04 ޖުލައި 2018 - 07:06

ބޭނުންކުރާ މީހުން މަދު ކަމަށް ބުނެ، ތިން އެޕްލިކޭޝަނެއް ހުއްޓާލަން ފޭސްބުކުން ނިންމައިފި އެވެ. ފޭސްބުކުން ބުނި ގޮތުގައި، އެޕްލިކޭޝަންތައް ހިންގަން އެކަށީގެންވާ ވަރަށް ތަރުހީބުނުލިބޭ ނަމަ، އެޕްލިކޭޝަންތައް ތަރައްގީކޮށް ދެމެހެއްޓުމަށް ޚަރަދުކޮށް، މަސައްކަތެއް ނުކުރެވޭނެ އެވެ.
ފޭސްބުކުން ހުއްޓާލަން ލިސްޓްކުރި ތިން އެޕްލިކޭޝަނަކީ "ހެލޯ"، "މޫވްސް" އަދި "ޓީބީއެޗް" އެވެ. މިއީ ފޭސްބުކް ނެޓްވޯކްގައި މި އެޕްލިކޭޝަންތައް ދެމެހެއްޓުމަށް ކުރި އެއްވެސް މަސައްކަތަކުން ވައިގައި ނުހިފައި، އޮޔާހިނގައިދާނެ ކަމަށް ބިރުހީވެފައިވާ ތިން އެޕްލިކޭޝަން ކަމަށް ފޭސްބުކުން ބުނެ އެވެ.
"ހެލޯ" އަކީ އެންޑްރޮއިޑް ފޯނުތަކަށް ޚާއްސަ ޑައިލާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނާ ބެހޭ ގޮތުން އެއްޗެއް އެނގިފައި ނެތް ނަމަ ދެން ވެސް އަޅާލާނެ ކަމެއް ނެތެވެ. ފޭސްބުކުން މި އެޕްލިކޭޝަން އަމާޒުކުރީ ވެސް އެންމެ ތިން ގައުމަކަށެވެ. އެއީ އެމެރިކާ، ބްރެޒިލް އަދި ނައިޖީރިއާ އެވެ. އެންޑްރޮއިޑް އެޕްލިކޭޝަންތަކަކީ "އޭޕީކޭ" ފައިލް އަތުޖެހިއްޖެ ނަމަ، އެންޑްރޮއިޑް ކޮންމެ ފޯނެއްގައި ވެސް ބޭނުންކުރެވޭ އެޕްލިކޭންތަކެކެވެ. މި ސަބަބާ ހެދި، ކޮންމެ މީހަކަށް ވެސް ހެލޯ އެޕްލިކޭޝަން ފޯނަށް އެޅުމަށް ފުރުސަތު އޮވެ އެވެ. ފޭސްބުކުން އުންމީދުކުރި ވަރަށް މި އެޕްލިކޭޝަނަށް ތަރުހީބުނުލިިބުމުން ހުއްޓާލަން ނިންމީ އެވެ.
"މޫވްސް" އަކީ ފޭސްބުކުން 2014 ގައި ގަނެ އަމިއްލަކުރި ފިޓްނެސް އެޕްލިކޭޝަނެކެވެ. މިއީ ދުވަހުގެ ހަރަކާތްތައް، ހިނގުން، ދުވުން އަދި ބައިސްކަލު ދުއްވުން ފަދަ ހަރަކާތްތައް ރެކޯޑްކޮށްދޭ އެޕްލިކޭޝަނެކެވެ. މޫވްސްއާ މެދު ފޭސްބުކުން ފޮނި އުންމީދުތަކެއް ކުރި ނަމަވެސް، ފުލުން ގޮސްފައި ވަނީ ވާދަވެރި އެޕްލިކޭޝަންތަކުގައި ޖެހި، ސަޕޯޓަރުން މަދުވުމުންނެވެ.
ފޭސްބުކުން "ޓީބީއެޗް" ގަތީ 2017 ގަ އެވެ. މިއީ ސޯޝަލް މީޑިއާ އެޕްލިކޭޝަނެކެވެ. ޚާއްސަކޮށްފައި ވަނީ އެމެރިކާގައި މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށެވެ. އާންމު ޗެޓް ލޮގްތަކުގައި "ޓީބީއެޗް"، މި ތިން އަކުރު ލިޔެލަނީ "ޓް ބީ އޮނަސްޓް" ރަމްޒުކުރުމަށެވެ. އެހެންކަމުން މި އެޕްލިކޭޝަންގެ މުޅި އަމާޒަކީ އަނގަތަޅައި ޗެޓްކުރުންކަން ކަށަވަރެވެ.
ޒަމާނީ އޮއިވަރުގައި ޖެހެވި، ފޭސްބުކަށް ދަތި ދުވަސްތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި، ކުންފުންޏަށް ހެޔޮވަރު ފައިދާއެއް ނުވާ މަސައްކަތްތައް ހުއްޓާލަން ނިންމުމަކީ ގޯހެއް ކަމަކަށް ނުބެލެވެ އެވެ. އެހެނެ ނަމަވެސް މިއިން އެޕްލިކޭޝަނެއް ބޭނުންކުރާ މީހަކަށް މިއީ ހެޔޮ ޚަބަރެއް ނޫނެވެ.