02 ޖުލައި 2018 - 20:52

ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް މިއަދުން ފެށިގެން އެޑްރެސް ކުރަން ޖެހޭނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ކަމަށް ހަމަޖައްސައިފި އެވެ.
އާންމު އުސޫލުން ކުރީއްސުރެން ފެށިގެން ސުޕްރީމް ކޯޓަށް ފޮނުވާ ހުރިހާ ލިޔުންތަކެއް އެޑްރެސް ކުރަން ޖެހެނީ އުއްތަމަ ފަނޑިޔާރަށް ކަމުގައި ވިޔަސް، އެންމެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ސަސްޕެންޑް ކުރުމުން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް އެޑްރެސް ކުރަމުން އައީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ މިއަދުން ފެށިގެން އެ ކޯޓަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް އެޑްރެސް ކުރަން ޖެހެނީ ކުރިއެކޭ ވެސް އެއްގޮތަށް، އުއްތަމަ ފަނޑިޔާރަށް ކަމަށެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހުމަދު އަބްދުﷲ ދީދީ މިދިޔަ ހަފުތާގައި އައްޔަން ކުރެއްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފްގެ މަރުހަލާތައް ނިމުމާ އެކު އޭނާގެ މަގާމު ގެއްލުމުންނެވެ.
އަބްދުﷲ ސައީދުގެ އިތުރުން އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ. އެ ދެ ބޭފުޅުންގެ މަގާމު ގެއްލުމުން ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި މަގާމުތަކަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.