ހަށިގަނޑު ސީދާކޮށްދޭ ކޯޗެއް
ހަށިގަނޑު ސީދާކޮށްދޭ ކޯޗެއް

ކޮޅަށް ހުރެވޭ ގޮތުންނާއި އެކި ހަރަކާތްތައް ގެނެވޭ ގޮތުން ހަށިގަނޑުގެ މަސްތަކަށާއި ހުޅުތަކަށް ތަދުވާ ގޮތް ދިމާވެދާނެއެވެ. މިއީ ވަގުތީ ވޭނަކަށް ވިޔަސް، ދުރު މުސްތަގުބަލުގައި މިކަމުން ލިބޭ ގެއްލުން ކުޑައެއް ނޫނެވެ.

މިކަމަށް އޮތް ހައްލަކީ ހަށިގަނޑު ސީދަލަށް ބެހެއްޓުމާއި ތަދު ނާރާނެހެން ވިސްނައިގެން ތިމާގެ ހަރަކާތްތައް ގެންގުޅުމެވެ. "ޖީރޯ ޕާސަނަލް ކޯޗް" އަކީ މިފަދަ ދަނޑިވަޅުތަކުގައި ތިމާއަށް އިންޒާރުދޭ އެކުވެރި ރޮބޮޓެކެވެ.

މޭޒުމަތީ ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ މި ރޮބޮޓަކީ ޖީރޯ މެޓްއާ އެކު މަސައްކަތްކުރާ ކުޑަކުޑަ ރޮބޮޓެކެވެ. މި ރޮބޮޓް މޭޒުމަތީ ބެހެއްޓުމަށްފަހު ޖީރޯ މެޓް މައްޗަށް އެރުމުން ޖީރޯ ރޮބޮޓް "ހޭލާނެ"އެވެ. މެޓް މަތީ ހުންނައިރު ތިމާގެ ހަށިގަނޑަށް ގެންނަ ހުރިހާ ބަދަލެއް އެ ރޮބޮޓު ނަކަލުކުރާނެ އެވެ. އަދި އެމެޒޯން އެލެކްސާގެ އަޑުން އެކަން ސަމާލުކަމަށް ގެންނާނެއެވެ.

އެއް ފައި މައްޗަށް ބަރުވެގެން ހުރެވުނު ނަމަ ނުވަތަ ކުޑަކޮށް އަރިއަކަށް ހުރެވުނަސް ޖީރޯ ރޮބޮޓު ލުއިގޮތަކަށް ދުލެއް ނުކުރާނެއެވެ. ރަގަޅުކުރުމަށް އަންގާނެއެވެ.

ޖީރޯ ރޮބޮޓް އުފެއްދީ ކޮމްޕިއުޓަރު ކައިރީ ކޮޅަށް ތިބެގެން މަސައްކަތްކުރާ މީހުންގެ ސަމާލުކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް ގަޔާވާނެ ކަހަލަ ކުލަކުލައިގައި ވެސް ޖީރޯ ރޮބޮޓު ވިއްކަންހުރެއެވެ. ބޭނުމަކީ ކުޑަކުދިންގެ ނާޒުކު ހަށިގަނޑަށް ދުރު މުސްތަގުބަލުގައި ގެއްލުމެއް ނުވާނޭހެން ހަށިގަނޑު ސީދާކޮށް ބަހައްޓަން ހިތްވަރުދިނުމެވެ.