03 ޖުލައި 2018 - 17:09

ނިއު ދިއްލީ (ޖުލައި 3) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އުތުރުގެ ބުރާރީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ 11 މެންބަރުން މަރުވެފައި ވަނިކޮށް ފެނުނު މައްސަލާގައި ފުލުހުންނަށް ވެސް ބޮޑެތި ސުވާލުތަކެއް ކުރިމަތިވެއްޖެ އެވެ.

އެގާރަ މީހުންގެ ތެރޭން 10 މީހުން މަރުވެފައި ތިބީ ދަންޖެހިގެންނެވެ. އެ މީހުން ނިސްބަތް ވަނީ ބާޓިއާ އާއިލާއަށެވެ. މަރުވި 11 މީހުންގެ ތެރޭގައި ހިމެނޭ 75 އަހަރުގެ ނަރަޔަން ދޭވީ ކިޔާ މީހާ އޮތީ ބިންމަތީގަ އެވެ. ދެން މަރުވެފައި ވަނީ އޭނާގެ އަންހެން ދަރިއަކާއި ދެ ފިރިހެން ދަރިންނާއި އެ މީހުންގެ އަނބިންނާއި އޭނާގެ ކާފަ ފަސް ދަރިންނެވެ. އެ މީހުންގެ އުމުރު އުޅެނީ 15-33 އަހަރާ ދެމެދު އެވެ. ނަރަޔަން ފިޔަވައި އެންމެން ވެސް ތިބީ ދަންޖެހިފަ އެވެ. އެ މީހުންގެ ދެ އަތް ވަނީ ފުރަގަހަށް ބަނދެފަ އެވެ. އެ މީހުންގެ ލޮލާއި އަނގަމަތި ވެސް ވަނީ ފޮތިގަނޑަކުން ބަނދެފަ އެވެ.

އެ އާއިލާ ދިރިއުޅެނީ ދިއްލީގެ އުތުރުގެ މެދު ފަންތީގެ އޭރިއާއެއް ކަމަށްވާ ބުރާރީގެ ތިން ބުރި ގެއެއްގަ އެވެ. އެ މީހުން އެ ގޭގައި އުޅޭތާ ވިއްސަކަށް އަހަރުވެފައިވާ ކަމަށް އަވަށްޓެރިން ބުނެ އެވެ. އެ ގޭގެ ތިރީގައި އެ އާއިލާ އިން ދެ ފިހާރަ ހިންގަ އެވެ. އެއް ފިހާރަ އިން ވިއްކަނީ ތަރުކާރީ އެވެ. އަނެއް ފިހާރަ އަކީ ޕްލައިވުޑް ވިއްކާ ތަނެކެވެ.
އަވަށްޓެރިން ބުނީ އެއީ އެ ކޮމިއުނިޓީގައި ވަރަށް ހަރަކާތްތެރި ބައެއް ކަމަށެވެ. އެއީ ދީންވެރި އަދި މާލީ ގޮތުން ފުދިގެން އުޅުނު ބައެއް ކަމަށް ވެސް އަވަށްޓެރިން ބުނެ އެވެ. ނަރަޔަންގެ ކާފަ ދަރިންގެ ތެރޭން އެންމެ ދޮށީ ދަރި ކަމަށްވާ 33 އަހަރުގެ ޕްރިޔަންކާ ވަނީ މީގެ ދެ ހަފުތާ ކުރިން އެންގޭޖްވެފައި ކަމަށް ވެސް އަވަށްޓެރިން ބުނެ އެވެ.
އެ މީހުން މަރުވެފައިވާކަން އެނގުނީ ހެނދުނު ފިހާރަ ނުހުޅުވައިގެން އަވަށްޓެރިން ގޮސް ގޭ ޗެކް ކުރުމުންނެވެ. ފުލުހުން ބުނެފައި ވަނީ އެ ގެއަށް ވައްކަން ކުރަން ގަދަބާރުން ބަޔަކު ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ މީހުންގެ ގަހަނާތަކާއި މޯބައިލް ފޯނުތައް ވެސް ހުރި ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ ފުލުހުން ލަފާ ކުރަނީ އެއީ އެ މީހުންގެ ރޫހާނީ ޕްރެކްޓިހެއްގެ ގޮތުން ހިންގި، އަމިއްލަ އަށް މަރުވުމުގެ އަމަލެއް ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ މަރުވި މީހުންގެ ތެރޭން އަށް މީހުން މަރުވެފައި ވަނީ ދަންޖެހިގެން ކަމަށް އެ މީހުންގެ ޕޯސްޓްމޯޓަމް ރިޕޯޓް ދައްކާ ކަމަށެވެ. ނަމަވެސް އަވަށްޓެރިން ބުނަނީ އެއީ އަމިއްލަ އަށް މަރުވާނެ ބައެއް ނޫން ކަމަށެވެ. އަދި އެއީ އެއަށް ވުރެ މާ އުފާވެރިކޮށް އުޅުނު ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.