04 ޖުލައި 2018 - 07:07

އާންމުކޮށް އެއް ޑޮކްޓަރަށް ދެއްކުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރުމަށް ރަނގަޅު ކަމެއްގެ ގޮތުގައި ދިރާސާއަކުން ހާމަވެއްޖެ އެވެ.
މި ދިރާސާކޮށްފައި ވަނީ އެކި ގައުމުތަކުގައި ކޮށްފައިވާ 22 ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ.
މީގެ ތެރެއިން 18 ދިރާސާއަކުން ދައްކާފައި ވަނީ އެކި ފަހަރު އެކި ޑޮކްޓަރުންނަށް ދައްކައިގެން ފަރުވާ ހޯދާ މީހުންނަށް ވުރެ، އާންމުކޮށް އެއް ޑޮކްޓަރަށް ދައްކާ މީހުން އެކި ބަލިތަކުގައި އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ޑެނިސް ޕެރެއިރާ ގްރޭ ވިދާޅުވީ ބަލި މީހާ ވަކި ޑޮކްޓަރަށް ހާއްސަވެފައި ހުރުމަކީ ސިއްހީ ހިދުމަތާއި ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުވެގެންދާ ކަމެއްކަން މި ދިރާސާއިން ކަށަވަރުވާ ކަމަށެވެ.
އިންގްލެންޑުގެ ޔުނިވަސިޓީ އޮފް އެކްސެޓާގެ ޕްރޮފެސަރެއް ކަމަށްވާ ގޭރީ ވިދާޅުވި ގޮތުގައި މިއީ އެއް ޑޮކްޓަރަކަށް ދެއްކުމާއި އެކި ބަލިތަކާ ހުރި ގުޅުމާ ބެހޭ ގޮތުން މިހާތަނަށް ކުރި މިފަދަ ފުރަތަމަ ދިރާސާ އެވެ. އޭނާ ވިދާޅުވީ އާންމު ބަލިތަކުގެ ޑޮކްޓަރުން ދައްކާއިރު ވެސް އަބަދު އެއް ޑޮކްޓަރަކަށް ދެއްކުމާއި ސްޕެޝަލިސްޓުންނަށް ދެއްކުމުގައި ވެސް އެއް ޑޮކްޓަރުންތަކެއް އިހުތިޔާރު ކުރުމަކީ ފައިދާ ބޮޑު ގޮތެކެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި، އަބަދު އެއް ޑޮކްޓަރަކަށް ދެއްކުމުން އެ ޑޮކްޓަރަކަށް އެ މީހެއްގެ ހާލަތު ރަނގަޅަށް އެނގުމުގެ އިތުރުން ބަލި މީހާ އާއި ޑޮކްޓަރާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ބައްޔާ ބެހޭ ގޮތުން ތަފްސީލްކޮށް ރަނގަޅަށް ވާހަކަ ދައްކަން ވެސް މަގު ފަހިވެ އެވެ.
މި ދިރާސާ ރިޕޯޓް މިހާރު ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ބީއެމްޖޭ އޯޕަން ޖާނަލްގައި ޝާއިއުކޮށްފަ އެވެ.