ވެލެންސިއާ ވެއްޓުމަކީ ނަޒީހު އެދޭ ގޮތެއް ނޫން
ވެލެންސިއާ ވެއްޓުމަކީ ނަޒީހު އެދޭ ގޮތެއް ނޫން

ރެލިގޭޝަން ޕްލޭއޮފްގައި ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ބައްވައިދޭން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކިބައިން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު އެދިއްޖެ އެވެ.

ވެލެންސިއާގެ މައްޗަށް ޔުނައިޓެޑް ވިކްޓަރީ ކުރިހޯދީ ދެ ލެގުގެ އެގްރިގޭޓު ނަތީޖާ އަށް ބަލާއިރު 4-2 އިންނެވެ. އިއްޔެ ކުޅުނު ދެ ވަނަ ލެގު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޔުނައިޓެޑް ވިކްޓަރީން ވަނީ ފުރަތަމަ ލެގު 2-0 އިން ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން ވެސް ނަޒީހު ވަނީ ރެލިގޭޝަން ޕްލޭއޮފުން ޔުނައިޓެޑް ވިކްޓަރީ މޮޅުވެއްޖެ ނަމަ ދެން ވާނެ ގޮތެއް ނޭނގޭ ކަމަށް ބުނެފަ އެވެ. އިއްޔެގެ މެޗަށް ފަހު ނަޒީހުގެ އެދުނީ ވެލެންސިއާ ވެއްޓުނަނުދިނުމަށެވެ.

"އެހެން ހުރިހާ ވާހަކައެއް ބަހައްޓާފައި، އެއް ވާހަކައެއް އޮތީ ބުނަން. އެއީ އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ރައީސް ބައްސާމަށް. ވެލެންސިއާ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ބާއްވައިދިނުމަށް. މި 10 ޓީމަށް ހަދަން ވިޔަސް. އަޅުގަނޑު ބައްސާމް އަރިހުން އެދެނީ ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ބާއްވަން،" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދޭން ފަށަމުން ފުރަތަމަ ވެސް ނަޒީހު ބުންޏެވެ.

ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ބާއްވަން ޖެހޭ ސަަބަބުތަކެއް ވެސް ނަޒީހު ވަނީ އޮޅުން ފިލުވައިދީފަ އެވެ.

"އަޅުގަނޑު ގަބޫލުނުކުރަން ވެލެންސިއާ އަކީ ވެއްޓެން ޖެހޭ ވަރުގެ ޓީމެއް ކަމަށް. މިހާރު އޮތް ފޯމެޓްގައި އެބަހުރި ބައިވަރު މައްސަލަތަކެއް. އެ ހުރިހާ ކަމެއް ރަނގަޅު ކޮށްލާއިރު ވެލެންސިއާ އައުމަކީ އެންމެންވެސް ގަބޫލުކުރާނެ ކަމެއް. ދެ ދުވަހެއް ތިން ދުވަހެއްވަރު މީހުން ވާހަކަ ދައްކާނީ. ފަހުން ހަނދާންނެތޭނެ ވީ ގޮތެއް ވެސް،" ނަޒީހު ބުންޏެވެ. "އަޅުގަނޑު މިހުރީ ބޮޑު ކްލަބެއް ނެތިދިއުން އެކްސްޕީރިއަންސް ކޮށްފައި. ކްލަބް ލެގޫންސަށް އަޅުގަނޑު ފުރަތަމަ ފަސްޓް ޑިވިޝަނުގައި ކުޅުނީ. ހަމަ ވެއްޓުނީ ނިމުނީ. ދި އެންޑް."

ރެލިގޭޓްވި ޓީމަކަށް އަލުން ފުރުސަތު ދިނުމަކީ އެހެން ޓީމުތަކަށް އޮތް ބޭއިންސާފަކަށް ނުވާނެތޯ ނޫސްވެރިން ސުވާލުކުރުމުން ނަޒީހު ބުނީ އޭނާ ބޭނުންވަނީ މިކަން އިންސާފުގެ ތެރެއިން ކޮށްދިނުމަށް ކަމަށެވެ.

"ބޭ އިންސާފަކަށްވެދާނެ. އެކަމަކު ޕްރިމިއާ ލީގުގައި ވަކި އަދަދަކަށް ޓީމުތައް ކުޅެންޏާމު އޭއެފްސީ ކަޕަށް ދެ ޕްލޭއޮފް ޖާގަ ލިބޭ ކަހަލަ ގޮތެއް އެބައިން. ދެން އެއަށް ސެޓު ވާ އިރު ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ވެސް މީގެ ތެރެއަށް ލެވިދާނެ. ފުރުސަތުތަކެއް އެބަހުރި އެކަން ކުރެވޭނެ. އަޅުގަނޑު ނުބުނަން ބޭއިންސާފުން އެކަން ކުރާށޭ. އަޅުގަނޑު މިބުނަނީ ހަމައާއި އުސޫލުގެ ތެރެއިން އެކަން ކުރެވޭ ކަމަށްވަންޏާ އަޅުގަނޑުގެ އެދުމަކީ އެކަން ކުރާށޭ،" ކުރިން ވެލެންސިއާގެ އެންމެ ވާދަވެރި ނިއު އާއި ވިކްޓަރީ އަށް ކުޅުނު ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2015 ވަނަ އަހަރު ހޯދައިދިނުމަށް ފަހު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނީ ވެސް ނަޒީހެވެ. އޭގެ ފަހުން އޭނާ ބަދަލުވީ ވިކްޓަރީ އަށެވެ. އަލުން ޔުނައިޓެޑް ވިކްޓަރީއާ ގުޅުނީ މިދިޔަ އަހަރު އެވެ.

"ހުރިހާ ކުޅުންތެރިން ކުރި މަސައްކަތަށް ޝުކުރިއްޔާ. އަޅުގަނޑަކީ މި ޓީމުގެ ހަމައެކަނި ކޯޗެއް ނޫން. މި ޓީމުގެ ހުރިހާ ކަމެއް މި ކުރަނީ އަޅުގަނޑުގެ ބައިވެރިވުން އޮވެގެން. ޔޫވީން އަޅުގަނޑު ބޭނުންނެތިގެން ދޫކޮށްލިއްޔާ ނޫނީ ޔޫވީ ދޫކޮށްލުމެއް ނެތް ދެން. އެއީ އަޅުގަނޑުގެ ބައިވަރު ސްވެޓް (ދާ) ޔޫވީ މިއީ،" ނަޒީހު ބުންޏެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދީ ދަ ގޭންގް އެވެ. އެ މުބާރާތުގެ ރަނަރަޕަށްދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބް މާލީ ދަތިކަމާ ހުރެ، ރެލިގޭޝަނުގައި ނުކުޅެ އެވެ. އަންނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ދަ ގޭންގުގެ އިތުރުން މާލޭ ލީގުގެ ގަދަ ހައެއް ކަމަށްވާ ނިއު ރޭޑިއަންޓް، އީގަލްސް، މާޒިޔާ، ޓީސީ، ވިކްޓަރީ އަދި ގްރީންސްޓްރީޓްސް އެވެ.