ފެއާ ޕްލޭ ޕޮއިންޓް މުރާޖައާކޮށްދޭން ސެނެގާލުން ފީފާގައި އެދިއްޖެ
ފެއާ ޕްލޭ ޕޮއިންޓް މުރާޖައާކޮށްދޭން ސެނެގާލުން ފީފާގައި އެދިއްޖެ

ޑާކަރް (ޖުލައި 2) - މި އަހަރުގެ ވޯލްޑް ކަޕުން އެންމެ ހިތްދަތި ގޮތަކަށް ކަޓައިގެން ދިޔަ އެއް ގައުކަކަށް ސެނެގާލް ވާނެ އެވެ. ގްރޫޕް ސްޓޭޖް މެޗުތަކަށް ފަހު ޖަޕާނާ ޕޮންޓާއި ޖެހިގޯލާ އަދި ފައިދާ ގޯލު އެއްވަރުވުމުން ސެނެގާލް ކަޓަން ޖެހުނީ ފެއާ ޕްލޭ ޕޮއިންޓުންނެވެ.

އެހެންވެ ސެނެގާލް ފުޓްބޯލް ފެޑެރޭޝަން (އެފްއެސްއެފް) އިން ވަނީ ފީފާގެ ފެއާ ޕްލޭ އާ ގަވައިދު އަލުން މުރާޖައާ ކޮށްދިނުމަށް އެދިފަ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް އެޗްގެ އެއްވަނަ ހޯދާފައި ވަނީ ހަ ޕޮއިންޓާ އެކު ކޮލަމްބިއާ އެވެ. ޖަޕާނާއި ސެނެގާލަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ދެ ޓީމުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް އެއްވަރެ އެވެ. އެހެންވެ ދެ ޓީމު ފަރަގުކުރަން ދެން ބަލަން ޖެހުނީ އެ ދެ ޓީމު ކުޅުނު މެޗުގެ ހެޑް-ޓު-ހެޑް ނަތީޖާ އަށެވެ. އެ މެޗު 2-2 އިން އެއްވަރުވެ ދެ ޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު އެ މެޗުގެ ފައިދާ ގޯލާއި ޖެހި ގޯލު ވެސް ހަމަހަމަ އެވެ. ދެން އެންމެ ފަހުން ޖެހުނީ ދެ ޓީމުގެ ފެއާ ޕްލޭ ޕޮއިންޓަށް ބަލާށެވެ. މެޗުތަކުގައި ކުޅުންތެރިންނަށް ދައްކާ ކާޑަށް ބަލައިގެން ދޭ މި ޕޮއިންޓް ސިސްޓަމުގައި ޖަޕާން އަތުގައި މައިނަސް ހަތަރު ޕޮއިންޓް އޮތްއިރު ސެނެގާލުގެ އޮތީ މައިނަސް ފަސް ޕޮއިންޓެވެ. އެހެންކަމުން ޑިސިޕްލިނަރީ ރެކޯޑަށް ބަލައިގެން ވޯލްޑް ކަޕުން ކަޓައިގެން ދިޔަ ފުރަތަމަ ގައުމަކީ ސެނެގާލް އެވެ.

ޕޮލެންޑާ ދެކޮޅަށް ކުޅުނު ގްރޫޕުގެ ފަހު މެޗުގައި 1-0 ޖަޕާން ފަހަތުގައި އޮތް ނަމަވެސް އެ ޓީމުން ފަހަތުގައި ޕާސްކޮށްގެން ކުޅުނީ ފޫހި ކުޅެއް ކަމަށާއި ފީފާ އިން ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ޖެހޭނީ އެ ފަދަ ޓީމުތަކާ ދެކޮޅަށް ކަމަށް ސެނެގާލް އިން ބުނެފައިވެ އެވެ.

"ފީފާ އިން ވަނީ ފެއާ ޕްލޭއަކަށް ނުވާ ސިސްޓަމެއް ތައާރަފްކޮށްފައި. އެ މެޗަށް ފަހު ޖަޕާނަށް އަދި ޕޮލެންޑަކަށް ވެސް ފިޔަވަޅެއް ނާޅާ،" ސެނެގާލް ފުޓުބޯލް އެސޯސިއޭޝަނުގެ އޮފިޝަލަކު ބުންޏެވެ.

އެފްއެސްއެފް އިން ބުނީ ކޮލަމްބިއާ އިން ސެނެގާލް ކޮޅަށް ލަނޑު ޖެހިކަން އެނގުމުން ޖަޕާނުން ވަނީ ޕޮލެންޑް މެޗުގައި ގަސްދުގައި އެގޮތަށް އަމަލުކޮށްފައި ކަމަށެވެ.