05 ޖުލައި 2018 - 10:11

ނިޒްނީ ނޮވޮގްރޮޑް، ރަޝިއާ (ޖުލައި 5) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި އާދިއްތަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން ޑެންމާކް ބަލިކޮށް 20 އަހަރަށް ފަހު ކްރޮއޭޝިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، އެ މެޗުން މޮޅުވުމުގައި ކްރޮއޭޝިއާ އިން އެންމެ ބޮޑު ކްރެޑިޓެއް ދޭން ޖެހޭނެ ކުޅުންތެރިއަކީ ކީޕަރު ޑެނިއަލް ސުބަސިޗް އެވެ.

ޑެންމާކާއި ކްރޮއޭޝިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ސުބަސިޗް ވަނީ ޑެންމާކުގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށްފަ އެވެ. އޭނާ އަކީ ޕޯޗުގަލްގެ ކުރީގެ ކީޕަރު ރިކާޑޯ އަށް ފަހު ވޯލްޑް ކަޕެއްގައި ޕެނަލްޓީ އަށް ގޮސް ތިން ޕެނަލްޓީ މަތަކުރި ފުރަތަމަ ކީޕަރެވެ. ރިކާޑޯ ރެކޯޑް ހެދީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑުން ފޮނުވާލި ތިން ޕެނަލްޓީ ހުއްޓުވައިގެންނެވެ.

އުމުރުން 33 އަހަރުގެ ސުބަސިޗް މި ބޮޑު މޮޅު ހާއްސަކުރީ މީގެ 10 އަހަރު ކުރިން މަރުވި އެކުވެރިޔާ އަށެވެ.
ކްރޮއޭޝިއާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް ޒާޑާ އަށް މީގެ 10 އަހަރު ކުރިން ސުބަސިޗާ އެކު ކުޅެމުން ދިޔަ ހާވޮއި ކުސްޓިޗް މަރުވީ ސުބަސިޗް އެއްލި ބޯޅައެއް ހޯދަން ދުވަމުން ދަނިކޮށް އައި ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޮސް ދަނޑުގެ އަރިމަތީގައި ފެންސުގައި ހަރުކޮށްފައި ހުރި ކުޑަ ފާރެއްގައި ޖެހިފަ އެވެ. ލިބުނު އަނިޔާ އަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔުމާ އެކު ވަގުުތުން ސާޖަރީއެއް ހެދި އެވެ. ސާޖަރީ އަށް ފަހު ކުސްޓިޗް ކޯމާއެއްގައި އޮއްވައި މަރުވީ ސިކުނޑި އެއްކޮށް މަރުވެގެންނެވެ.
އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި ސުބަސިޗަށް ލިބޭ ކާމިޔާބީތައް އޭނާ ހާއްސަ ކުރަނީ ކުސްޓިޗް އަށެވެ. އަދި ގިނަ މެޗުތަކުގައި މޮޅު ބޯޅައެއް މަތަކޮށް ޓީމު ސަލާމަތްކޮށްދެވޭ ކޮންމެ ދަނޑިވަޅެއްގައި ވެސް ސުބަސިޗް އިނގިލިން މައްޗަށް އިޝާރާތް ކުރަނީ ވެސް ކުސްޓިޗްގެ ހަނދާނުގަ އެވެ. އާދިއްތަ ދުވަހުގެ ރޭގެ މެޗުގައި ސުބަސިޗްގެ މި ކަންތައްތައް ގިނަ ބަޔެއްގެ ލޮލު އަޅައިގަތީ މެޗުގެ ފަހުން އޮތް އުފާފާޅުކުރުމުގެ ތެރޭގައި ސުބަސިޗް އޭނާގެ ޖޯޒީގެ ދަށުން ކުސްޓިޗްގެ ފޮޓޯ ޖަހާފައިހުރި ޓީޝާޓެއް ލައިގެން ހުރުމުންނެވެ.
ފްރާންސްގެ މޮނާކޯ އަށް ކުޅޭ ސުބަސިޗް ގިނަ މެޗުތަކަށް ދަނީ ކުސްޓިޗްގެ ފޮޓޯ ޖެހި ޓީޝާޓެއް ދަށުން ލައިގެންނެވެ. މީގެ ކުރީގެ ހުރިހާ ފަހަރަކަށް ވުރެން ހޯމަ ދުވަހުގެ ރޭގެ މެޗު ސުބަސިޗަށް ހާއްސަ އެވެ. އެއީ ލިބުނު ބޮޑު ކާމިޔާބީގެ ސަބަބުންނެވެ. މި ބޮޑު ކާމިޔާބީ އޭނާ ބޭނުންވީ ކުސްޓިޗަށް ހާއްސަ ކުރާށެވެ.
"އަހަރެން މި ވަގުތު ހާއްސަ ކޮށްލަން ބޭނުންވަނީ ގާތް އެކުވެރިޔާ ކުސްޓިޗަށް. މީގެ 10 އަހަރު ކުރިން ކުސްޓިޗް އަހަރެމެން ދޫކޮށް ދިޔައީ. އޭނާ އެންމެ ބޭނުންވި އެއް ދުވަހަކީ އަހަރެން ހީރޯއަކަށްވާ ދުވަސް. މިއަދު އަހަރެން މިއީ ގައުމު (ކްރޮއޭޝިއާ)ގެ ހީރޯ އެއް،" ކްރޮއޭޝިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ސުބަސިޗް ބުންޏެވެ.
ހޯމަ ދުވަހުގެ ރޭގެ މެޗުގެ ފުރަތަމަ މިނިޓްގައި ޑެންމާކުން ޖެހި ފުރަތަމަ ގޯލަކީ ސުބަސިޗަށް ހެދުނު ގޯހަކުން ވަން ގޯލެކެވެ. މެޗު ފެށިގެން 58 ސިކުންތު ތެރޭ މަތައިސް ޔޯގެންސަން އޭރިއާ ތެރެއިން މަޑުމަޑުން ޖެހި ބޯޅަ ގޯލަށް ވަނީ ސުބަސިޗް އަތުގައި ޖެހިފަ އެވެ.
ސުބަސިޗްގެ އިތުރުން އެ މެޗުގައި ޑެންމާކުގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ކެސްޕާ ޝްމައިކަލް ވެސް ވަނީ ތިން ޕެނަލްޓީ ހުއްޓުވައިފަ އެވެ. އެއީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލޫކާ މޮޑްރިޗް ފޮނުވާލި ޕެނަލްޓީގެ އިތުރުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި މިލާން ބަޑެލް އާއި ޖޯސެޕް ޕިވާރިޗް ޖެހި ޕެނަލްޓީ އެވެ.