30 ޖުލައި 2016 - 13:57

އަންކާރާ (ޖުލައި 30) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ޒާތީ ގޮތުން ފާޑުކިޔާ ދިމާކޮށްގެން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް އަނބުރާ ގެންނަން ނިންމައިފި އެވެ.
އުރުދުޣާން ވިދާޅުވީ ބަޣާވާތަށް ފަހު ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ ހީކުރި ވަރަށް ވުރެ ބޮޑު އެކުވެރިކަމަކާއި އެއްބައިވަންތަ ކަމެއް ކަމަށެވެ. އުރުދުޣާން ވަނީ ބަޣާވާތަށް ފަހު އެ މަނިކުފާން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ފާޑުކިޔާ ގައުމުތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. އެ ގައުމުތަކުގެ އަމިއްލަ ކަންކަމާ އުޅުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އުރުދުޣާން ކުރިން ވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އިސް ވެރިޔާ ޖެނެރަލް ޖޯސެފް ވެޓެލް އަށް ވެސް ބަހުގެ ހަމަލާ ދެއްވައިފަ އެވެ. އަދި ވެޓެލް އަކީ ބަޣާވާތް ކުރި މީހުންގެ ފަޅީގައި ހުންނެވި ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ވެޓެލް ވިދާޅުވެފައި ވަނީ އަސްކަރީ ލީޑަރުން ޖަލަށް ލުމަކީ ތުރުކީ އާއި އެމެރިކާއާ ދެމެދު އޮތް އަސްކަރީ އެއްބާރުލުމަށް ބުރޫއަރާނެ ކަމެއް ކަމަށެވެ.
އުރުދުޣާނަށް ފާޑުކިޔައިގެން ދެހާހެއްހާ މީހުންގެ މައްޗަށް ވަނީ ދައުވާ ކުރަން ފޮނުވައިފަ އެވެ.
ބަޣާވާތާ ގުޅިގެން މިހާތަނަށް ވަނީ 18،000 މީހުން ބަންދުކޮށްފައި ކަމަށް ތުރުކީގެ ދާޚިލީ ވުޒާރާ އިން ވަނީ ބުނެފަ އެވެ. ތުރުކީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވީ އެމެރިކާގައި ދިރިއުޅޭ އަދި ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ބުނާ ފަތުހުﷲ ގުލާންއާ ގުޅުން އޮންނަ އެންމެން ސިފައިންގެ ތެރޭން މިހާރު ބޭރު ކުރެވިއްޖެ ކަމަށެވެ. ބަޣާވާތަށް ފަހު ސިފައިންގެ ޖެނެރަލުންގެ 40 ޕަސެންޓް ވަނީ ވަކިކޮށްފަ އެވެ. ސަރުކާރުގެ އެކި ވަޒީފާތަކުން ވަނީ 66،000 މީހުން ވަކިކޮށްފަ އެވެ. އަދި 50،000 ޕާސްޕޯޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި 142 މީޑިއާ ވަނީ ބަންދުކޮށްފަ އެވެ.