04 ޖުލައި 2018 - 07:04

މި އަހަރު 100 ކްރޯޑްގެ އާމްދަނީއެއް ހޯދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިން އެތައް ބައެއްގެ ހިތްތައް އަތުލި ޒުވާން އެކްޓަރު ކަރްތިކް އަރިޔަން ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމްސް އިން ހަދާ ރޮމޭންޓިކް ކޮމެޑީ "ލުކާ ޗުއްޕީ" އަށް ސޮއިކޮށްފި އެވެ.
"ލުކާ ޗުއްޕީ" ގައި ކަރްތިކްއާ އެކު، ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ޒުވާން ބަތަލާ ކިރިތީ ސެނަން އެވެ. ކިރިތީ ވަނީ މެޑޮކްސް އިން ގެނެސްދިން ދިނޭޝަންގެ އަލަތު ޑައިރެކްޝަން ރާބްތާ (2017) ގައި ވެސް މަސައްކަތްކޮށްފަ އެވެ.
އެކަމަކު މި ފަހަރުގެ ފިލްމް ޑައިރެކްޓަރަކީ އޭނާއެއް ނޫނެވެ. ފިލްމްގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ މެޑޮކްސް އިން މިދިިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ހިންދީ މީޑިއަމް" ގެ ކެމެރާމަން އަދި އަލަށް ހިންދީ ފިލްމެއް ޑައިރެކްޓް ކުރާ ލަކްޝްމަން އުޓޭކަރް އެވެ.
އޭނާ މީގެ ކުރިން މަރާޓީ ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވެ އެވެ.
"ލުކާ ޗުއްޕީ" ގައި ކަރްތިކް ފެނިގެން ދާނީ މަރޫތާ އަށް ނިސްބަތްވާ ޓީވީ ރިޕޯޓަރެއްގެ ރޯލުންނެވެ. އޭނާ އާއި ކަރްތިކް ދިމާވާނީ ނިއު ދިއްލީގައި ކިޔަވަން އުޅެފައި އުފަން ސިޓީ މަރޫތާ އަށް ގޮސްގެން އުޅުމުގެ ތެރޭގަ އެވެ.
ފިލްމްގެ ވާހަކަ ދެން ކުރިއަށް ދާނީ މި ދެ މީހުންގެ މެދުގައި ހިނގާ ކުޅިގަނޑާ އެކުގަ އެވެ.
"ލުކާ ޗުއްޕީ" އަށް ކިރިތީ، 27، ސޮއިކުރި އިރު، އޭނާ މި ވަގުތު ވަރަށް ބިޒީ ވެސް މެ އެވެ. އެގޮތުން ކުރިއަށް އޮތް ފިލްމް "އަރްޖުން ޕަޓިއާލާ" ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު، އިތުރު ފިލްމްތަކުގެ ތެރޭގައި "ޕަނިޕަޓް" އަދި "ހައުސުލް 4" ހިމެނެ އެވެ. މީގެ އިތުރުން ކަރަން ޖޯހަރްގެ "ކަލަންކް" ގެ ލަވައަކުން ވެސް ކިރިތީ ފެނިގެން ދާނެ އެވެ.
އަޑުތައް އަރާފައިވާ ގޮތުން ކަރްތިކް، 29، ވެސް ވަނީ ކަރަން ޕްރޮޑިއުސް ކުރާ ފިލްމަކަށް މިހާރު ސޮއިކޮށްފަ އެވެ. އެކަމަކު އެ ފިލްމް އަދި އިއުލާނެއް ނުކުރެ އެވެ.
"ލުކާ ޗުއްޕީ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.