި ވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުއާންއާ ޖަރުމަނުގެ މެސުތު އޮޒިލް އާއި އިލްކޭ ގުންޑޮގާން ބައްދަލުކޮށް ފޮޓޯ ނެގި މައްސަލައިގައި އެ ދެ ކުޅުންތެރިންނަށް ޖަރުމަން ރައްޔިތުންގެ ނުރުހުން އަމާޒުވެ ޓީމުގެ ރޫހަށް އަސަރުކުރި އެވެ. އަދި އެކަމުގެ ސަބަބުން ލޯ އަށް ވެސް މެޗުތަކަށް ޓީމު ނެގުމުގައި މައްސަކަތަކެއް ދިމާވި އެވެ.
އޭގެ އިތުރުން ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގާން މޮޅަށް ކުޅެ ކުޅެ ހުއްޓާ، ގޯލްކީޕަރު މެނުއަލް ނޯޔާ އެއްކޮށް ފިޓްނުވަނީސް ފުރުސަތު ދިނުމަކީ ވެސް ފާޑުކިއުން އަމާޒުވިކަމެވެ. އަދި މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީގައި މޮޅަށް ކުޅުނު ލެރޯއީ ސާނޭ ޓީމަށް ނުނެގުމުން ކޯޗު ޔަކީމް ލޯއާ މެދު ގިނަ ބަޔަކު ނުރުހުންވި އެވެ. އަދި ޖަރުމަނުގެ ކުރީގެ ކުޅުންތެރިންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.