03 ޖުލައި 2018 - 13:11

ޖޮހަނަސްބާގު (ޖުލައި 3) - މޯޗަރީ އަށް ލީ ސައުތު އެފްރިކާގެ އަންހެނަކު މަރުނުވާކަން އެނގުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
މަގުމަތީގެ އެކްސިޑެންޓަކަށް ފަހު އެ އަންހެން މީހާ މަރުވެފައިވާކަން ޕެރަމެޑިކްސް އިން ޔަގީންކޮށްދިނުމުން އެ މީހާ ގެންދިޔައީ ގުއަޓެން ޕްރޮވިންސްގެ ކާލެޓޮންވީލް މޯޗަރީއަށެވެ. އެމްބިއުލެންސް ކުންފުނިން ވެސް ބުނެފައި ވަނީ އެ އަންހެން މީހާގެ އެއްވެސް ދިރުމެއް ނެތް ކަމަށެވެ. ނަމަވެސް މޯޗަރީގެ މަސައްކަތު މީހަކު ބޮޑީ ޗެކް ކުރުމުގެ ތެރޭގައި ވަނީ އެ އަންހެން މީހާ ނޭވާލާކަން ފާހަގަ ކުރެވިފަ އެވެ.
އެ އަންހެން މީހާ މިހާރު ވަނީ ޖޮހަނަސްބާގުގެ އިރުމަތީގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފަ އެވެ. މި ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. އަންހެން މީހާގެ އާއިލާ އިން ދަނީ އެކަންވީ ގޮތް ސާފުކޮށްދޭން ޑިމާންޑް ކުރަމުންނެވެ.
ޖޫން 24 ވަނަ ދުވަހު ހިނގި ކާރު އެކްސިޑެންޓުގައި ވަނީ އިތުރު ދެ މީހަކު މަރުވެފަ އެވެ.
މޯޗަރީތަކަށްލާ މީހުން މީގެ ކުރިން ވެސް ވަނީ މަރުނުވާކަން ޔަގީން ކުރެވިފަ އެވެ. ސްޕޭނުގެ ޖަލަކުން މަރުވި ކަމަށް ނިންމި ގައިދީއެއްގެ އޮޓޮޕްސީ ހަދަން ތައްޔާރުވަމުން ދަނިކޮށް އޭނާ ވަނީ ހޭއަރައިފަ އެވެ. އެ ގައިދީ މަރުވެފައިވާ ކަމަށް ތިން ޑޮކްޓަރުން ޔަގީން ކޮށްދިނެވެ. ސައުތު އެފްރިކާގައި ވެސް މީގެ ހަތް އަހަރު ކުރިން ވަނީ މޯޗަރީ އަށް ލީ 50 އަހަރުގެ އަންހެނަކު އަލުން "ދިރިވެފަ" އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ވެސް ވަނީ މަގުމަތީގެ އެކްސިޑެންޓެއްގައި މަރުވި ކަމަށް ނިންމި މީހަކު ނޭވާލާ ކަމަށް، ޖެހިގެން އައި ދުވަހު ފާހަގަ ކުރެވިފަ އެވެ. އެކަމަކު އޭގެ ފަސް ގަޑިއިރު ފަހުން އެ މީހާ ވަނީ މަރުވެފަ އެވެ.