03 ޖުލައި 2018 - 07:25

ކިހިލިފަތްދޮށުން ދާހިއްލުން ހުއްޓުވަން ހާއްސަކޮށްގެން އުފެއްދި ފުރަތަމަ ބޭސް އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފި އެވެ.
"ކިއުބްރެކްޒާ" ގެ ނަން ދީފައިވާ މި ބޭސް ޖެހޭނީ ކިލިހިފަތްދޮށުގައި ކޮންމެ ދުވަކު އުނގުޅާށެވެ. މީގެ "ބޭސް ފޮތިކޮޅު" ގައިގެ ހަމުގައި ކާއްތާލުމުން، ދާހިއްލާ ގްލޭންޑުތައް ބަންދުކޮށްލަ އެވެ. އެގޮތުން ކޮންމެ ދުވަހަކު އެއްފަހަރު އުނގުޅާލުމުން އެ ދުވަހަކަށް ހައްލު ލިބޭނެ ކަމަށް މި އުފެއްދި ޑާމީރާ ކުންފުނިން ބުންޏެވެ.
ބޭހެއް ބާޒާރަށް ނެރުމުގެ ކުރިން އޭގެ އަގު އިއުލާނުކުރުމަކީ ބޭސް އުފައްދާ ކުންފުނިތަކުން އާންމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. މި ބޭސް އުފެއްދި ކުންފުނިން ވެސް މި އާދައިގެ މަތިމް އަގެއް ހާމައެއް ނުކުރެ އެވެ.
ބޭސް އުފެއްދި ކުންފުނިން ބުނީ ބޭސް ޓެސްޓްކުރުމަށް ކުރި ދިރާސާއެއްގައި މި ބޭނުންކުރި 53 ޕަސެންޓް މީހުންނަށް، ދާހިއްލުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށެވެ.
މި ބޭސް ބާޒާރަށް ނެރެނީ އަންނަ އޮކްޓޫބަރު މަހު އެވެ.
އެމެރިކާއަށް ބަލާއިރު، ކިހިލިފަތްދޮށުން މާބޮޑަށް ދާހިއްލުމުގެ މައްސަލަ ނުވަތަ އެކްސެސިވް ސްވެޓިންގެ އުނދަގުލާ ކުރިމަތިވެފައިވާ 15.3 މިލިއަން މީހުން އުޅެ އެވެ. މި މައްސަލަ އަށް ހައްލު ހޯދަން މިހާރު ކޮށް އުޅޭ ކަންކަމުގެ ތެރޭގައި ބޮޓޮކްސް އިންޖެކްޝަން ޖެހުމާއި ދާހިއްލާ ގްލޭންޑްތައް، އޮޕަރޭޝަން ކޮށްގެން ނެގުމާއި ލޭޒާ ޓްރީޓްމަންޓް ދިނުން ހިމެނެ އެވެ. އެކަމަކު މިއިން ފަރުވާއެއް ހޯދަނީ މައްސަލަ ހުރި މީހުންގެ ތެރެއިން ހަތަރު މީހަކުން އެކަކެވެ.