"ރޯގް ވަން" ގެ ބަތަލާ ފެލިސިޓީ ޖޯންސް ކައިވެނިކޮށްފި
"ރޯގް ވަން" ގެ ބަތަލާ ފެލިސިޓީ ޖޯންސް ކައިވެނިކޮށްފި

ދެހާސް ސޯޅަ ވަނަ އަހަރު ރާއްޖޭގައި ވެސް މަންޒަރުތަކެއް ނެގި ފިލްމް "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ ބަތަލާ ފެލިސިޓީ ޖޯންސް ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.

އޭނާ ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ އަދި ޑައިރެކްޓަރު ޗާލްސް ގާޑްއާ ކައިވެނި ކުރީ އިނގިރޭސިވިލާތުގެ އޮކްސްފޯޑްޝަޔާގެ ސެޑެލީ ކާސަލްގައި ބޭއްވި ހަފުލާއެއްގަ އެވެ.

އެ ހަފުލާގައި ބައިވެރިވި މަޝްހޫރު މީހުންގެ ތެރޭގައި އެކްޓަރު ޓޮމް ހޭންކްސް އާއި އެޑީ ރެޑްމޭން ހިމެނެ އެވެ.

ފެލިސިޓީ، 34، އާއި "ދި އަންއިންވައިޓެޑް" ގެ ޑައިރެކްޓަރު ޗާލްސް، 45، ރައްޓެހިވީ 2015 ގަ އެވެ. އަދި ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރު ނަމަވެސް، ގުޅުމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

"ދަ ތިއަރީ އޮފް އެވްރިތިން" އާއި "އިންފާނޯ" ފަދަ ފިލްމްތައް ކުޅެފައިވާ ފެލިސިޓީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ނޮވެމްބަރު މަހުގެ 9 ގައި ރިލީޒް ކުރާ "އޮން ދަ ބޭސިސް އޮފް ސެކްސް" އިންނެވެ.