04 ޖުލައި 2018 - 09:15

އާދިއްތަ ދުވަހާ ގުޅޭ
"އަހަރެންގެ ޙަޤީޤަތް ހޯދަން ވަރަށް އުނދަގޫވާނެ،" ފަރުހާދު ބުންޏެވެ. "ކޮންމެވެސް އިރަކުން ގުޅާލާފަ ދާނަން ބަލާ! ފުރަން ތައްޔާރުވެގެން ހުރޭ އިނގޭ."
ފަރުހާދުގެ ފޯނު ކަނޑައިލިއެވެ. އަޒްރާ ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އުންމީދުކުރި އުފާވެރި ދިރިއުޅުމާ އަޒްރާއާ ދެމެދު މާ ބޮޑު ދުރުމިނެއް ނެތްކަން އަޒްރާއަށް ޔަގީނެވެ. އެކަމަކު ހިތުގައި ސުވާލެއް އުފެއްދި ވެސް މެއެވެ. ތިން ދަރިން ލިބިފައިވާ އަންހެނަކު ދެކެ ފަރުހާދު އެހާ ލޯބިވާ ސަބަބަކީ ކޮބައި ހެއްޔެވެ؟
ކުރުނބާގެ މަތި ކަނޑައިލުމާއެކު ޖިނާގެ އައިނަށް ފެން ބުރިއެވެ. ބަރޯގެ އަތްގަނޑުގައި އިށީނދެލައިގެން އިން ޒޫނާއަށް އެ މަންޒަރު ފެނުނެވެ.
"ސާބަސް!" ޒޫނާ ބުންޏެވެ.
ޒޫނާއަށް ކުރުނބާ ދިއްކޮށްލަމުން ޖިނާ އައިނު ނެގިއެވެ. އެ މީހުން ތިބީ ސަމަދުގެ ގޭކައިރީގައި ހުންނަ ރުއްގަނޑު ތެރޭގައެވެ. އެ ތަނުގައި ހުރި ގިނަ ރުކަކީ ސަމަދުގެ ޢާއިލާއަށް ނިސްބަތްވާ ރުކެވެ. ސަމަދު އޮތީ ރުކަށް އަރައެވެ.
"އައިނުއަޅައިގެން އުޅުމަކީ ހާދަ އުނދަގޫކަމެކޭ،" އައިނު ފުހެލަމުން ޖިނާ ބުންޏެވެ. "ކިތަންމެ ބަލައިގެން އުޅުނަސް އޮންނާނީ އޭގެ މަތީގަ އިށީނދެވިފަ. އަހަރެން މިހާރު ހަތް އައިނު ހައްދައިފީމޭ. ގަބޫލުކުރެވޭތަ؟"
"އަހަރެން ދެއްކި ވާހަކަތައް ޖިނާއަށް ގަބޫލުކުރެވޭތަ؟" ޒޫނާ ސުވާލުކުރިއެވެ.
ޖިނާގެ ކުރުނބާ ހެދުމުގެ މަސައްކަތް ފެށިއެވެ. ޒޫނާ ކިޔައިދިން ވާހަކަތަކުގެ ބޮޑުބައެއް ނިޝާ ވެސް ކިޔައިދީފިއެވެ. އެކަމަކު އެ ވާހަކައަކީ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ. އަނެއްކޮޅުން ޒޫނާ ކޮންމެހެން ދޮގެއްހަދަންވީ ސަބަބެއް ވެސް ޖިނާއަކަށް ނުވިސްނެއެވެ.
"އަހަންނަކަށް ނޭނގެ ތި ސުވާލުގެ ޖަވާބުދޭކަށް،" ކުރުނބާހަދަން އިސްޖަހައިގެން ހުރި ޖިނާ ބުންޏެވެ. "ތި ބުނަނީތާ އަހަރެންގެ ސިފައިގަޔޭ އައީ ވެސް. އަހަރެން މީ މާ ރީތި މީހަކީތަ ޖިންނިތައް ބައިބަހައިގެން އައިސް އަހަރެންގެ ސިފަޖެހެން؟"
ޖަވާބު ވަރަށް ސާދާއެވެ. ޖިނާގެ ސިފަ ޖެހިގެން އައީ ޒޫނާގެ ލޯބި ހާސިލުކުރާށެވެ. ޖިނާ ދެކެ ޒޫނާ ލޯބިވާތީއެވެ. އެ ކަން ހަނދާންކޮށްދޭން ޒޫނާ އުޅުނެވެ. ވާހަކަދައްކަން އަނގަ ހުޅުވައިލިއެވެ.
"މިހާރު ވެސް ޖެނީ ފެނޭތަ؟" ޖިނާ އެހިއެވެ.
ކުއްލިއަކަށް އިވުނީ ހޯލިކޮޅެއް ބިނދުނު އަޑެވެ. އެ ދިމާއަށް ×ޒޫނާއަށް ބަލައިލެވުނެވެ. ޒޫނާއަށް ފެނުނީ ރުކެއްގެ ނިވަލުގައި ޖެނީ ބަލަހައްޓައިގެން ހުރިތަނެވެ. ހިނިތުންވެފައެވެ. ފެންކަޅިވެފައެވެ. ހައިރާންވެފައި ޒޫނާ ބަލަންއިނެވެ.
"ޖެނީ؟" ވަރަށް މަޑުމަޑުން ޒޫނާއަށް ބުނެވުނެވެ.
ޖިނާ ކުރި ސުވާލަށް ޖަވާބު ނުލިބިގެން ޒޫނާއަށް ބަލައިލިއިރު ޒޫނާ އިނީ އެހެން ދިމާއަކަށް ބަލަހައްޓައިގެންނެވެ. ޖިނާއަށް ހުރެވުނު ދިމާގެ ގޮތުން ޖިނާއަކަށް ޖެނީއެއް ނުފެނެއެވެ.
"ޒޫނާ!" ޖިނާ ގޮވައިލިއެވެ.
"އޭނ؟" ސިހިފައި ޒޫނާ އެނބުރިލިއެވެ.
"މަ ބުނީ މިހާރު ވެސް ޖެނީ ފެނޭހޭ؟" ޖިނާގެ ސުވާލު ތަކުރާރު ކުރިއެވެ.
އަލުން ޒޫނާ އެނބުރިފައި ޖެނީއަށް ބަލައިލިއިރު އޭނައެއް ނެތެވެ.
"މިހާރު ވެސް ބައެއް ފަހަރު ހީވޭ ޖެނީ ފެންނަހެން." ޒޫނާ ބުންޏެވެ.
މަޒްލާން ގަސްތުގެ ތެރެއިން ނުކުތެވެ. އޭނައަށް ލިބިފައިވާ، ފަރުދާވުމުގެ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފައިގެންނެވެ. ކުޑަމިނުން މަޒްލާންގެ ފިޔަވަޅުގެ އަޑެއް، އޭނަގެ ހިޔަންޏެއްހާ ހިސާބު ވެސް އެހެން މީހެއްގެ ސަމާލުކަމަށް އަޔަކަނުދެއެވެ. މަޒްލާން އައިސް ހުއްޓުނީ ޖިނާގެ ފައި ކައިރީގައެވެ. ޖިނާ އަތުގައި އޮތް ތޫނު ވަޅިއަށް މަޒްލާން ބަލައިލިއެވެ. މަޒްލާންގެ ސިކުނޑީގައި އެ ވަގުތު ހިނގަމުންދިޔައީ އަނިޔާވެރި ޚިޔާލެކެވެ. ރަޙުމެއް ނެތް ފިކުރެކެވެ.
"ތި ވާނީ ވަހުމަކަށް،" ޖިނާ ބުންޏެވެ. އަދި ތަންކޮޅެއް ބާރަށް ސަމަދަށް ގޮވައިލިއެވެ. "އޭ! ދެން ފައިބަންއުޅޭ!"
"ދެން ނޭނގެ،" ޒޫނާ ބުންޏެވެ. "އަހަންނަށް އެ ކަންތައް ދިމާވުމުގެ ކުރިން އެހެން މީހަކު އެ ކަހަލަ ވާހަކައެއް ދެއްކި ނަމަ އަހަންނަކަށް ހިޔެއްނުވޭ ގަބޫލުކުރެވޭނެހެނެއް. ޖިނާ އަޅެ ބުނެބަލަ! މާލެއަށް ގޮއްސަ އަލުން މި ކޮޅަށް ތި އައީ ކީއްކުރަން؟ ނިޝާ ބުނީ ޖިނާގެ ވައިފް.."
"އޭނަ މިނިވަންކޮށްދީފަ މި އައީ،" ޖެހިލުމެއް ނެތި ޖިނާ ބުންޏެވެ. "ދާންއުޅޭ މީހަކު ނުހިފޭއްޓޭނެ."
މަޒްލާންގެ ވިސްނުން ދެކަފިވިއެވެ. ސިކާރަކުރަންވީ ކާކު ހެއްޔެވެ؟ ޒޫނާ ހެއްޔެވެ؟ ޒޫނާގެ ދިރިއުޅުން އަނބުރައި ގެނެސްދިން ޖިނާ ހެއްޔެވެ؟ ކުރުނބާ ހަދައި ނިމުމަށް ފަހު ޖިނާ ވަޅި ބޭއްވިއެވެ. މަޒްލާނަށް ވިސްނުނީ މާ މޮޅު ގޮތެކެވެ. އެއީ އެކަކު މަރައިލައިފައި އެ ކުށުގެ އަދަބު އަނެކަކަށް ލިބޭނެ ގޮތް ހެދުމެވެ. ވަޅިއާ ދިމާއަށް މަޒްލާން މަޑުމަޑުން ކައިރިވިއެވެ.
"ދެން ކުދިން.." ޒޫނާއަށް ބުނެވުނެވެ.
"ކުދިން މިހާރު ކުޑައެއް ނޫން،" ޖަވާބުގައި ޖިނާ ބުންޏެވެ. "ވާގޮތް އެ މީހުންނަށް ވިސްނޭނެ. ގޮތެއް ނިންމަން ނޭނގިގެން މި އުޅެނީ އަހަރެން. ހިތަށްއަރަނީ މި ވަގުތު އަހަރެން ހުންނަންވީ މާލޭގަހޭ ނޫނީ މިތާނގަހޭ؟ ދަރިން ގާތުގަހޭ ނޫނީ.."
ޒޫނާ ހީކުރީ އެ ފަހަރު ޒޫނާ ބޭނުންވި ޖަވާބު ލިބޭނެކަމަށެވެ. ޖިނާއާ ހަތަރުކަޅި ހަމަކޮށް ޒޫނާއަށް ބަލައިލެވުނު ވެސް މެއެވެ. ޖިނާގެ ދޫ ހަރަކާތް ނުކުރީ ކީއްވެގެންކަމެއް ޚުދު ޖިނާއަކަށް ވެސް ނޭނގެއެވެ. ދުލުގައި ލަފުޒު ހަރުލި ކަހަލައެވެ. ޒޫނާއާއި ޖިނާގެ ގުޅުން އެހެން ހަރުފަތަކަށް ގެންދަން އެއީ އެންމެ ރަނގަޅު ދަނޑިވަޅުބާއެވެ؟
"ޒޫނާ ދެން ތިހެން ހުންނަނީތަ؟" ޖިނާ އެހިއެވެ. "ކިހިނެއް ވިސްނުން ހުރީ؟
"އަހަރެން އިންތިޒާރު ކުރާނީ އަހަންނަކީ ކާކުކަން އެނގޭ މީހަކަށް،" ބައެއް އަކުރުގައި ޒޫނާ ފިލިޖެހީ ޒޫނާގެ ލޮލުންނެވެ. "އަހަރެންގެ އިއްޔެއާ މިއަދު ކިޔައިދޭން ނުޖެހޭ މީހަކަށް."
މަޒްލާން ހުރީ ވަޅި ނަގަން އަތްދިއްކޮށްލި ގޮތަށެވެ. ހިރިލަން ވެސް ނޭނގިފައެވެ. މަޒްލާންގެ ބައްޕަ ހުރީ މަޒްލާނަށް ގުޑައިނުލެވޭ ވަރަށް ހިފަހައްޓައިގެންނެވެ. އަދި ބިންމައްޗަށް މަޒްލާން ވައްޓައިލައިފައި ދަމައިފައި ގެންދިޔައެވެ. އެ އަޑު ޖިނާއާއި ޒޫނާއަށް އިވުނެވެ. އަޑު އައީ ކައިރިންކަން ވެސް އެނގުނެވެ. އެކަމަކު އެއީ ކޮން އަޑެއްކަމެއް ނޭނގުނެވެ. މަޒްލާން ދަމަމުން ގެނެސް ބެހެއްޓީ ފުޓުބޯޅަ ދަނޑުގެ މެދުގައެވެ.
"މީގެ ފަހުން މި ދަނޑުން ބޭރަކަށް ދަރިފުޅަކަށް ނުނިކުމެވޭނެ." ބައްޕަގެ ހަރުކަށި އަމުރު މަޒްލާނަށް އިވުނެވެ.
ޖިންނީންގެ ބާރުތައް އުފެދިފައި ހުންނަނީ އެ ކަހަލަ ގޮތަކަށެވެ. ދަގަނޑު ތޭރިއާއި، ހިލިހިލާއަކުން ކޮންމެކޮންމެ ޖިންނިއެއް ހައްޔަރެއް ނުކުރެވެއެވެ. ޖިންނީގެ ހަރުކަށި އަމުރަކީ ކަސްތަޅަކަށް ފުދެއެވެ. އެ ފަދަ "ހިލިހިލާތަކުގައި" އިންސާނުން ވެސް ހައްޔަރުކުރެއެވެ. އުމުރުދުވަހަށް ހައްޔަރުވެފައި ތިބެންޖެހެއެވެ.
"އަހަރެން އެއްވެސްކަމެއް ނުކުރަމެއްނު!" މަޒްލާން ހަޅޭއްލަވައިގަތެވެ.
"ކުރަންދެން ބަލަހައްޓައިގެން ހުންނަންވީ؟" ބައްޕަ ބުންޏެވެ. "ދަރިފުޅަކަށް ނުފެނޭތަ ދައްތަ އެ ތަނުގަ.."
"ދައްތަ ދައްތަ!" މަޒްލާން ރުޅިގަދަވިއެވެ. "ތި ނޫން އެއްޗެއް ނުކިޔެނީ ކީއްވެގެންތަ؟"
"އަހަރުމެން މީ ޖިންނީންނަށް ވީތީ،" އަޑަށް ބާރުލައިފައި ބައްޕަ ބުންޏެވެ. "ބުނާ ބަހުގަ އަހަރުމެން ހިފަހައްޓާނެ! މީ ވަރަށް ދުރާލާ ރޭވިގެންދާ ކަމެކޭ! ދަރިފުޅު ބަލަންހުރެބަލަ ވާގޮތް."
މަޒްލާން ބުނަން ބޭނުންވި އެއްޗެއް ނުބުނެއެވެ. ހިތުގައި ރައްކާކުރީއެވެ. ދުލުން ހާމަކުރި ނަމަ މަޒްލާން ބުނީހެވެ. ވާގޮތް ދެން ބަލަން ހުންނަންޖެހޭނީ ބައްޕައެވެ. އެ ކަން ވެސް ވަރަށް ދުރާލާ ރޭވި ނިމިއްޖެއެވެ.
އަނދިރިކަން ދުނިޔެއަށް އެންމެ ފުންވިއިރު މަޒްލާން އޮތީ ދަނޑުގެ އުތުރުފަރާތު ގޯލާ ދިމާގައެވެ. ދަނޑުގެ އެންމެ އަރިމަތީގައެވެ. އެއަށް ވުރެ ބޭރަކަށް މަޒްލާނަކަށް ނުނިކުމެވޭނެއެވެ. އެހެން އޮވެގެން މަޒްލާން ކެހިވެރި ރޭވުންތަކެއް ރޭވިއެވެ. ދަނޑު ހުރަސްކޮށް ހިނގައިފައި އަންނަ މީހަކު މަޒްލާނަށް ފެނުނެވެ. އެ މީހާގެ ސަބަބުން މަޒްލާނަކަށް އެއްވެސް އުނދަގުލެއް ނުވަތަ އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް، އޭނަ ގަޔަށް މަޒްލާން ކުޅުޖެހިއެވެ. އޭގެ ސަބަބުން ވޭންދެނިވި ބައްޔެއް އޭނައަށް ޖެހޭނެކަން އެނގިހުރެއެވެ.
"އޭނަގެ ކުށަކީ ކޮބައިކަން ބުނެދީބަލަ!" ޖިންނިއެއްގެ ބަހުރުވަ މަޒްލާނަށް އިހުސާސް ކުރެވުނެވެ.
މަޒްލާން ބަލައިލިއިރު ހަމްރާއު ވަރަށް ގާތުގައި ހުއްޓެވެ. އޭނައަކީ މަޒްލާނާ އެއް އުމުރެއްގެ އަންހެން ޖިންނިއެކެވެ. އެކަމަކު މަޒްލާނަށް ވުރެ ދެގުނަ ދިގެވެ. މަޒްލާން ނިސްބަތްވަނީ މިޒްހަމް ގަބީލާއަށެވެ. މާނައިން ވެސް ބުނެދޭ ފަދައިން އެއީ އެންމެ "ބައިގިނަ" ގަބީލާއެވެ. ހަމްރާއު ނިސްބަތްވަނީ ނިޖާދު ގަބީލާއަށެވެ. ނިޖާދުގެ މާނައަކީ "އިސްކޮޅުން ދިގު" އެވެ. އެ ގަބީލާގެ އެންމެން ވެސް އިސްކޮޅުން ދިގެވެ. ޖިންނީންނަކީ ގަބީލާގެ އަހުލުވެރިންނެވެ. ހުރިހާ ގުޅުމެއް ވެސް ގަބީލާ ތެރޭގައި ބާއްވަން ބޭނުންވާ ބައެކެވެ. ތިމާގެކަމާއި، އެކުވެރިކަން ވިޔަސް ވެހެވެ. ދެ ގަބީލާގެ ދަރިފަސްކޮޅު މަސްހުނިވުމަކީ، ކާބަފައިންގެ ޒަމާނުއްސުރެ ހުތުރުކަމެކެވެ. މަލާމާތް ލިބޭ ކަމެކެވެ. އެހެންނަމަވެސް މަނާކަމެއް ނޫނެވެ. މަޒްލާންގެ ބައްޕައަކީ މިޒްހަމް ގަބީލާގެ ބަސްވިކޭ ޖިންނިއެކެވެ. ހަމްރާއުއާ އެކުވެރިކަން ބޭއްވުން މަޒްލާނަށް އޮންނަނީ މަނާކޮށްފައެވެ. މަޒްލާނަށް އޭނަ ކަމުދަނީ ހަމައެކަނި އެ ސަބަބަށް ޓަކައެވެ. ބައްޕައާއި މަޒްލާންގެ ގުޅުން ގޯސްވާ ވަރަކަށް ހަމްރާއުއާ ގުޅުން ރަނގަޅުކުރަން މަޒްލާން ބޭނުންވެއެވެ. އަނެއްކޮޅުން، ހަމްރާއު ބޭނުންވަނީ އެކުވެރިކަމަށް ވުރެ ގާތް ގުޅުމެކެވެ.
"އަހަރެން މިއޮތީ ވަރަށް ފޫހިވެފަ، ވަރަށް ރުޅިވެސް އައިއްސަ." މަޒްލާން ބުންޏެވެ.
"ގަބޫލުކުރެވޭ!" މަޒްލާން ގާތުގައި އޮށޯވެލަމުން ހަމްރާއު ބުންޏެވެ. "ގަބީލާޔާ ހެދި ބައްޕަ މަރުދަންޖެހޭއިރު ބައްޕަ މޮޔަވެގެން އެ އުޅެނީ ގަބީލާ ކީއްކުރަން އަހަރުމެންގެ ނަސްލަށް ވެސް ނިސްބަތް ނުވާ އެއްޗަކާ ހެދި. އިންސާނަކާ ހެދި. ދަރިފުޅަށް ވަކި ގޮތެއް ބައްޕައަށް ވަކި ގޮތެއް. އަހަރެން ނަމަވެސް ރުޅިއަންނާނެ. ބޭނުމެއް ނޫން މަޒްލާނާ ބައްޕަޔާ ޖެހޭ ކަހަލަ ވާހަކަދައްކާކަށް. އެކަމަކު މަޒްލާންގެ ލޮލަށް ވެސް ފެންނަ ކަމެއްގެ ވާހަކަ ބުނުމަކީ ކުށެއް ނޫން. އަހަންނާ ދިމާއަށް ބުނާނެ މަޒްލާނާ ވާހަކަނުދައްކާށޭ. އެއީ މަޒްލާނަށް ނޭނގެންވާ އެއްޗެއް އަހަރެންގެ ފަރާތުން އެނގިދާނެތީ. މިސާލަކަށް ދެންމެ އަހަންނަށް މި އެނގުނީ އެ ކަހަލަ އެއްޗެއް."
މަޒްލާނަށް ތެދުވެވުނެވެ. ޝައުޤުވެރިކަން އުފެދުނެވެ.
"ދެންމެ ކޯޗެއް އެނގުނީ؟" މަޒްލާން އެހިއެވެ.
ނުނިމޭ