ބްރިޖް ހުޅުވުން އަންނަ މަހު 30 އަށް ލަސްވެއްޖެ
ބްރިޖް ހުޅުވުން އަންނަ މަހު 30 އަށް ލަސްވެއްޖެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް މި މަހުގެ 26 ވަނަ ދުވަހު ހުޅުވާނެ ކަމަށް ސަރުކާރުން ކުރިން އިއުލާންކޮށްފައިވީ ނަމަވެސް، ބްރިޖް ހުޅުވުން އަންނަ މަހުގެ 30 އަށް ލަސްވެއްޖެ އެވެ.

އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބްރިޖާ ގުޅިގެން ނިންމަން ޖެހޭ މަސައްކަތްތައް އަންނަ މަހު 23ގެ ނިޔަލަށް ނިންމަން ހައުސިން މިނިސްޓްރީން ވަނީ، އެ މަސައްކަތް ކުރާ ފަރާތްތަކަށް އަންގައިފަ އެވެ. އަދި ބްރިޖް ހުޅުވަން މިހާރު ކަނޑައަޅާފައި ވަނީ އޮގަސްޓް 30 ވަނަ ދުވަހު ކަމަށް ވެސް އެނގިފައިވެ އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ބުނީ ބްރިޖް ހުޅުވާނެ ދުވަހަކީ އޮގަސްޓް 30 ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ބްރިޖް ހުޅުވާނެ ދުވަހަކާ ބެހޭ ގޮތުން ކޮމެންޓެއް ދެވެން ނެތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޗައިނާގެ ސީސީސީސީއާ އެކު އެއްބަސްވެފައިވާ ގޮތުން ބްރިޖުގެ މަސައްކަތް ނިންމަން ޖެހެނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު ޝެޑިއުލަށް ވުރެ ބާރަށް މަސައްކަތް ކުރިއަށް ދާ ކަމަށާއި ޖުލައި 26 އަށް ބްރިޖު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓްރީން ތަކުރާރުކޮށް ބުނެފައިވެ އެވެ.

މިހާރު ކުރަމުން އަންނަނީ ބްރިޖްގެ މައި ދެ ތަނބު ގުޅުވާލުމުގެ މަސައްކަތެވެ. އަދި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުރިހާ ތަނބެއް ގުޅުވާލައި، މާލެ އާއި ހުޅެލެއާ ދެމެދު ބްރިޖުން ގުޅައިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ބްރިޖްގެ ތަނބުތައް ގުޅުވާލައި ނިމުމާ އެކު ބްރިޖުގެ އުނދަގޫ ހުރިހާ މަރުހަލާތަކެއް ފުރިހަމަވީ އެވެ. ދެން އޮންނާނީ ލޭން ހެދުން ފަދަ، ބްރިޖް ނިންމުމާ ގުޅިފައިވާ މަސައްކަތްތަކެވެ.

ބްރިޖް ހުޅުވަން ވާ އިރަށް، މާލޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ ދަށުން، މެރީ ބްރައުން ރެސްޓޯރަންޓާ ހިސާބުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގު ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަމުން އަންނަނީ، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

އެ މަގުގެ އިތުރުން ހުޅުމާލޭން ބްރިޖަށް ދަތުރުކުރަން ހުޅުމާލެ އާއި ހުޅުލެ އަށް ހަދާ ލިންކް ރޯޑުގެ ތާރު އަޅަން އަންނަނީ ތައްޔާރުވަމުންނެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅުން ފެށޭ ބްރިޖް ހުޅުލެއާ ގުޅުވާލަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ދެކުނު ކޮޅުންނެވެ. ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން މިހާރު ބޭނުންކުރާ މަގު ވެސް އޮންނަނީ ރަންވޭގެ ދެކުނު ކޮޅުން ގޮސް، ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ.