02 ޖުލައި 2018 - 20:48

އދ. ފެންފުށިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގެއްލިގެން ހޯދަމުން އައި ޒުވާނާ ކަނޑުމަތިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ފެނުނީ ފެންފުށީގެ ހުޅަނގު ދެކުނުން 20 މޭލު ބޭރުން ޑިންގީއެއްގައި ހުއްޓާ ކަމަށެވެ. އޭނާ ފެނުނީ "ރާސްތާ ދޭއް" ނަމަކަށް ކިޔާ ރ. އަލިފުށި ދޯންނަކަށް ކަމަށާއި އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެ ރަށު ޕޭންޒީގޭ އުމުރުން 29 އަހަރުގެ އަދުނާން އަހުމަދެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އިތުރުން ފުލުހުން ވެސް ކުރި އެވެ.
ފެންފުށި ކައުންސިލުން ބުނި ގޮތުގައި އަހުމަދަކީ މީގެކުރިން އެތައް ފަހަރަކު ރަށުން ފިލައިގެން ފަޅު ރަށްރަށުގައި އުޅެނިކޮށް ހޯދާފައި ހުރި ޒުވާނެކެވެ.