ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް
ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް

ކުޅިވަރު އިވެންޓްތަކުގައި އާއްމުކޮށް ކަރުގައި ފާހެއް އަޅައިގެން ތިބޭތަން ފެންނާނީ ޓީމުތަކުގެ އޮފިޝަލުންނާއި ތަނުގެ އޮފިޝަލުންނެވެ. ސަޕޯޓަރުންގެ އަތުގައި އޮންނާނީ ޓިކެޓެކެވެ. އެކަމަކު ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތައް ޓީވީން ބަލަމުން އަންނައިރު ކޮންމެ ސަޕޯޓަރެއްގެ ކަރުގައި ވަރުގަދަ ފާހެއް އަޅާފައި އޮންނާތީ ފެންނާނެ އެވެ. އެއީ ކޯއްޗެއް ބާވަ އެވެ؟ އެއީ މި ފަހަރުގެ ވޯލްޑް ކަޕާއި ސަޕޯޓަރުންނާ ދެމެދު އޮންނަ "ގުޅުމެ"ވެ. ވޯލްޑް ކަޕުގެ ތެރޭގައި ހުރިހާ ކަމަކަށް ވެސް ފުދޭ "ފޭން އައިޑީ" ކާޑެވެ.

ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް
ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް

ލަންޑަނުގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި އެންމެ ފުރަތަމަ މިފަދަ ކާޑެއް ބޭނުންކުރި ނަމަވެސް ހަގީގީ މާނައިގައި ކުޅިބަލަން އަންނަ މީހުންނަށް ކާޑެއް ތައާރަފްކުރީ ރަޝިއާގައި 2014 ވަނަ އަހަރު ބޭއްވި ވިންޓާ އޮލިމްޕިކްސްގަ އެވެ. އެހެންވެ މިއީ ރަޝިއާގެ އީޖާދެކެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި އެންމެ ފުރަތަމަ ރަސްމީކޮށް ބޭނުންކުރަން ފެށި މި ފާހުގެ ސަބަބުން ސަޕޯޓަރުންނަށް އެތަކެއް ލުޔަކާއި އިމްތިޔާޒްތަކެއް ލިބެ އެވެ.

ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް
ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް

އެންމެ ފުރަތަމަ ކަމަކީ ރަޝިއާ އަށް އަރަން ވިސާ އަކަށް މި ފާސް ފުދެ އެވެ. މާނައަކީ ފޭން އައިޑީއެއް އޮވެއްޖެ ނަމަ ވޯލްޑް ކަޕް ފެށުމުގެ 10 ދުވަސް ކުރިން އަދި ނިމިގެން 10 ދުވަސް ފަހަށް ވެސް، އެ މުއްދަތުގެ ތެރޭގައި ރަސްމީ ވިސާއެއް ނުނަގައި ރަޝިއާ އަށް އެތެރެވެވެ އެވެ. އަނެއް ފަސޭހައަކީ ރަޝިއާ ތެރޭގައި ހިލޭ ދަތުރުކުރެވުމެވެ. މިއީ ހަގީގަތުގައި ސަޕޯޓަރުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެކި ސިޓީތަކަށް ރޭލުގައި ހިލޭ ދަތުރުކުރެވުމާއި ސިޓީގެ ތެރޭގައި މެޓްރޯ ދަތުރު އަގެއް ނުދައްކައި ކުރެވުމެވެ. މިސާލަކަށް ބްރެޒިލްގެ ފުރަތަމަ މެޗު މޮސްކޯގައި އޮތިއްޔާ ދެ ވަނަ މެޗުގައި ނިޒްނީ ނޮވޮގޮރޮޑުގައި އޮވެދާނެ އެވެ. އެހެންވިޔަސް މި ފާސް އޮވެއްޖެ ނަމަ ދަތުރާ މެދު ހާސްވާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން މުބާރާތުގެ ތެރޭގައި ރަޝިއާގެ އެކި ހިސާބުތަކުގައި ބާއްވާ މުނިފޫހިފިލުމުގެ ހަރަކާތްތަކުގައި ވެސް މި ފާސް އޮވެއްޖެ ނަމަ ހިލޭ ބައިވެރިވެވޭނެ އެވެ.

ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް
ފޭން އައިޑީ: ސަޕޯޓަރުންގެ ރަން މެޑަލް

މެޗު ޓިކެޓް ގަތުމަށް ފަހު ފޭން އައިޑީ އަށް އޮންލައިންކޮށް އެޕްލައިކުރަންވީ އެވެ. ފާސް ނަގަން ދެ ގޮތެއް އިހުތިޔާރު ކުރެވިދާނެ އެވެ. އެ ހުރި ތަނަކަށް ޕޯސްޓުން ފޮނުވުމުން ނުވަތަ ސީދާ ރަޝިއާ އިން ނެގުމެވެ. ފަހު ގޮތް އިހުތިޔާރުކުރި ނަމަ ވިސާގެ ބޭނުމަށްޓަކައި، ސޮފްޓް ކޮޕީއެއް ލިބޭނެ އެވެ. އޭގެ ޕްރިންޓެއް އިމިގްރޭޝަން ކައުންޓަރަށް ދައްކާލުމުން ފުދޭނެ އެވެ.

ކޮކާކޯލާ ކުންފުނީގެ ވޯލްޑް ކަޕް ފިއެސްޓާގެ ނަސީބުވެރިންނާ އެކު ވޯލްޑް ކަޕުގެ މެޗެއް ބެލުމަށް އިއްޔެ ހެނދުނު މޮސްކޯ އަށް އައިސް މެންދުރު އެންމެން ދިޔައީ ފާސް ނެގުމަށްޓަކައި އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުގެ ތެރެއިން ސެންޓަރަކަށެވެ. މޮސްކޯ އަށް ޖަމާވެފައިވާ އެކި ގައުމުތަކުގެ ސަޕޯޓަރުން ޓީމުތަކުގެ ޖާޒީގައި އެތަނުގައި ވެސް ވަރަށް ފޯރި ނަގަ އެވެ.

ފޭން އައިޑީ ނެގުން އޮތީ ވަރަށް ފަސޭހަކޮށް، އިންތިޒާމް ވަރަށް ރަނގަޅުކޮށެވެ. ވަންތަނުން ދިން ކިއޫ ނަމްބަރު 10 މިނެޓުގެ ތެރޭ ޖެހުމުން ކައުންޓަރަށް ގޮސް ލިޔުމެއްގައި ސޮއިކޮށްލިތާ 10 މިނެޓް ތެރޭގައި ފޭން އައިޑީ އޮތީ އަތުގަ އެވެ. ލެމިނޭޓްކޮށްފައިވާ މި ކާޑުގައި އެ މީހެއްގެ ފޮޓޯގެ އިތުރުން ބައެއް މައުލޫމާތު ހިމެނެ އެވެ. ވަރަށް މުހިއްމު މެސެޖެއް ލިޔެފައިވެ އޮތެވެ. ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުންތަކަށް ނޫނެކޭ ބުނުމުގެ ޝިއާރެވެ.

ހަގީގަތުގައި މި ފާހުން އަހަރެމެންނަށް ނުފެންނަ އެއް ބޭނުމަކީ ވެސް އެއީ އެވެ. ރަޝިއާގެ ލީގު މެޗުތަކުގައި ކަޅު ނަސްލުގެ ކުޅުންތެރިންނާ ދިމާކުރުމުގެ މައްސަލަ އޮތަސް މިދިޔަ އަހަރުގެ ކޮންފަޑެރޭޝަންސް ކަޕާއި މި ވޯލްޑް ކަޕުން އެ މަންޒަރު ނުފެންނަނީ، މި ކާޑުގެ ސަބަބުން ފަސޭހައިން އެ މީހާ އަތުލައިގެނެވުމުގެ ބިރު އޮތުމުން ކަމަށް އިދާރާތަކުން ބުނެ އެވެ. އެހެންވެ ރަޝިއާ ލީގު މެޗުތަކުގައި ވެސް މި ކާޑު ބޭނުންކުރަން ވަނީ ގޮވާލައިފަ އެވެ.

އަނެއް ކަމަކީ އެންމެންގެ ކަރުގައި މި ފާސް އަޅައިގެން ތިބޭއިރު އެއްބައިވަންތަކުގެ އިހުސާސްކުރެވުމެވެ. ރަށު ތެރޭގައި އުޅޭއިރާއި ހޮޓަލާއި ކެފޭތަކުގައި ދިމާވާއިރު ވެސް ކަރުގައި މިފަދަ ފާހެއް އަޅާފައި އޮތް މީހެއް ފެނިއްޖެއްޔާ ހާއްސަ ގުޅުމެއް އުފެދެ އެވެ.

"ފޭން އައިޑީ އަކީ ފީފާ އާއި ރަޝިއާ ސަރުކާރުގެ ވަރަށް ފުރިހަމަ އިންތިޒާމެއް. މި ފަހަރު ހުރިހާ ގޮތަކުން ވެސް ތަފާތު އަދި ހިތްހަމަޖެހޭ ތަޖުރިބާއެއް މިއީ،" ކުރީގެ ތަޖުރިބާތަކަށް އިޝާރާތްކުރައްވައި ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވި އެވެ.

ވޯލްޑް ކަޕް މި މަހުގެ 15 ވަނަ ދުވަހު ނިމިގެން ދާނީ ޗެމްޕިއަން ޓީމުގެ ކަރުގައި އަޅުވާލެވޭ ރަން މެޑެއްޔަކުންނެވެ. އަހަރެމެން ސަޕޯޓަރުންގެ ކަރުގައި ފާހެކެވެ. އެކަމަކު އެ ފާހަކީ އަހަރެމެންނަށް މުބާރާތުގެ ތެރޭގައި އެތަކެއް ލުއިތަކެއް ހޯދައިދިން އެއްޗެއްގެ ގޮތުގައި އަދި ހަނދާނެއްގެ ގޮތުގައި އަބަދުގެ އަބަދަށް ރައްކާކުރަން ލިބޭ ހަމަ ރަން މެޑެއްޔެކެވެ.