31 ޖުލައި 2016 - 07:33

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
"ހަލޯ ކޮއްކޯ!" މަނާރަތު ބުނެލި އަޑު އިވުނެވެ.
މަނާރަތަށް ބަލައިލައިފައި ދެން ބަލައިލިއިރު، ތަޅުންގަނޑުން ކުރިން ފެނުނު ކުޑަ އަންހެންކުއްޖާގެ ހިޔަންޏެއް ނެތެވެ. އޮތް ތަނުގައި ބޯޅަ އޮތެވެ. އެއީ އަހަންނަށް ހީވި ގޮތް ހެއްޔެވެ؟ ނުވަތަ ދޮރުފޮތިގަނޑުން އެޅުނު ހިޔަންޏެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ، މަނާރަތާ އެއް އިސްކޮޅެއްގެ އަންހެންކުއްޖެއްގެ ހިޔަންޏެވެ. އެ ކުއްޖާގެ ބޮލުގެ އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށައިފައެވެ. ލައިގެން ހުރީ، ކަކުލަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށްއަރާ ވަރުގެ ހެދުމެކެވެ.
"އެއީ ކާކު؟" އަހަރެން ސުވާލުކުރީމެވެ.
މަނާރަތު ކޮންމެހެން އެ ސުވާލަށް ޖަވާބު ދޭކަށް ނުއުޅުނެވެ. އަނެއްކާ ވެސް އަހަރެން އެ ސުވާލު ތަކުރާރު ކުރީމެވެ.
"ކޮއްކޮއެއްނު!" ފެންތަށްޓާ ކުޅެމުން މަނާރަތު ބުނެލިއެވެ. "އެއީ މަގޭ ފްރެންޑެއް."
އަހަރެންގެ ލޮލަށް އެ ކުއްޖާ، ހިޔަންޏެއްގެ ސިފައިގައި ނަމަވެސް ފެނުނެވެ. މަނާރަތު ހެކިދިނެވެ. އެކަމަކު، އެހެން މީހަކަށް އެ ކަން ސާބިތުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރޭގަނޑުވީއިރު ވެސް އަހަރެން ހުރީ މޭބޮޑުވެފައެވެ. އެ މަންޒަރު، ތަކުރާރުކޮށް ލޯމައްޗަށް ސިފަވިއެވެ. ރޭގަނޑު އަފީފާ އައެވެ. އަފީފާއަކީ ފަޔާޒްގެ ބޮޑުދައިތައެވެ. މަދުމަދުން ގެއަށް އަންނަ މީހެކެވެ. ދިރިއުޅުމުގައި އަފީފާއަށް ތަޖުރިބާ ނުކުރެވޭ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. ކަނޑުވުމާއި، ކަނޑުމަތިއެޅުމުން ފެށިގެން ގޮސް ދިވެހިބޭހުގެ މަޢުލޫމާތު ވެސް އަފީފާއަށް އެނގެއެވެ. އަހަންނާ ވަރަށް ގުޅޭ، ރަނގަޅު ލަފާ ދޭ މީހެކެވެ. އަފީފާގެ ހަމައެކަނި މައްސަލައަކީ، ސިއްރު ނުހިފޭއްޓޭކަމެވެ. މަނާރަތަށް ދިމާވެގެންއުޅޭ ކަންތަކުގެ ވާހަކަ އަހަންނަށް ނުދެއްކި އޮތީ އެހެންވެއެވެ.
"ރައްޓެއްސަކަށް ވަރުގަދަ ކަމެއް ދިމާވެގެން މި އުޅެނީ،" އަހަރެން ވާހަކަ ފެށީ އެހެން ގޮތަކަށެވެ. "އޭނަ ދަރިފުޅުގެ އެންމެ ގާތް އެކުވެރިއަކީ އެހެން މީހުންނަށް ނުފެންނަ ކުއްޖެއް. އުނދަގުލެއް، ޖެއްސުމެއް ނުކުރޭ. އެކަމަކު، އެ ދެކުދިންގެ އެކުވެރިކަން ބޮޑުވެގެން ގޮސް މަންމަ މިހާރު ހުރީ މޮޔަވާން ކައިރިވެފަ. ކުޑަކުދިންގެ ރައްޓެހިންނަށް ވެގެން އެ ކަހަލަ އެއްޗެހި އުޅޭތަ؟"
"މާ ދުރަކަށް ދާނެކަމެއް ނެތް،" އަފީފާ ހަނދާންކޮށްލައިފައި ބުންޏެވެ. "މަގޭ މާމައަށް ވެސް ހަމަ ތި ކަހަލަ ކަމެއް ދިމާވީ. މާމަގެ ހުންނާނެ ޝަރަފިއްޔާ ކިޔާ ކުއްޖެއް. ވަރަށް ލޯބިލޯބި ފުށްގަނޑެއްހެން އެ މަންޖެ ހުންނާނީ. މާމަ ބުނީ އެ ޝަރަފިއްޔާ އެއް ދުވަހަކު އޭނަގެ ރައްޓެހިކުއްޖާ ދައްކަން ވެސް ދެއްކިޔޯ."
އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަފީފާ ކިޔައިދިނެވެ.
"ޝަރަފިއްޔާ ވަރަށް ކުޑައިރު އެ ކަމެއް ފެށުނީ،" އަފީފާ ބުންޏެވެ. "ބުއްބޯން އޮންނައިރު މުޅި މޭމަތި އެއްކޮށް ހާމަ ނުކުރަނީހެއް ޝަރަފިއްޔާ ބުއްބޯކަށް ނުފަށާނެ. މާނައަކީ، ޝަރަފިއްޔާ ގާތުގަ އެހެން ކުއްޖަކު ވެސް އޮވެޔޭ. ޝަރަފިއްޔާއަށް ކާންދޭއިރު ޖެހޭނެ ހުސް ތަށްޓެއް ބަހައްޓަން. މާމަ ހީކުރީ ކޮންމެވެސް ގޮތަކުން މާމައަށް ތަށްޓެއް ބެހެއްޓުނީމަ އޭގެ ފަހުން ޝަރަފިއްޔާ ބުނަނީކަމަށް ތަށްޓެއް ބަހައްޓާށޭ. ބެހެއްޓީމަ ބޮޑާނަހާކާ ޝަރަފިއްޔާ ކާތީ މާމަ ވެސް ދެން އެ ކަން މާ ބޮޑު ކަމަކަށް ނެހެދީ. ގެއަށް ވަދެއުޅޭ މީހުންނަށް އެ ކަން ފާހަގަކުރެވުނީ. އެ ކަމާ ސުވާލުކުރީމަ މާމަ މި ބުނަނީ، އެ ތަށްޓެއް ނުބެހެއްޓިއްޔާ ދަރިފުޅެއް ނުކާނޭ. އެހެންވެ ފަސޭހަކަށް ކުރި ކަމެއް އެއީ. ޝަރަފިއްޔާގެ އުމުރުން ހައެއްކަ އަހަރު ފުރުނުއިރު އޭނަ އިންނަނީ ކަންކަނުގަ އެކަނި ވާހަކަދައްކަން. ދެން ވެސް މާމަ އެ ކަން މާ ބޮޑު ކަމަކަށް ނަހަދާ. ޝަރަފިއްޔާގެ އުމުރުން ތޭރަ އަހަރު ފުރުނު ފަހުން، އެއްދުވަހަކު މާމަ ބަދިގޭގަ ކައްކަން ހުއްޓާ ޝަރަފިއްޔާ އައިސް މި ބުނަނީ، ކޮއްކޮ ޢުމްރާއަށް ދާންވެގެނޭ އެ އައީ. ކޮއްކޮ ބޭނުންވަނީ މަންމަޔާ ބައްދަލުކޮށްލާފައޭ ދާން."
"އަމައްޔާތް!" އަހަންނަށް ބުނެވުނެވެ. "މުސްލިމް ޖިންނިއެއްތަ؟"
"އެހެންތާ އެ ވީ. ދުވަހަކު ވެސް އުނދަގުލެއް، ގޯނާއެއް ނުކުރޭ،" އަފީފާ ވަރަށް ޝައުޤުވެރިކަމާ އެކުގައި ބުންޏެވެ. "ދެން މާމަ މި ބުނަނީ ކޮން ކޮއްކޮއެއްހޭ؟ ކޮއްކޮއެއް ނުހުންނާނެވިއްޔަ! އެކަމަކު ޝަރަފިއްޔާ މި ބުނަނީ ތިމަންނަގެ ކޮއްކޮއެއް ނޫންހޭ އެއީ. މާމަ ހައިރާންވެގެން ބުނީ ކޮބައިހޭ؟ ބުނީމަ މާމަ ކުރިމައްޗަށް އޭނަ އައީ. އެ ހުރި ސިފައެއްގަ މާމައަށް ފެނުނުކަމަށް ވަނީ."
އަހަރެން ގައިން ހީބިހިނަގައިގެންދިޔައެވެ. އެ ވާހަކަ އާއި މަނާރަތުގެ ވާހަކަ އެއްގޮތްކަމުންނެވެ.
"ދެން ފަންޑިތަ ހެދިތަ؟" އަހަރެން ސުވާލުކުރީމެވެ.
"އާނ!" ހީނގެންފައި އަފީފާ ބުންޏެވެ. "އެ ވަރު ކަމެއްވީމަ ހެދުނު ހުރިހާ އެއްޗެއް ހަދާނެއްނު. މާމައަކީ ދަތް ހުރިއިރު ކާށްޓާ ނާށި ވެސް ކައިފަ ހުރި މީހެއް. ފަންޑިތަހެދި މީހާ ބުނީ، މާމަ ޒުވާންއިރު، ދަންވަރު ވަލުތެރޭގަ ފިރިހެނަކާއެއްކޮށް ޖެހި ސަކަރާތެއްގެ ސަބަބުންނޯ މި ކަމެއް ހިނގަން މެދުވެރިވީ. ޖިންނި ބުންޏޯ އެ ކަމެއް ކުރި ވަގުތު ޖިންނި ވެސް ބައިވެރިވެގެން އެ ކަމެއް ކުރީއޭ."
އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަފީފާ ބުނި ކަހަލަ ފާފައެއް، ދުވަހަކު ވެސް އަހަރެން ކޮށްފައި ނުވާތީއެވެ.
"އެކަމަކު އޭނަ ވަލުތެރެއަށް ގޮސް ތި ބުނާ ފާޑަކަށް ނޫޅޭނެ." ބުނެވެން އޮތް ގޮތަށް އަހަރެން ބުނީމެވެ.
"ކަމެއް ނުކޮށް ހުއްޓައި ވެސް ޖިންނި އަވަލަވާފާނެ،" ޔަގީންކަމާ އެކުގައި އަފީފާ ބުންޏެވެ. "ކުޑަކުދިން ކުޅެންއުޅޭ ތަން ފެނިގެން ޖިންނިއެއް ބޭނުންވެދާނެ އެ ކުއްޖާޔާ ރައްޓެހިކަން ބާއްވަން. އުމުރު ދުވަހަށް ވެސް އެ ރައްޓެހިކަން އޮވެދާނެ. އެކަމަކު މާމަ ވިހެއީ ދެ ކުދިން. އެކަކީ ޖިންނިއެއް. އެ ޖިންނި ކުޑައިރު އިސްލާމްވީ ތޯއްޗެއް. ނަސީބެއްތާ އިސްލާމްވިކަން. ދޭތެރެއަކުން އަންނާނެ ބައްދަލުކުރަން. ފަންޑިތަހެދި ފަހުން ވެސް އާދޭ. އެކަމަކު ނުއެއް ފެނޭ. އަޑޯ އިވެނީ."
ވާނުވާ އަހަންނަށް އޮޅުންފިލަން ފެށިއެވެ. އަހަރެންނަށް ފެނުނު ކުޑަ އަންހެންކުއްޖަކީ އަހަރެންގެ ދަރިފުޅުގެ އެކުވެރިޔާއެވެ. އެއްވެސް މީހެއް ގާތަކު އަހަރެން އެ ވާހަކައެއް ނުބުނަމެވެ. މަނާރަތުދެކެ ލޯބިވާ އެންމެން އޭނަދެކެ ބިރުގަންނާކަށް އަހަރެން ނޭދެމެވެ. އެހެންނަމަވެސް، އަފީފާ އެ ވާހަކަތައް ކިޔައިދިން ފަހުން އަހަންނަށް ހުރެވެނީ ސިހިސިހިއެވެ. ޚާއްޞަކޮށް، މަނާރަތު ގާތުގައި ހުންނަންޏާ އަހަރެން ހުންނަނީ ހިތް އަވަސްވެފައެވެ. އަހަރެން ކުރިމައްޗަށް އެ ކުއްޖާ އަތުވެދާނެހެން ހީވާތީއެވެ.
ފަހަކަށް އައިސް މަނާރަތު ކޮންމެ ކަމެއް ކުރިޔަސް އެ ކުރާކަމެއް ކިޔައިދެއެވެ. ހީވަނީ ގާތުގައި ހުންނަ އެ އުމުރުގެ ކުއްޖަކު، އެ ވާހަކަތައް އަޑުއަހާހެންނެވެ. އަހަރެން އެ ވާހަކަތަކުގައި ބައިވެރިވަމެވެ. އަހަންނާ ދައްކާ ވާހަކައަކަށް ހަދަމެވެ. އެކަމަކު، އަހަރެން ކުރާ ސުވާލަކަށް މަނާރަތު ޖަވާބެއް ނުދެއެވެ. އޭނަ ދައްކާ ވާހަކައެއް ދައްކަމުން ގެންދެއެވެ. ދުވަހެއްގެ މެންދުރުގެ ވަގުތެވެ. މަނާރަތު އިނީ ކޮޓަރީގައި ފޮތެއްގައި ކުލަޖައްސާށެވެ. އަހަރެން ހުރީ އިސްތިރިކުރާށެވެ.
"އެޕްލަގަ ޖައްސާނީ މި ކުލަ،" ރަތްކުލަ ނަގަމުން މަނާރަތު ބުނެލިއެވެ. "އެޕަލް ވަރަށް މީރުވާނެ."
"ދެންތަ އެޕަލްކޮޅެއް؟" އަހަރެން އެހީމެވެ.
"ހައި ކޮއްކޯ!" މަނާރަތު ގޮވައިލިއެވެ.
އަހަރެން ބަލައިލިއިރު މަނާރަތު ނޫން ކުއްޖެއް އެ ތާކު ނެތެވެ. އަހަރެން ގާތަށް ޖެހިލީމެވެ. ކުލަޖައްސާ ފޮތުގައި ކުޑަކުއްޖެއްގެ ފޮޓޯއެއް އޮތްތޯ ވެސް ބެލީމެވެ. މޭވާ ފިޔަވައި އެހެން އެއްޗެއް އެ ގަނޑަކު ނެތެވެ.
"ކޮބައިތަ ކޮއްކޮ؟" އަހަރެން ސުވާލުކުރީމެވެ.
"އޭނީ ކޮއްކޮ،" ހުސް ދިމާއަކަށް އިޝާރާތް ކޮށްލައިފައި މަނާރަތު ބުންޏެވެ. "އޭނީ ކޮއްކޮ."
އެ ހިސާބުން އަހަރެން ވަރަށް ބިރުގަތެވެ. ދުވާލުގެ ވަގުތު ކަމުގައި ވިޔަސް، އެ ތަނުގައި އެހެން ކުއްޖަކު ހުރިކަން އެނގުމުން ބިރު ކޮންޓުރޯލެއް ނުކުރެވުނެވެ. ކޮޓަރިން ނުކުތް ވަގުތު މައިދައިތައާ ދިމާވިއެވެ.
"މަނާރަތު އެބަ ކިޔާ ކޮޓަރިން އޭނައަށް.. އޭނައަށް ކޮއްކޮއެއް ފެންނަނީއޭ،" ބިރުގެންފައި ހުރި ވަރުން އަހަރެން ކުޑަކޮށް އަޅައިގަތެވެ. "ދައްކަން ވެސް އެބަ ދައްކާ!"
މައިދައިތަ ކޮޓަރިއަށް ވަނެވެ. މަނާރަތާ ސުވާލުކުރިއެވެ.
"ކޮބާ ކޮއްކޮ ދަރިފުޅާ؟" މައިދައިތަ ވަރަށް އޯގާތެރިކަމާ އެކުގައި އެހިއެވެ.
"ނެތް!" މަނާރަތު ބުންޏެވެ. "ކޮއްކޮ ދިޔައީ."
މަނާރަތުގެ ފަރާތުން އެ ނޫން ޖަވާބެއް ނުލިބުނެވެ. މައިދައިތަ ހީކުރީ އަހަރެން ކަމަކާ ނުލައި ޝައްކު ކުރަނީ ކަމަށެވެ. އެހެންވެ، ގޭތެރެއިން ފެނުނު ބައެއް ކަންތައްތަކާއި، މަނާރަތު ކުރި ބައެއް ކަންތައްތައް ވެސް ކިޔައިދިނީމެވެ. އިންސާނުންނަކީ ހެއްވާ ބައެކެވެ. އަމިއްލަ ލޮލުން ނުފެންނަހާ ހިނދަކު ބައެއް ވާހަކަތަކެއް ގަބޫލެއް ނުކުރެވެއެވެ. އެ ފަހަރު ވެސް އެ ކަން ނިމުނީ އަހަންނަށް ހީވާހީވުމެއްކަމުގައި ވެގެންނެވެ. އޭގެ ފަހުން "ކޮއްކޮ" ކޮބައިތޯ އަހަރެން ސުވާލެއް ނުކުރަމެވެ. ދައްކަފާނެތީއެވެ. ފެންނަ ހިސާބަށް އަތުވެދާނެތީއެވެ. ކުރިން މަނާރަތަކީ ސިއްރުން ވާހަކަދައްކާ ކުއްޖެއް ނޫނެވެ. އެ ކަން ވެސް ކުރަން ފެށިއެވެ. އަހަރުމެން ދެމައިން އެކަނި ކޮޓަރީގައި ތިބޭ ވަގުތު، ކުއްލިއަކަށް އަހަރެންގެ ކަންފަތް ކައިރިއަށް މަނާރަތު ޖެހިލައެވެ. އަހަރެންގެ ކޮލުގައި އޭނަގެ ނޭފަތް ޖެހޭ ވަރަށެވެ.
"މަންމީ! މަންމީ!" ވައިއަޑުން މަނާރަތު ބުނެއެވެ. "މަމީ! މަމީ!"
ބިރުގަތުމުގެ އެއްވެސް ޢަލާމާތެއް މަނާރަތުގެ މޫނަކުން ނުފެނެއެވެ. އަހަރެން އިންނަނީ އޭނަ ދައްކާ ވާހަކަ، ކަނުލައި އަޑުއަހާށެވެ. އެހެންނަމަވެސް، އަހަންނަށް ގޮވަގޮވައިފައި ދެން މަނާރަތު ބުނާ އެއްޗެއް ސާފެއް ނުވެއެވެ. މަނާރަތުގެ ކަޅި ހުންނަނީ، ކޮޓަރީގެ މަތީ ކަނަށެވެ. އެ ދިމާއަށް އިރުކޮޅަކު ބަލައިފައި މަޑުމަޑުން އިސްޖަހައިލައެވެ. އެނބުރެމުން ގޮސް ބޮލުގެ ހަރަކާތް ހުއްޓައިލަނީ ކުޑަދޮރާ ހަމައަށެވެ. ހީވަނީ، ކަނުގައި އޮތް އެއްޗެއް ފައިބައިގެން ގޮސް ކުޑަދޮރަށް އަރާހެންނެވެ. ނުވަތަ ކުޑަދޮރުން ފުންމައިލާހެންނެވެ. އަނެއްކާ އިރުކޮޅަކުން ކުޑަދޮރުން ފަށައިގެން ގޮސް ކަނާ ހަމައަށް ނަޒަރު ހުއްޓައިލައެވެ. އެއީ އެއްވެސް ކަމެއް ނޫންކަމަށް ހިތަށް ވިސްނައިދޭން އަހަރެން މަސައްކަތް ކުރީމެވެ. އިތުރުކަމެއް ނުވާނޭ ހިތަށްއެރުވީމެވެ.
އެއް ރޭ ދަންވަރު ދެގަޑި ބައިވަނިކޮށް ސިއްސައިގެން ގޮސްފައި އަހަންނަށް ހޭލެވުނެވެ.
ނުނިމޭ