ޝާކާ ރުޅިއަރުވާލަން ސްވިޑަން އިން ރާވައިފި
ޝާކާ ރުޅިއަރުވާލަން ސްވިޑަން އިން ރާވައިފި

ސެއިންޓް ޕީޓާސްބާގް (ޖުލައި 3) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ގްރޭނިޓް ޝާކާ ރުޅިއަރުވާލައިގެން އޭގެ ފައިދާ ނަގަން ސްވިޑަން އިން ވިސްނާނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު މިކައެލް ލުސްޓިގް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ޝާކާ އަށް 2014 ވަނަ އަހަރުގެ ފަހުން މިހާތަނަށް ވަނީ ނުވަ ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ތެރޭގައި އޭނާ ކްލަބް ލެވެލާއި ގައުމީ ޓީމުގައި ކުޅުނު މެޗުތައް ހިމެނެ އެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލަށެވެ.

"އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ބެލި ބަޔަކަށް އެނގޭނެ ޝާކާ އަކީ ވަރަށް އަވަހަށް ރަތް ކާޑު ހޯދާ ކުޅުންތެރިއެއްކަން. ރަނގަޅަށް ވިސްނުން ތެރި ކަމާ އެކު އޭނާ އަށް ޓާގެޓް ކޮށްގެން ކުޅެފިިއްޔާ މި މެޗުގައި ވެސް އެ ކަހަލަ ކަމެއް ވުމުގެ ފުރުސަތު އެބައޮތް،" ލުސްޓިގް ބުނެފި އެވެ.

ސްވިޑެންގެ ކުޅުންތެރިންގެ މި ރޭވުންތަކާ ގުޅޭގޮތުން ޝާކާއާ ސުވާލުކުރުމުން އޭނާ ބުނީ އެކަމާ ސަމާލުވެގެން ކުޅޭނެ ކަމަށެވެ.

"މިއީ މެޗުގެ ކުރިން ވެސް އަހަރެން ރުޅި އަރުވަން ދައްކާ ވާހަކަ. އެކަމަކު އަހަރެން މި އަންނަނީ މެޗަކަށް ފަހު މެޗެއްގައި ކަންތައްތައް ދަސްކުރަމުން. އެހާ ފަސޭހައެއް ނުވާނެ އަހަރެން ގޭމުގެ ތެރެއިން ބޭރުކޮށްލަން،" ޝާކާ ބުންޏެވެ. "ޔަގީނުން ވެސް އަހަރެން މެޗު ފުރިހަމަ ކުރާނަން."

ސާބިއާ އަތުން 2-1 އިން ސްވިޒަލެންޑް މޮޅުވި މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝާކާ އުފާފާޅުކުރި އިރު ސިޔާސީ ނިޝާނެއް ދެއްކި ކަމަށް ބުނެ ފީފާއިން އެ ދެ ކުޅުންތެރިން ޖޫރިމަނާކުރި އެވެ.

ޝާކާ އާއި ޝަގީރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު އެ ދެ ކުޅުންތެރިން އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކާލިއިރު، މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށް ބޭނުންކުރާ ނިޝާނެކެވެ. ޝަގީރީ އާއި ޝާކާ އަކީ އަލްބޭނިއާ ދަރިކޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ސްވިޑަންގެ ފަރިތަކުރުންތަކުގައި އެ ޓީމުގެ ފޮންޓަސް ޔެންސަން ވަނީ ސަކަރާތް ޖެހުމުގެ ތެރޭގައި ޑަބަލް އީގަލް އުފާފާޅުކުރުމަށް މަލާމަތްކޮށްފަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަން ޝާކާ އާއި ސްވިޒަލެންޑުގެ ކޯޗު ލަޑިމީރް ޕެޓްކޮވިޗް ވަނީ ދެކޮޅު ހަދައިފަ އެވެ.

މިއީ ސްވިޑަން އާއި ސްވިޒަލެންޑް ބޮޑު މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މި ދެ ޓީމު 2012 ވަނަ އަހަރު ކުޅުނު އެކުވެރި ކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސްވިޒަލެންޑުން އެންމެ ފަހުން ސްވިޑަންގެ މައްޗަށް ކުރި ހޯދީ 1994 ވަަނަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު ޔޫރޯ ކޮލިފައިން މެޗެއްގަ އެވެ.

ސްވިޒަލެންޑުން 1954 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި 7-5 އިން އޮސްޓްރިއާ އަތުން ބަލިވި މެޗަށް ފަހު އޭގެ ފަހުން ނޮކައުޓް ބުރުގައި ކުޅުނު ތިން ފަހަރު ވެސް ކެޓީ ލަނޑެއް ނުޖެހި އެވެ. އެ ޓީމުން އެ މެޗުތަކުގައި ވާދަކުރީ ސްޕެއިން އާއި ޔޫކްރޭން އަދި އާޖެންޓީނާއާ ދެކޮޅަށެވެ.

ސްވިޑަން އަށް އެންމެ ފަހުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރުސަތު ލިބުނީ 1994 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން މުބާރާތުގެ ތިން ވަނަ ހޯދި އެވެ. އެންމެ ފަހުން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ސްވިޑަން ބަލިވެފައެއް ނުވެ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ހަތެއް ޖަހާއިރު އެވެ.