12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ
12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިިންމުން ބާތިލް ކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުން ވަކިވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ.

އެ އަމުރުގެ އެ ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސާލަން އެ ކޯޓުން އޮތީ އަންގައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މާޗް މަހު އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސާފައިވާއިރު، އެ މައްސަލަ މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވުމުން ދާދި ފަހުން އެ ދެ މަގާމަށް ވަނީ ފަނޑިިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކޮށްފަ އެވެ.

އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ކަނޑައެޅި ބައި ބާތިލްކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާއިރު، ދާދިފަހުން މަޖިލީހުން ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ފާސްކޮށްފަ އެވެ.

އެ ގާނޫނުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، އިދިކޮޅު ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިޔަސް، އެ ކޯޓުން ވަނީ އެ ގާނޫނު ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.