03 ޖުލައި 2018 - 07:30

އެކްތާ ކަޕޫރް ގެނެސް ދިން މަޝްހޫރު ޓީވީ ސިލްސިލާތަކުގެ ތެރެއިން "ކަސޯޓީ ޒިންދަގީ ކޭ" އާ ސީޒަނެއް ތަފާތު ކާސްޓަކާ އެކު ގެނެސް ދޭން ތައްޔާރުވަމުން އަންނަ އިރު، އޭނާ ގެނެސް ދިން ހަމަ އެހާމެ މަގުބޫލު އެހެން ސިލްސިލާއެއްގެ އިތުރު ސީޒަނެއް ވެސް ގެނެސް ދޭން ނިންމައިފި އެވެ.
އެއީ ސްޓާ ޕްލަސް އިން ގެނެސް ދިން މަޝްހޫރު ސިލްސިލާ "ކަހާނީ ގަރް ގަރް ކީ" އެވެ. އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ސާކްޝީ ތަންވަރު ލީޑް ރޯލް ކުޅުނު މި ސިލްސިލާއަކީ 2000-2010 އަށް ގެނެސް ދިން ސިލްސިލާއެކެވެ.
އެ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ އެވޯޑްތައް ވެސް ހާސިލް ކުރި "ކަހާނީ ގަރް ގަރް ކި" ނިންމައިލީ ޖުމްލަ 1،661 އެޕިސޯޑް ދައްކައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ސިލްސިލާގެ އާ ސީޒަން ގެނެސް ދޭނީ ސްޓާ ބާރަތުންނެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ޑީއެންއޭ ބުނި ގޮތުގައި "ކަހާނީ ގަރް ގަރް ކީ" އާ ސީޒަންގެ މައިގަނޑު ވާހަކައަކީ ވެސް އަގަރްވާލް ހާންދާނުގެ ވާހަކައިގެ ތެރެއަށް ބެލުންތެރިން ގެނެސް ދޭނެ ސިލްސިލާއެކެވެ. އެކަމަކު މި ފަހަރު ސިލްސިލާގައި ޕާރްވަތީގެ ރޯލް ކުޅުނު ސާކްޝީ ފެންނާނެތޯ އަދި ކަށަވަރެއް ނުވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޓީވީ ޗެނެލަކުން ސިލްސިލާ ގެނެސް ދިނުމުގެ ބަދަލުގައި އެކްތާ ކުންފުނި ބަލާޖީގެ ޑިޖިޓަލް ޕްލެޓް ފޯމް އޯލްޓް ބަލާޖީން ވެބް ސީރިޒެއްގެ ގޮތުގައި ވެސް "ކަހާނީ ގަރް ގަރް ކީ" ގެނެސް ދީފާނެ އެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން އެކްތާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް "ކަސޯޓީ" ގެ އާ ސީޒަނަށް ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އިންޑިއާގެ ޓީވީ ޗެނެލްތަކުގެ އިތުރުން، އޯލްޓް ބަލާޖީން މިހާރު ވެސް އަންނަނީ ގިނަ ސިލްސިލާތައް ބެލުންތެރިންނަށް ގެނެސް ދެމުންނެވެ.
އޭގެ ތެރޭގައި ދާދި ފަހުން ދައްކަން ފެށި ޝޯތަކުގެ ތެރޭގައި "ނާގިން 3"، "ދިލް ހީ ތޯ ހޭ" އަދި "ގަޔާމަތު ކީ ރާތު" ފާހަގަކޮށްލެވެ އެވެ.
ފީޗާ ފިލްމްތައް ވެސް ގެނެސްދޭ އެކްތާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ވީރޭ ދީ ވެޑިން" އެވެ.