ކަވާނީ އަށް ވޯލްޑް ކަޕް ނިމުމުގެ ބިރު އެބައޮތް
ކަވާނީ އަށް ވޯލްޑް ކަޕް ނިމުމުގެ ބިރު އެބައޮތް

މޮސްކޯ (ޖުލައި 3) - އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ އަށް އަނިޔާގެ ސަބަބުން މި ފަހަރުގެ ވޯލްޑް ކަޕުގައި ދެން ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތް ކަަމަށް އުރުގުއޭގެ ޓީމު ޑޮކްޓަރާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އަތުން އުރުގުއޭ 2-1 އިން މޮޅުވިއިރު، މި މެޗުގައި އުރުގުއޭ އިން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ކަވާނީ އެވެ. އެކަމަކު އެ މެޗުގެ ފަހު ވަގުތު ކުޑަކަޅުވާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަވާނީ ވަނީ ބަދަލުކޮށްފަ އެވެ. ކަވާނީ އަށް އަނިޔާވުމުން އޭނާ ދަނޑުން ފޭބުމަށް އެހީތެރިވެދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ކަވާނީ ބުނީ ކުއާޓާ ފައިނަލުގައި ކުޅުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"ކުއްލިއަކަށް އަހަރެންގެ ފަޔަށް ތަދެއް އެރީ. އަހަރެން ބޭނުންވި މެޗު އެއްކޮށް ފުރިހަމަ ކުރަން. އެކަމަކު އެކަމެއް ނުވި. އުއްމީދުކުރަނީ ކުރިއަށް އޮތް ކުއާޓާ ފައިނަލުގެ މެޗަށް ފިޓްވާނެ ކަމަށް. ކޮންމެ ގޮތެއް ހަދާފައިވިޔަސް އެ މެޗު ކުޅެން އަަހަރެން ބޭނުން،" ކަވާނީ ބުންނެވެ.

އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ އަންނަ ހުކުރު ދުވަހު ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗާ ދެމެދު މާ ގިނަ ވަގުތުތަކެއް ނެތް ކަމަށާއި ކޮންމެ ޕްރެކްޓިހަކަށް ފަހު ކަވާނީގެ މެޑިކަލް ޓެސްޓްތައް ހަނދާނެ ކަމަށެވެ.

"ތެދެއް އަހަރެމެން މިހުރީ ވަރަށް ހާސްވެފައި. އެއީ ކަވާނީ އަށް ލިބުނު އަނިޔާގެ ސީރިއަސް ކަމެއް އަދި ނޭނގޭ. މި ދަނީ ކޮންމެ ދުވަހަކު ވެސް ޓްރެއިނިން އަށް ފަހު ޓެސްޓްތައް ހަދަމުން،" ޓަބަރޭޒް ބުންޏެވެ.

އުރުގުއޭގެ ޓީމު ޑޮކްޓަރާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަވާނީގެ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާ އިން އެއްކޮށް ރަނގަޅުވާން 14 ދުވަސް ނަގާނެ އެވެ.

އުމުރުން 31 އަހަރުގެ ކަވާނީ އަކީ ފްރާންސްގެ ޕީއެސްޖީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގައި ކަވާނީ އަށް ނުކުޅެވިއްޖެ ނަމަ އެއީ އުރުގުއޭ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.