ސްވިޑަން 24 އަހަރަށް ފަހު ވޯލްޑް ކަޕް ކުއާޓާ އަށް
ސްވިޑަން 24 އަހަރަށް ފަހު ވޯލްޑް ކަޕް ކުއާޓާ އަށް

ސެއިން ޕީޓާސްބާގް (ޖުލައި 3) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ސްވިޓްޒަލެންޑް އަތުން 1-0 އިން ހޯދި މޮޅާ އެކު 24 އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޑަން ޖާގަ ހޯދައިފި އެވެ.

ސްވިޑަން 24 އަހަރަށް ފަހު ވޯލްޑް ކަޕް ކުއާޓާ އަށް
ސްވިޑަން 24 އަހަރަށް ފަހު ވޯލްޑް ކަޕް ކުއާޓާ އަށް

ސްވިޑަން އެންމެ ފަހުން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުގައި ކުޅުނީ 1994 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ތިން ވަނަ ހޯދި އެވެ. އޭގެ ފަހުން ކުޅުނު ދެ ފަހަރު ވެސް ސްވިޑަން ކެޓީ މުބާރާތުގެ ދެ ވަނަ ބުރުންނެވެ. މިރޭގެ މެޗަކީ ވޯލްޑް ކަޕުގައި ސްވިޑަން އިން ކުޅުނު 50 ވަނަ މެޗެވެ. އެ ޓީމަކީ ވޯލްޑް ކަޕުގައި އެ އަދަދަށް މެޗު ކުޅުނު 11 ވަނަ ޓީމެވެ.

މި މެޗުން ބަލިވުމުން، 1954 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދިއުމަށް ސްވިޓްޒަލެންޑު ކުރި އުއްމީދު ފެނަށް ދިޔައީ އެވެ. އޭގެ ފަހުން މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅުނު ހަތަރު ފަހަރު ވެސް ސްވިޓްޒަލެންޑު ކެޓީ ލަނޑެއް ވެސް ނުޖެހި އެވެ.

މެޗު ފަށައިގެން ފުރަތަމަ ހުސް ފުރުސަތު ލިބުނީ ސްވިޑަންގެ ފޯވާޑް މާކަސް ބާގަށެވެ. އޭނާ އަށް ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ތެރެއިން ބާގް ޖެހި ބޯޅަ ސްވިޓްޒަލެންޑުގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ދިހަ މިނިޓަށް ފަހު ސްވިޓްޒަލެންޑުން މެޗުގެ ތެރެއަށް އައިސް ރަނގަޅަށް ކުޅެން ފެށި އެވެ. އެ ޓީމުގެ މިޑްފީލްޑަރު ގްރޭނިޓް ޝަކާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑިމަތިން ދިޔައިރު، ސްޓީވެން ޒުބޭރު ދިން ބޯޅަ އަކުން އޭރިއާ ތެރެއިން އެ ޓީމުގެ ބްލެރިމް ޖެމައިލީ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ސްވިޒަލެންޑުގެ ހަލުވި ކުޅުންތެރިއާ ޒެރްޑަން ޝަގީރީ ނަގައިދިން ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެންދިޔައިރު، އެ ބޯޅަ ޖަހަން އެ ޓީމުގެ ކުޅުންތެރިއަކު އަރައި ނެތެވެ.

ސްވިޑަންގެ ހުނަރުވެރި މިޑްފީލްޑަރު އެމީލް ފޯސްބާގްގެ މޮޅު ކުޅުމާ އެކު ފުރަތަމަ ހާފުގެ ފަހު ކޮޅުގައި، އެ ޓީމުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. ފޯސްބާގް ދިން ބޯޅައަކުން މިކައެލް ލުސްޓިގް ނެގި ހުރަސް އޭރިއާ ތެރެއިން ލިބުނީ މުޅިން ހުސްކޮށް ހުރި އަލްބިން އެކްޑާލް އަށެވެ. އޭނާ ވޮލީ އަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަަނަ ހާފުގެ ވެސް ފުރަތަމަ ހަމަލާ ފޮނުވާލީ ސްވިޑަން އިންނެވެ. އެ ޓީމުގެ އޮލާ ޓޮއިވޮނަން، މި ހާފު ފެށިގެން ތިން ވަނަ މިނިޓްގައި އޭރިއާ ތެރެއިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ސްވިޑަން ލީޑުނެގީ މެޗުގެ 67 ވަނަ މިނިޓްގައި ފޯސްބާގް ޖެހި ގޯލުންނެވެ. އޭރިއާ ބޭރުން ފޯސްބާގް ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުވީ ސްވިޓްޒަލެންޑުގެ ޒުވާން ޑިފެންޑަރު މެނުއަލް އަކަންޖީ ފައިގައި ޖެހިފަ އެވެ.

ނަތީޖާ ހަމަހަމަ ކުރުމުގެ ގޮތުން ސްވިޓްޒަލެންޑުން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. ހަރިސް ސެފެރޮވިޗާއި ބްރީލް އެމްބޯލޯ ވަނީ ކުޅެން އަރައިފަ އެވެ.

ދެ ބަދަލާ އެކު ސްވިޓްޒަލެންޑުން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ސްވިޑަން ފަހަަތަށް ބާރުބޮޑުކުރަން ފެށި އެވެ. މެޗުގެ 78 ވަނަ މިނިޓްގައި ޝަގީރީ ނެގި ކޯނަރަކުން އެމްބޯލޯ ބޮލުން ޖެހި ބޯޅަ ހުއްޓުވީ ފޯސްބާގެވެ. އޭގެ ފަހުން ސެފެރޮވިޗް ޖެހި ބޯޅައެއް ސްވިޑަންގެ ކީޕަރު ރޮބިން އޮލްސަން ވަނީ މަތަކޮށްފަ އެވެ.

ސްވިޓްޒަލެންޑުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ވަގުތު އިތުރު ވަގުތުގެ ފަހު މިނިޓްގައި ކައުންޓަ އެޓޭކަކުން ސްވިޑަންގެ ޖޮނަސް އޮލްސަން އަށް ސްވިޒަލެންޑުގެ މިޝެލް ލަންގް ކުރި ފައުލަކަށް ރެފްރީ ވަނީ ލަންގް އަށް ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އަދި ފުރަތަަމަ ޕެނަލްޓީ އެއް ދިން ނަމަވެސް ވީއޭއާރުން ބެލިއިރު އެ ފައުލު ހިނގީ އޭރިއާ ބޭރުން ކަމަށް ވުމުން ރެފްރީ ވަނީ ފަހުން ހިލޭ ޖެހުމަކަށް ބަދަލުކޮށްފަ އެވެ. ހިލޭ ޖެހުމުން ޓޮއިވޮނަން ޖެހި ބޯޅަ ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީ ބަލިކޮށް މި ފަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި ސްވިޑަން، މި މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ވެސް ފަހަތަށް ޖައްސާލައިފަ އެވެ. ޖަރުމަނު އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން މޮޅުވި އެވެ. މީގެ ކުރިން 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ސްވިޑަން ވަނީ ފައިނަލުގައި ކުޅެފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޑަން ނުކުންނާނީ މިރޭ ކުޅޭ ދެ ވަނަ ބުރުގެ ފަހު މެޗުން ކޮލަމްބިއާ އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.