03 ޖުލައި 2018 - 14:29

ވެރިކަމުގެ ފުރަތަމަ ދައުރުގައި، ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި އެ ކަންކަން އިތުރަށް ފުރިހަމަކުރަން އަދި އެއް ދައުރު އެމަނިކުފާނު ޓެސްޓުކޮށްލުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، މިލަންދޫގެ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ދައުރުގައި ރަށްތަކަށް ގެނައި ތަރައްގީގެ މަޝްރޫއުތައް ފަދަ އިތުރު މަޝްރޫއުތަކަށް ރައްޔިތުން ތިބީ އެދިއެދި ކަމަށެވެ. އެމަނިކުފާނު ދެން ވަޑައިގަންނަވާ ރަށްތަކުން ވެސް ތަރައްގީގެ މަޝްރޫއުތަކަށް ހުށަހެޅުން އަންނާނެ ކަމަށް ވިދާޅުވި އެވެ.
"ދެން ދާ ރަށަކުން އަހާނެ ރައީސް، ކޮން ކަމެއްހޭ ކޮށްދެވޭނީ. އެކަން ނިންމާއިރަށް އަހާނެ ދެން ކޮން ކަމެއްހޭ ކޮށްދެވޭނީ. އެހެންވީމަ މި ރައީސް އަދިވެސް ޓެސްޓުކޮށްލާ. މި ރައީސް ކަންތައް ކޮށްދޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ނޭޅުނު ބްރިޖު ވެސް މާލެ އާއި ހުޅުލެއާ ދޭތެރޭގައި އެމަނިކުފާނުގެ ސަރުކާރުން އަޅައިފި އެވެ. ދެންވެސް ރައްޔިތުން އެދޭނީ ކަންތައްތަކެއް ކޮށްދޭން ކަމަށާއި އެކަންކަން ވެސް އެމަނިކުފާނު ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ވޭތުވެދިޔަ ވެރިކަންތަކުގައި ތަރައްގީ ރައްޔިތުންނަށް ހޯދައިނުދެވުނުއިރު، ގާނޫނާ ޚިލާފު ގިނަ އަމަލުތަކެއް ވެސް ހިންގާފައިވާ ކަމަށެވެ. އޭގެތެރޭގައި ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ކޯޓުތަކުގައި ތަޅު އެޅުވުމާއި ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށާއި އެކަންކަން ތަކުރާރު ކުރަން ފުރުސަތުދީގެން ނުވާނެ ކަމަށެވެ.
ޑިމޮކްރަސީއަކީ އެއް ބަޔަކު ވިސްނާ ގޮތެއް ނޫން ކަމަށާއި އޭގެ އަސާސްތައް ގާނޫނުއަސާސީގައި ލިއެފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާލަށް އަންނަން ހުރި ވާހަކަތަކުގެ ތެރޭގައި ހިމެނޭނެ، ރައީސް ނަޝީދު ސުޕްރީމް ކޯޓުގައި ތަޅު އެޅުވި ވާހަކަ ތި ބުނަނީއޭ. ރައީސް ޔާމީން ކީއްހޭ ތި ކުރަނީ؟ އުއްތަމަ ފަނޑިޔާރު ވެސް ހައްޔަރު ކުރީއޭ، ދެން ހުރި އިސް ފަނޑިޔާރު ވެސް ހައްޔަރު ކުރީއޭ؟ އުސޫލުން ބޭރުން ކަންތައްތައް ހިނގާ ކަމަށް ވަންޏާ، ވަލިއްޔުލްއަމުރެއްގެ ދައުރު ހަމަ ހުރިހާ އެންމެން ވެސް ދަންނަންވާނެ،" ރައީސް ވިދާޅުވި އެވެ.
"ދައުލަތަށް ދިމާވާ ބޮޑެތި މައްސަލަތަކާ އަދި މުއައްސަސާތަކުގެ އަތްނުފޯރާ ދުރުންދާ މައްސަލަތަކުން ރައްޔިތުންނަށް ނުރައްކާތެރިކަމާއި ދައުލަތް ހިންގުމަށް ނުވަތަ ދައުލަތް އޮތުމަށް ނުރައްކާ އައިސްފި ކަމަށް ވަންޏާ، އެ އަމާނާތާ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ސުޕްރީމް ކޯޓަކާ ނޫން. އެ ޒިންމާ ހަވާލުކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާ."