03 ޖުލައި 2018 - 10:53

ބެންކޮކް (ޖުލައި 3) - ތައިލެންޑުގެ ހޮހަޅައިގެ ތެރޭގައި ތާށިވި ކުދިން ނުވަ ދުވަސް ފަހުން ފުރަތަމަ ފެނިފައި ވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނަށެވެ. އެ މީހުންނަށް އެ ކުދިން ރޭ ފެނުމާ އެކު ނެގި ވީޑިއޯ ތައި ރޯޔަލް އާމީން މިހާރު ވަނީ އާއްމުކޮށްފަ އެވެ.

ތަމް ލުއާން ހޮހަޅައިގެ ތެރޭގައިވާ ބޮޑު ބާގަނޑެއްގެ ކަހަލަ ތަނެއްގައި ހުރި އުސް ތަނެއްގެ މަތީގައި އުމުރުން 11-16 އަހަރާ ދެމެދުގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ތިއްބާ ފުރަތަމަ ފެނުނީ އިނގިރޭސި ޑައިވަރުން ކަމަށްވާ ރިކް ސްޓެންޓޮން އާއި ޖޯން ވޮލަންތެން އަށެވެ. އެ މީހުން ތައިލެންޑަށް ދިޔައީ މިދިޔަ ހަފުތާގަ އެވެ.
ކުދިން ފެނުމާ އެކު ޓޯޗު ބައްތިއަކުން އަލިކުރަމުން ޑައިވަރުން ފުރަތަމަ ވެސް ސުވާލު ކުރީ ސަލާމަތުން ތިބީ ކިތައް ކުދިންތޯ އެވެ. ތޭރަ ކަމަށް އެ ކުދިން ޖަވާބު ދިނެވެ.
"ތޭރަ. ބަރާބަރު،" ޑައިވަރުން ބުންޏެވެ.
ދެން އެ ކުދިން އަވަސްވެ ގަތީ ހޮހަޅައިން ސަލާމަތް ކުރާނީ ކޮން އިރަކުންތޯ ސާފު ކުރުމަށެވެ. އެ ތަނުން އެއް ޑައިވަރަކު ބުނާ އަޑުއިވެނީ މިއަދު ނޫން ކަމަށެވެ.
"މިހާރު މި ތިބީ އަހަރެމެންގެ ދެ މީހުން. އިތުރު ޑައިވަރުން އެބަ އާދޭ. އަހަރެމެން މިއީ ފުރަތަމަ އާދެވުނު ޑައިވަރުން،" ޑައިވަރުން ބުންޏެވެ.
ހޮހަޅައިގައި ތިބި ކުދިންގެ ތެރޭން އެއް ކުއްޖަކު ވަނީ ކާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެ މީހުން ތިބީ ވަރަށް ބަނޑުހައިވެފައި ކަމަށް ދެން އަންނަ ޑައިވަރުން ގާތު ބުނުމަށް އެ ކުދިން އެދުނެވެ.
އެ ކުދިން ދެން ސުވާލު ކުރީ އެއީ ހަފުތާ އިން ކޮން ދުވަހެއްތޯ އެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށް ފަހު އެއް ޑައިވަރަކު ބުނީ އެއީ ހޯމަ ދުވަސް ކަމަށެވެ.
"ތި ކުދިން މިތާ ތިބޭތާ 10 ދުވަސް ވެއްޖެ. ތިޔައީ ވަރަށް ހިތްވަރުގަދަ ކުދިންތަކެެއް،" ޑައިވަރުން ބުންޏެވެ.
ޑައިވަރުން ވަނީ އެ މީހުން އެނބުރި ދާން ޖެހޭ ކަމާ އަދި އަންނާނެކަން އެކުދިންނަށް ސާފުކޮށްދީފަ އެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ،" އެ ކުދިންގެ ތެރޭން އެއް ކުއްޖަކު ބުންޏެވެ. "ތިއީ ކޮން ގައުމެއްގެ ބައެއްތޯ؟"
"އިންގްލެންޑް. ޔޫކޭ،" ޖަވާބުގައި ޑައިވަރުން ބުންޏެވެ. "މާދަމާ ބައްދަލުވާނެ،"
ކަމާބެހޭ އޮފިޝަލުން މިހާރު ވަނީ އެ ކުދިންގެ ހާލު ބަލަން ޑޮކްޓަރުން ފޮނުވަން ނިންމައިފަ އެވެ. އޭގެ ފަހުން އެ ކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތް ދުވަސްތަކަކަށް ދިގު ދެމިގެން ހިނގައިދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.