02 ޖުލައި 2018 - 11:56

ކުއާލަ ލަމްޕޫރު (ޖުލައި 2) - މެލޭޝިއާގައި 11 އަހަރުގެ އަންހެން ކުއްޖަކު 41 އަހަރުގެ ފިރިހެނަކާ ކައިވެނި ކުރި މައްސަލައެއް ބޮޑުވެ ބައެއް މީހުން އެ ކަމަށް ނުރުހުން ފާޅު ކުރަން ފަށައިފި އެވެ.
އަންހެން ކުއްޖާ އަކީ ތައިލެންޑުގެ ކުއްޖެކެވެ. މެލޭޝިއާ މީހާގެ ތިން ވަނަ އަނބީގެ ގޮތުގައި އެ ކުއްޖާ ކައިވެނި ކުރީ އަންހެން ކުއްޖާގެ މައިންބަފައިންގެ ރުހުމުގަ އެވެ. މި ކައިވެނިކޮށްފައި ވަނީ ތައިލެންޑުގަ އެވެ. އަންހެން ކުއްޖާގެ އާއިލާ މަސައްކަތް ކުރަނީ މެލޭޝިއާގެ އިރުމަތީގެ ކެލަންޓަން ސްޓޭޓުގަ އެވެ.
މެލޭޝިއާގައި ކައިވެނި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. ނަަމަވެސް އިސްލާމީ ޝަރީއާ ކޯޓަކުން ހުއްދަ ދީފި ނަމަ 18 އަހަރު ނުފުރުނު ނަމަވެސް ކައިވެނި ކުރެވެ އެވެ. އެކަމަކު މެލޭޝިއާ ސަރުކާރުން ބުނެފައި ވަނީ މި ކައިވެނީގެ ރެކޯޑް ޝަރީއާ އެއްވެސް ކޯޓެއްގައި ނެތް ކަމަށެވެ. ޝަރީއާ ކޯޓުގެ ހުއްދަ ނެތި ކުޑަ ކުއްޖަކާ ކައިވެނިކޮށްފި ނަމަ ފިރިހެން މީހާ އަށް ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މެލޭޝިއާގައި 15 އަހަރުން ދަށުގެ 16،000 ކުދިން މިހާރު ވެސް ކައިވެނިކޮށްގެން އުޅޭ ކަމަށްވެ އެވެ.
އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީން ބުނީ މިއީ ވަރަށް ބޮޑު "ޝޮކެއް ލިބުނު އަދި ގަބޫލް ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.
"އެ ކައިވެނިކޮށްފައި ވަނީ އަންހެން ކުއްޖާގެ ރުހުމުގައެއް ނޫން،" ޔުނިސެފްގެ މެލޭޝިއާ މަންދޫބު މަރިއާން ކްލާކް-ހަޓިން ވިދާޅުވި އެވެ.
އެގާރަ އަހަރުގެ ކުއްޖާ ކައިވެނިކުރިކަން އެނގުނީ އެ ކައިވެނީގެ ފޮޓޯތައް އާއްމުވުމުންނެވެ. މެލޭޝިއާގެ ބައެއް މީޑިއާތަކުން ބުނީ ދެ އަނބިންނަށް އެ ފިރިހެން މީހާ އަށް ހަ ކުދިން ލިބިފައިވާ ކަމަށެވެ. އެ ކުދިންގެ އުމުރު އުޅެނީ 5-18 އަހަރާ ދެމެދު އެވެ. އަދި އެ ފިރިހެން މީހާ އަކީ ވިޔަފާރި ކުރާ މުއްސަނދި މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.