03 ޖުލައި 2018 - 01:17

ރޮސްޓޯވް (ޖުލައި 2) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި 3-2 އިން މޮޅުވެ، ޖަޕާން ރޮއްވާލުމަށް ފަހު ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުން މިރޭ ފުރުސަތު ހޯދައިފި އެވެ.

މިއީ 1970 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ނޮކައުޓް މެޗެއްގައި ފަހަތުން އަރައި ޓީމަކުން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި ފުރަތަމަ ފަހަރެވެ. އެ ފަހަރު އިންގްލެންޑުން ދެ ލަނޑު ޖަހާފައި އޮއްވައި މެޗު އިތުރު ވަގުތަށް ގޮސް މެޗު ކާމިޔާބުކުރީ ވެސްޓް ޖާމަނީ އެވެ.

މީގެ ކުރިން ޖަޕާނުން ވަނީ 2002 އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުގައި ކުޅެފަ އެވެ. އެކަމަކު ދެ ވަނަ ބުރުގައި ލަނޑެއް ވެސް ނުޖެހި މުބާރާތުން ކެޓީ އެވެ. މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ޖަޕާނަށް ލިބުނީ ހުރިހާ ގޮތަކުން ސެނެގާލާ އެއްވަރުވެ، ދައްކާ ކާޑަށް ބަލައިގެން ދޭ ފެއާ ޕްލޭ ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ޖަޕާނަށް ވުރެން ސެނެގާލުގެ އިތުރުވީ ދެ ރީނދޫ ކާޑެވެ.
މިރޭގެ މެޗުގައި ޖަޕާނަށް ދެ ލަނޑުގެ ލީޑެއް ލިބުނެވެ. އެކަމަކު ބެލްޖިއަމްގެ ހުނަރުވެރި ކުޅުންތެރިން ކައިރީގައި ނުހިފެހެއްޓުނީ އެވެ.
މި މެޗުން މޮޅުވެ ބެލްޖިއަމުން ބަލިނުވެ ދަމަހައްޓަމުން އައި ގައުމީ ރެކޯޑަށް 23 މެޗު ހަމަވީ އެވެ. ބެލްޖިއަމްގެ ރަން ޖީލު އުފެދުނު ފަހުން އެ ޓީމު ކުޅުނު ފުރަތަމަ ދެ މުބާރާތުން ވެސް ކެޓީ ކުއާޓާ ފައިނަލުންނެވެ. އާޖެންޓީނާ އަތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބަލިވިއިރު، 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ބަލިވީ ވޭލްސް އަތުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކުޅޭނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ބްރެޒިލާ ދެކޮޅަށެވެ.
މެޗު ފަށައިގެން ބެލްޖިއަމަށް ހަމަޖެހިނުލެވެނީސް 58 ސިކުންތު ތެރޭގައި ޖަޕާންގެ ޝިންޖީ ކަގަވާ ވަނީ ހަމަލާއެއް އުފައްދައިފަ އެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ފުރަތަމަ ފަސް މިނިޓަށް ފަހު ބެލްޖިއަމުން ދިޔައީ ޖަޕާނުގެ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެ ގޮތުން ޔަނިކް ކަރަސްކޯ އާއި ޑްރީސް މާޓެންސް އަދި ރޮމެލޫ ލުކާކޫ އަށް ލިބޭ ކޮންމެ ބޯޅައެއްގައި ޖަޕާނުން ތިބެން ޖެހުނީ ސަމާލުވެގެންނެވެ.
ލުކާކޫ ފޮނުވާލި ދެ ޝޮޓެއް ޖަޕާނުގެ ކުޅުންތެރިން ބްލޮކްކުރި އެވެ. އޭގެ ފަހުން ލުކާކޫ އަށް ދޭން އަވަސްކޮށްލާފައި މާޓެންސް ނަގައިދިން ދެ ހުރަހެއް ވެސް ޖަޕާނުގެ ޑިފެންޑަރުން ވަނީ ހުއްޓުވައިފަ އެވެ. އަދި ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ޖެހި ބޯޅައެއް ޖަޕާނުގެ ތަޖުރިބާކާރު ކީޕަރު އެޖީ ކަވަޝީމާ ވަނީ މަތަކޮށްފަ އެވެ.
ކައުންޓަ އެޓޭކުގައި، މެޗުގެ 30 ވަނަ މިނިޓްގައި ޖަޕާނުގެ ޓަކާޝީ އިންވީ ބޮލުން ޖެހި ބޯޅައެއް އަމާޒުވީ ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ އަތަށެވެ. އޭގެ ދިހަ މިނިޓް ފަހުން ބެލްޖިއަމް އޭރިއާ ތެެރެއިން ޖަޕާނުގެ ފޯވާޑް ޔޫޔާ އޮސާކޯ ފައިގައި ޖެހިފައި ދިޔަ ބޯޅައެއް ކީޕަރު ކޯޓުއާ ހިފަން އުޅުމުގެ ތެރެއިން އޭނާ އަތުން ދޫވެގެން ގޯލާ ދިމާލަށް ދިޔަ ނަމަވެސް އޭނާ ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ބެލްޖިއަމް ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅެނިކޮށް ޖަޕާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި ގެންކީ ހަރަގޫޗީ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ ޖަޕާނުގެ ފުޓްބޯޅަ ތާރީހުގައި ވޯލްޑް ކަޕް ނޮކައުޓް މެޗެއްގައި ޖެހި ފުރަތަަމަ ގޯލެވެ. ކުރިން ދެ ފަަހަރު މި ހިސާބުން އެ ޓީމު ކެޓީ ލަނޑެއް ނުޖެހި އެވެ.
ޖަޕާނުން ލީޑުނެގިތާ މިނިޓެއް ވެސް ނުވަނީސް ބެލްޖިއަމަށް ނަތީޖާ ހަމަހަމަ ކޮށްދޭން ހަޒާޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ބެލްޖިއަމުން އަލުން މެޗުގެ ތެރެއަށް ވަންނަން އިތުރު އުނދަގޫތަކެއް ކުރިމަތިވީ މެޗުގެ 53 ވަނަ މިނިޓްގައި ޖަޕާނުން ލީޑުފުޅާކުރުމުންނެވެ. އޭރިއާ ބޭރުން އިންވީ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އެ ބޯޅަ ކޯޓުއާ އަށް ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.
މެޗުގެ ތެރެއަށް އަންނަން ބެލްޖިއަމުން މަސައްކަތް ކުރަމުންދިޔައިރު، މެޗުގެ 61 ވަނަ މިނިޓްގައި ލުކާކޫ މުޅިން ހުސްކޮށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ އަށް މިނިޓް ފަހުން ބެލްޖިއަމުން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވި އެވެ. އޭރިއާ ތެރެއިން ޔެން ވާޓޮންގެން ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކަވަޝީމާ ބޯމަތިން ގޮހެވެ.
ފުރަތަމަ ގޯލާ އެކު ލިބުނު އިތުބާރާ އެކު ބެލްޖިއަމުން ފަސް އެނބުރި ނުބަލަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަރުއާން ފެލައިނީ ވަނީ މެޗުގެ 74 ވަނަ މިނިޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފެލައިނީ މި ލަނޑު ޖެހީ ހަޒާޑް ނަަގައިދިން ބޯޅަ އަކުން ބޮލުންނެވެ.
މެޗުގެ 83 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖަޕާނުގެ ކެއިސުކޭ ހޮންޑާ އަށް އެ ޓީމަށް އަލުން ލީޑުނަގައިދޭން ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އޭގެ ފަހުން ބެލްޖިއަމްގެ ނާސިރް ޗަޑްލީ އާއި ލުކާކޫ ގާތްގާތުގައި ބޮލުން ފޮނުވާލި ދެ ބޯޅަ ވެސް ކީޕަރު ކަވަޝީމާ ވަނީ މަތަކޮށްފަ އެވެ.
އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގައި ހޮންޑާ ޖެހި ހިލޭ ޖެހުމެއް ކީޕަރު ކޯޓުއާ މަތަކުރިއެވެ. އެ ބޯޅަ ކޯނަރަކަށް ބޭރުވެ، ކޯޓުއާ އަށް ލިބުމުން އޭނާ އެއްލި ބޯޅައިން ބެލްޖިއަމް އިން އުފެއްދި ކައުންޓަ އެޓޭކުގައި ބެލްޖިއަމް މޮޅުކޮށްދިން ލަނޑު ޖެހީ ޗަޑްލީ އެވެ. ޗަޑްލީ ވެސް ކުޅެންއެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މެޗަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރިއިރު، ޖަޕާނުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ބޮޑަށް ރުޔެވެ. ވޯލްޑް ކަޕް ތާރީހުގައި ފުރަތަަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އަތްމަތިން ހިތްދަތި ގޮތަކަށް ބީވެގެންދިޔުމުންނެވެ.