02 ޖުލައި 2018 - 12:05

އިދިކޮޅު ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ދޫކޮށްލެއްވުމުން، އެ ޕާޓީގެ ކޮންގްރެސްގައި، ކެންޑިޑޭޓަކަށް ހަމަޖެއްސި ހިންނަވަރު ދާއިރާގެ މެންބަރު އިބޫ އަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވިއިރު، އެ މަނިކުފާނު މިއަދު ށ. ބިލެތްފަހީގައި ވާހަކަފުޅު ދައްވަމުން ވެސް ވަނީ އިބޫއާ އެކު އެމްޑީއާ އާއި ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އިބޫ އަށް ރައީސް ޔާމީން ސިޓީފުޅެއް ފޮނުއްވިކަން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ހާމަކުރެއްވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިދިކޮޅު ޕާޓީތަކާ އެކު ސަރުކާރުން މަޝްވަރާކުރުމަށް ކަނޑައަޅާފައިވާ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވެސް ވަނީ އިބޫ އަށް މަރުހަބާ ވިދާޅުވެ ސަރުކާރާ އެކު އަލުން މަޝްވަރާތައް ފެށުމަށް ގޮވާލައްވާފައިވެ އެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ 13 އަހަރުގެ ޖަލު ހުކުމެއް އޮތް ކުރީގެ ރައީސް ނަޝީދު ކަމަށް އެ ޕާޓީން ކުރިން ބުނަމުން ދިޔަ ނަމަވެސް އެ ނިންމުން ބަދަލުކޮށް އިބޫ އަށް ފުރުސަތު ދިނުމާ އެކު ސިޔާސީ މަސްރަހު ވަނީ ބަދަލުވާން ފަށައިފަ އެވެ. އެމްޑީޕީގެ މި ނިންމުމުން ޑިމޮކްރެސީ ކުރިއެރުވުމަށާއި މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް މަގުފަހިވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށާއި ރަނިންމޭޓަކަށް ބޭފުޅަކު ކަނޑައަޅާނީ ޖުމްހޫރީ ޕާޓީން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އަދި ރަނިންމޭޓަކު ކަނޑައެއް ނާޅަ އެވެ.