މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ހައްޔަރުކޮށްފި
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ހައްޔަރުކޮށްފި

ކުއާލަ ލަމްޕޫރު (ޖުލައި 3) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ހައްޔަރުކޮށްފި ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.

އާއިލީ ވަކީލުން ބުނީ ނަޖީބުގެ ގޭގައި ހުންނަވަނިކޮށް އޭނާ ހައްޔަރުކޮށްފައި ވަނީ އެންޓި-ކޮރަޕްޝަން އޮފިސަރުން ކަމަށެވެ. އަދި ނަޖީބުގެ މައްޗަށް މާދަމާ ދައުވާ ކުރާނެ ކަމަށް ވެސް އޭނާގެ ވަކީލުން ވަނީ ބުނެފަ އެވެ.

ނަޖީބުގެ މައްޗަށް ދަނީ މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ކޮރަޕްޝަނުގައި ތަހުގީގު ހިންގަމުންނެވެ. 1އެމްޑީބީން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގަށް 408 އެކައުންޓެއް ހިފަހައްޓާފައިވާ ކަމަށް އެ ބޭންކުގެ ކޮރަޕްޝަނުގެ މައްސަލަ ބަލާ ޓާސްކް ފޯހުން އިއްޔެ ވަނީ ބުނެފަ އެވެ. 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި ނިންމާފައި ވަނީ އެއީ ސައުދީ އަރަބިއާ އިން ދިން އެހީއެއް ކަމަށެވެ.

މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މީގެ ކުރިން ނަޖީބު ވަނީ ދެ ފަހަރެއްގެ މަތިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

މެއި 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމެވެ. ނަޖީބު ބަލިކުރުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދުގެ ސަރުކާރުން ވަނީ ނަޖީބާއި އަނބިކަނބަލުން ރަސްމާ މަންސޫރު ފުރުން މަނާކޮށްފަ އެވެ.

ނަޖީބާއި އޭނާގެ އަނބިކަނބަލުންނާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.