30 ޖުލައި 2016 - 12:57

މިސްޓަ ވޯލްޑްގެ ފަޚުރުވެރި ލަގަބު ލިބުނު ފުރަތަމަ އިންޑިއާ މީހާއަށް ވުމަށް ފަހު ރޯހިތު ކަންޑެލްވާލްގެ މިހާރުގެ އަމާޒަކީ ބޮލީވުޑެވެ. ނަމަވެސް އެހާ އަވަސް އަރުވާލައިގެން ފިލްމު ކުޅެން ނުފަށާނެކަމަށް ވެސް ރޯހިތު ވަނީ ބުނެފަ އެވެ.
"އަހަރެން ކުރަން ބޭނުންވާ ކަންކަމުގެ ލިސްޓުގައި ބޮލީވުޑް ފިލްމު ކުޅުން ވެސް އެބައޮތް. ނަމަވެސް ފިލްމު ކުޅޭނީ ކޮން އިރަކުންތޯ އާއި ފިލްމީ ދާއިރާއަށް ވަންނާނީ ކިހިނަކުންތޯ އަދި ކުޅޭނީ ކޮން ކަހަލަ ފިލްމެއްތޯ އަދި ނުވިސްނަން،" ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ރޯހިތު ބުނެފައިވެ އެވެ.
ރޯހިތު ބުނި ގޮތުގައި ފިލްމު ކުޅުމުގެ އިތުރުން އިޖްތިމާއީ ޚިދުމަތްކުރުމުގެ ދާއިރާއިން ވެސް އޭނާ ކުރިޔަށް ދާން ގަސްތު ކުރެ އެވެ.
ހައިދަރުއާބާދުގައި އުޅެ ބޮޑުވި ރޯހިތު މީގެ އަހަރުތަކެއް ކުރިން މުމްބައި އަށް ދިރިއުޅުން ބަދަލުކުރީ ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމުގެ ބޭނުމުގަ އެވެ. އެގޮތުން މުމްބައިގައި އޭނާ ފުރަތަމަ ކުރަން ފެށީ މޮޑެލިންގެ މަސައްކަތެވެ.
މިސްޓަ ވޯލްޑްގެ މަގާމު އޭނާއަށް ލިބިފައި ވަނީ ދާދިފަހުން އިނގިރޭސި ވިލާތުގައި ބޭއްވި މުބާރާތް ކާމިޔާބު ކުރެވުމުންނެވެ.