25 މެއި 2016 - 10:10

އެމެރިކާގެ ރިޔާސީ ރޭހުގައި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ ޑޮނަލްޑް ޓްރަމްޕް، ވޮޝިންޓަން ސްޓޭޓުގައި ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްވާ، އެ ޕާޓީގެ ނޮމިނޭޝަން ހޯދުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އަޅުއްވައިފި އެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނިއު ޔޯކްގެ ބިލިއަނަރު ޓްރަމްޕް ވަނީ 76 ޕަސެންޓް ވޯޓު ހޯއްދަވައިފަ އެވެ. ރިޕަބްލިކަން ޕާޓީގެ ބާކީ ތިއްބެވި ހުރިހާ ކެނޑިޑޭޓުން ރޭހުން ވަކިވެވަޑައިގެންފައިވާއިރު، ޕާޓީގެ ނޮމިނޭޝަން ހޯދުމަށް ބޭނުންވާ 1،237 ޑެލިގޭޓުގެ ތެރެއިން ޓްރަމްޕް ވަނީ 1،189 ޑެލިގޭޓު ވޯޓު ހޯއްދަވައިފަ އެވެ.
ވޮޝިންޓަނުން ޖުމްލަ 44 ޑެލިގޭޓުން ތިބިއިރު، ޖޫން 7 ގައި ކެލިފޯނިއާ އާއި އަދި އިތުރު ހަތަރު ސްޓޭޓެއްގެ ޕްރައިމަރީގައި، ޓްރަމްޕަށް ރިޕަބްލިކަން ނޮމިނޭޝަން ކަށަވަރުވާނެ އެވެ.
ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާއި، ބަސްމަގު އަދި ހާއްސަ ގޮތެއްގައި އޭނާގެ ވާދަވެރިންނާއި ސީދާ ޖައްސާލުމުގެ ކެމްޕެއިނަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންނަށް ވަނީ އޭނާ ކަމުގޮސްފަ އެވެ.
ޓްރަމްޕާ ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ހޯދުމަށް، ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަބަލުން ހިލަރީ ކްލިންޓަން ކުރީގައި އުޅުއްވި ނަމަވެސް، ބާނީ ސެންޑާސް ވަނީ އެ ރޭހުގައި ދޫނުކޮށް ހިފަހައްޓަވައިފަ އެވެ.
ނަމަވެސް، ޓްރަމްޕާއާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ހިލަރީ ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރެވެ އެވެ.