ކެމްޕޭން ކުރަނީ ކުނިބުނީގެ ތެރޭގައި އިނދެގެން
ކެމްޕޭން ކުރަނީ ކުނިބުނީގެ ތެރޭގައި އިނދެގެން

ސިޔާސީ މަގާމުތަކަށް އަންނަން ބޭނުންވާ ބަޔަކު ރައްޔިތުންގެ ސަމާލުކަން ހޯދަން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ އެވެ. ޕާކިސްތާންގެ އާންމު އިންތިހާބު ބޯމަތިވެފައިވާ އިރު، މިއީ އޭގެ މިސާލެކެވެ.

ކަރާޗީގެ ގޮނޑިއަކަށް އަމިއްލަ ގޮތުން ވާދަކުރާ އަޔާޒް މެމޮން މޯޓީވާލާ ރައްޔިތުންގެ ސަމާލުކަމާއި އިތުބާރު ހޯދަން ކެމްޕޭން ކުރަނީ މުޅިން ތަފާތު ގޮތަކަށެވެ.

އޭނާގެ ކަމަކީ ކަރާޗީގެ އެކި ސަރަހައްދުތަކަށް އަޅާފައި ހުންނަ ކުނިބުނީގެ ތެރޭގައި އިނދެގެންނާއި ފެންހިންދާ ނިޒާމުގައި ހުރި ދޯހަޅިކަން ދެއްކުމުގެ ގޮތުން، މަގުތަކުގައި ފެން ނުހިނދި ހުންނަ ތަންތަނުގައި އިދެގެން ރައްޔިތުންގެ ވޯޓަށް އާދޭސް ކުރުމެވެ.

މިގޮތަށް ކެމްޕޭން ކުރަމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަޔާޒް އަންނަނީ ފޭސްބުކްގައި ވެސް އޭނާގެ މި އާދަހިލާފު ކެމްޕޭން ހަރަކާތުގެ ފޮޓޯތަކާއި ލައިވް ވީޑިއޯތައް ވެސް އާންމު ކުރަމުންނެވެ.

އޭނާގެ މަގުސަދަކީ ކަރާޗީގައި ހުރި މިފަދަ މައްސަލަތައް ހައްލުކޮށް ދޭނެ ކަމުގެ ވައުދު ރައްޔިތުންނަށް ވުމެވެ.

ގިނަ ބައެއްގެ ލޮލުގައި މިކަން މާ ބޮޑަށް އަޅައިގަތީ ވެސް ކުރިން ބަޔަކު ކެމްޕޭން ނުކުރާ ކަހަލަ ގޮތަކަށް އޭނާ ކެމްޕޭން ކުރާކަން ފާހަގަ ކުރެވިގެންނެވެ.

މިކަމާ ގުޅިގެން އެއް ބަޔަކު އެއް އަޔާޒަށް ތައުރީފުކޮށް ވާހަކަ ދައްކަމުން އަންނަ އިރު، ބައެއް މީހުން ބުނެފައި ވަނީ ވޯޓް ހޯދަން އުޅުނުސް މިއީ ދެން ބޮޑުވަރު ކަމަށެވެ. އަދި އޭނާއަކީ ސިޔާސީ މަގާމަކަށް ވަރަށް ދަހިވެތި މީހެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

ޕާކިސްތާންގެ އާންމު އިންތިހާބު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.