"ޖަޕާނުން ނުކުންނާނީ ބެލްޖިއަމް ހައިރާންކޮށްލަން"
"ޖަޕާނުން ނުކުންނާނީ ބެލްޖިއަމް ހައިރާންކޮށްލަން"

ރޮސްޓޯވް (ޖުލައި 2) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ގަދަފަދަ ބެލްޖިއަމާ ދެކޮޅަށް އޭޝިއާގެ އުއްމީދުތައް ގުޅިފައިވާ ޖަޕާނުން ނުކުންނާނީ އެ ޓީމު ހައިރާންކޮށްލުމަށް ކަމަށް ޖަޕާނުގެ މިޑްފީލްޑަރު ޝިންޖީ ކަގަވާ ބުނެފި އެވެ.

"ޖަޕާނުން ނުކުންނާނީ ބެލްޖިއަމް ހައިރާންކޮށްލަން"
"ޖަޕާނުން ނުކުންނާނީ ބެލްޖިއަމް ހައިރާންކޮށްލަން"

ޖަޕާނުން ދެ ވަނަ ބުރުގެ ފުރުސަތު ހޯދި ގޮތުން ވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ޖަޕާނާއި ސެނެގާލަށް ގްރޫޕް ސްޓޭޖުގެ ނަތީޖާތައް ހުރިހާ ގޮތަކުން ހަމަހަމަވެފައި ވަނިކޮށް އެންމެ ފަހުން ޖަޕާނަށް ކުރި ލިބުނީ ފެއާޕްލޭ ޕޮއިންޓަށް ބަލައިގެންނެވެ. މެޗުތަކުގައި ކުޅުންތެރިންނަށް ދައްކާ ކާޑަށް ބަލައިގެން ދޭ މި ޕޮއިންޓް ސިސްޓަމުގައި ޖަޕާނަށް މައިނަސް ހަތަރު ޕޮއިންޓް އޮތްއިރު ސެނެގާލުގެ އޮތީ މައިނަސް ފަސް ޕޮއިންޓެވެ. ސެނެގާލަށް މައިނަސް ޕޮއިންޓް އިތުރުވީ ދެ ރީނދޫ ކާޑު އިތުރުވުމުންނެވެ.

"އަހަރެމެން މި ހިސާބަށް އައި ގޮތް ވެސް އެއީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެއް. އެ ގަވައިދުގެ މުހިއްމުކަން ވެސް އެނގުނީ އަހަރެމެންގެ ސަބަބުންނޭ ބުނެވިދާނެ،" ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ކަގަވާ ބުންޏެވެ. "އަހަރެމެންގެ އުއްމީދަކީ ބެލްޖިއަމް މި މެޗުގައި ހައިރާންކޮށްލުން."

ބެލްޖިއަމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ދާދި ފަހުން ޓްވީޓެއް ކުރުމުގެ ތެރޭގައި ކަގަވާގެ އެކައުންޓް ޓެގްކުރަން އުޅެނިކޮށް ކުރެވުނީ ޖަޕާނުގެ ރެސްލިން ތަރި ޝިންޝޫކޭ ނަކަމޫރާގެ އެކައުންޓެވެ. ކަގާވާ ބުނީ އެއީ ބެލްޖިއަމްގެ މީހުންނަށް އޭނާ ނޭނގުނީ ނޫން ކަމަށާއި އެ ކަހަލަ އޮޅުމެއް ކޮންމެ ބަޔަކަށް ވެސް އަރައިފާނެ ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ޖަޕާން އޮތް ގްރޫޕަށް ބަލާއިރު އެ ޓީމަށް ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ އުއްމީދެއް ނެތެވެ. އެކަމަކު އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ކޮލަމްބިއާ ބަލިކޮށް ވޯލްޑް ކަޕް ތާރީހުގައި ދެކުނު އެމެރިކާގެ ޓީމެއް އަތުން މޮޅުވި ފުރަތަމަ އޭޝިއާ އަށް ނިސްބަތްވާ ޓީމުގެ ޝަރަފް ހޯދައިފަ އެވެ. ދެ ވަނަ މެޗުގައި ފަހަތުން އަރައި ސެނެގާލާ އެއްވަރުކުރި އެވެ. ފަހު މެޗުގައި ޕޮލެންޑް އަތުން ބަލިވި ނަމަވެސް އެއީ ހިތާމައެއް ނޫނެވެ. އަނެއް ބުރުގެ ފުރުސަތު ލިބުނީ އެވެ.

ޖަޕާނަކީ މުބާރާތުގައި މި ވަގުތު އޮތް އޭޝިއާ އަށް ނިސްބަތްވާ ހަމައެކަނި ޓީމެވެ. މިރޭގެ މެޗަށް ނުކުންނައިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޓީމުން ވަނީ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކުޅެފަ އެވެ. އެ ދެ ފަހަރު ވެސް ބަލިވެފައިވުމުން އެ ޓީމުން މިރޭގެ މެޗަށް ނުކުންނާނީ ތާރީހު ބަދަލުކުރުމުގެ އަޒުމުގަ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ވަނީ މި މެޗަށް އެ ޓީމުގެ ތަރި ރޮމެލޫ ލުކާކޫ ފިޓް ކަމަށް ބުނެފަ އެވެ. ބެލްޖިއަމްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލުކާކޫ މި މެޗުގައި ކުޅޭއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު 22 މެޗުން ބަލިވެފައެއް ނުވެ އެވެ.

ޖަޕާންއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު ފަސް މެޗުގެ ތެރެއިން ލިބުނީ އެންމެ މޮޅެކެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 1-0 އިންނެވެ. އެ މެޗުގައި ލަނޑު ޖެހީ ލުކާކޫ އެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.