ނިއު އިން ކަންޑޭލާ ނެތި އީގަލްސްއާ ދެކޮޅަށް ނުކުންނަނީ
ނިއު އިން ކަންޑޭލާ ނެތި އީގަލްސްއާ ދެކޮޅަށް ނުކުންނަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓުން އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ސްޕެއިންގެ މިޑްފީލްޑަރު އެންހެލް ލުއިޒް (ކަންޑޭލާ) ހުރީ އަނިޔާގަ އެވެ. ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ދެކޭ ގޮތުގައި އީގަލްސް އަކީ ލީގަށް ވާދަކުރާނެ ޓީމެކެވެ.

ނިއު އިން އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލީގުގެ ދެ ވަނަ ހޯދީ އީގަލްސް އެވެ. މާލޭ ލީގުގައި ނިއު އިން އީގަލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކާޑު ހަމަވުމުގެ ސަބަބުން ކަންޑޭލާ ސަސްޕެންޝަނުގައި ހުއްޓައި ފުރަތަމަ ބުރުގައި ކުޅުނު މެޗުން ނިއު އާއި އީގަލްސް އެއްވަރުވީ 2-2 އިންނެވެ. ދެ ވަނަ ބުރުގައި ކަންޑޭލާ ލައިގެން ނިއު އިން ވަނީ 4-1 އިން މޮޅުވެފަ އެވެ. ކަންޑޭލާ އަކީ ނިއުގެ ކޯޗު އޮސްކާގެ ގޭމްޕްލޭނުގެ މުހިއްމު ކުޅުންތެރިއެކެވެ.

ނިއު އިން ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި އަތުން 10-0 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބުނީ ކަންޑޭލާ އަށް އީގަލްސް މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

"ކުރިއަށް އޮތް އީގަލްސް މެޗުގައި ވެސް ކަންޑޭލާ ނުފެންނާނެ. އަހަރަމެން މި ދަނީ އޭނާ އަށް ލިބުނު އަނިޔާ ވަރަށް ރަނގަޅަށް ބަލަމުން. އޭނާގެ އުކުޅުވަޅު ކައިރިން ލިބިފައިވާ އަނިޔާއެއް އެއީ. އާންމު ގޮތެއްގައި 15 ވަރަކަށް ދުވަސް ނަގާނެ. އެކަމަކު އަހަރެން މި ބަލަނީ މާޒިޔާ މެޗަށް އޭނާ ފިޓްވާނެ ކަމަށް،" އޮސްކާ ބުންޏެވެ.

ކަންޑޭލާގެ އިތުރުން މި މެޗުގައި ނިއު އަށް ގެންނަން ނިންމާފައިވާ ތުރުކަމަނިސްތާން ލީގުގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއާ އާމިރް ގުރްބާނީ ވެސް މި މެޗުގައި ނުކުޅޭނެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ޓީމާ ގުޅޭނީ އަންނަ ބުދަ ދުވަހު އެވެ.

ޓްރާންސްފާ މާކެޓްގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވާދަވެރި ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފައިވުމުން ނިއު އިން ވަނީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަލީ ފާސިރު (ސެންޓޭ) އަށް ދީފަ އެވެ. އަދި އެ ޓީމުގެ ވައިސް ކެޕްޓަނުންނަކީ މުހައްމަދު އުމެއިރު އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ.

އީގަލްސް އިން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ފަހު ވަގުތު މާޒިޔާއާ 2-2 އިން އެއްވަަރު ކޮށްފަ އެވެ. އެ މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ރޯދަ މަހަށް ފަހު ކުޅުނު ފުރަތަމަ މެޗު ކަމަށްވާތީ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމުގެ ސަބަބުން އެކި މައްސަލަތައް ދިމާވެފައިވާ ކަމަށާއި މިއަދުގެ މެޗުގެ ކުރިން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ނިއު އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ނިލަންދޫ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.