01 ޖުލައި 2018 - 22:08

މޮސްކޯ (ޖުލައި 1) - ވޯލްޑް ކަޕްގައި މިރޭ ޕެނަލްޓީ ޖަހައިގެން 4-3 އިން 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް ދުނިޔެ ހައިރާންކޮށްލުމަށް ފަހު ރަޝިއާ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
ސްޕެއިނުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. ސްޕެއިންގެ އަނެއް ދެ ޕެނަލްޓި ހުއްޓުވީ ރަޝިއާ ގޯލުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން އީގޯ އަކިންފީވް އެވެ. ރަޝިއާ އިން ވަނީ އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ.
މިއީ ރަޝިއާގެ ނަމުގައި ކުޅެން ފެށި ފަހުން ސްޕެއިންގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އަދި އެ ނަމުގައި ކުޅެން ފެށި ފަހުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. ރަޝިއާ އެންމެ ފަހުން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލުގައި ކުޅުނީ ސޯވިއެޓް ޔޫނިއަންގެ ނަމުގައި ކުޅުނުއިރު 1970ގެ މެކްސިކޯ ވޯލްޑް ކަޕްގަ އެވެ.
އެންމެ ފަހުން އޮތް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓިއިރު، މި ފަހަރުގެ މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން ސްޕެއިނުގެ ކޯޗަކަށް ހުރި ޖޫލެން ލޮޕެޓެގީ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ ވަކިކުރީ ސްޕެއިނުގެ ފެޑެރޭޝަނަށް އެންގުމެއް ނެތި ރެެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުންނެވެ. ސްޕެއިނަށް މި މުބާރާތުގައި އިރުޝާދުދިން ފެނާންޑޯ ހިއޭރޯ އަށް ކޯޗިންގައި މާ ބޮޑު ތަޖުރިބާއެއް ލިބިފައެއް ނެތެވެ. އޭނާ ޓީމާ ހަވާލުވީ ފެޑެރޭޝަނުގެ އެންގުމުގެ ސަބަބުންނެވެ.
މިރޭގެ މެޗުގައި ސްޕެއިން ވަނީ ފުރަތަމަ 11 އިން ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ބާކީކޮށްފަ އެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް ސްޕެއިނުގެ ކޯޗު ފެނާންޑޯ ހިއޭރޯ ބޭނުންކުރީ ތަފާތު ކުޅުންތެރިންނެވެ.
މެޗު ފަށައިގެން ސްޕެއިނުން މެދު ތެރެއިން މެޗުގެ ކޮންޓްރޯލް ހޯދައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނެވެ. ސްޕެއިނަށް ލީޑު ލިބުނީ މެޗުގެ 11 ވަނަ މިނިޓްގައި ރަޝިއާގެ ތަޖުރިބާކާރު ޑިފެންޑަރު ސާގޭ އިގްނާސެވިޗް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަސެންސިއޯ ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ ސްޕެއިނުގެ ސާޖިއޯ ރާމޯސް އަށް ދިއުމުގެ ކުރިން އެ ބޯޅަ ސަލާމަތްކުރަން އިގްނާސެވިޗް އުޅެނިކޮށް ފައިގައި ޖެހިފައި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނުނު 10 ވަނަ ބައި ގޯލެވެ.
މެޗުގެ ލީޑު ލިބުމުން ވެސް ސްޕެއިނުން މެޗު ކޮންޓްރޯލް އަތުން ދޫވިޔަނުދީ ރަނގަޅަށް ކުޅުނެވެ. އެކަމަކު މެޗު ކުރިއަށްދާ ވަރަކަށް ރަޝިއާ އިން ކައުންޓަ އެޓޭކްތައް ގިނަކޮށް ސްޕެއިނަށް ނުރައްކާކުރި އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ރަޝިއާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 40 ވަނަ މިނިޓްގަ އެވެ. ރަޝިއާ އަށް ލިބުނު ކޯނަރަކުން އޭރިއާ ތެރެއަށް އައި ބޯޅަ އެ ޓީމުގެ އަރްޗޫމް ޒޫބާ ބޮލުން ފޮނުވާލުމުން ޖެހުނީ ސްޕެއިނުގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަތުގަ އެވެ. ރެފްރީ ޕެނަލްޓީ ދިނުމުން ޒޫބާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނަށް އަލުން ލީޑުނަަގައިދޭން ޑިއޭގޯ ކޮސްޓާ އަށް ދެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރަޝިއާ އިން ވަނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެފަ އެވެ. މި ހާފުގައި އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދެއްކި ޑެނިސް ޗެރީޝޭފް ކުޅެން އަރުވައިފަ އެވެ. އަދި ސްޕެއިނުން ވަނީ އިނިއެސްޓާ އާއި އިއާގޯ އަސްޕާސް ވެސް ކުޅެން އަރުވައިފަ އެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައި ވެސް ސްޕެއިނުން ރަޝިއާ ހާފް ތެރޭގައި ގިނަ ވަގުތު ޕާސްކޮށްގެން ކުޅުނެވެ. މެޗު ކުރިއަށްދާ ވަރަކަށް އިސްކޯ އާއި އިނިއެސްޓާ ގުޅިގެން ރަޝިއާގެ އޭރިއާ ތެރެއިން ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކުރަން ގިނަ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ. އެ ގޮތުން މެޗުގެ 86 ވަނަ މިނިޓްގައި އިނިއެސްޓާ ފޮނުވާލި ބޯޅަ ރަޝިއާގެ ކީޕަރު އީގޯ އަކިންފީވް ވަނީ މަތަކޮށްފަ އެވެ.
ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ރަޝިއާ އިން ވަނީ ހަތަރު ވަނަ ބަދަލެއް ގެނެސްފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަލެކްސަންޑަ ޔެރޮކިން ކުޅެން އެރިއިރު، އޭނާ ވެފައިވަނީ ވޯލްޑް ކަޕް ތާރީހުގައި މެޗެއްގައި ހަތަރު ވަނަ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ފުރަތަމަ ކުޅުންތެރިއާ އަށެވެ. . މެޗު އިތުރު ވަގުތަށް ހިނގައްޖެ ނަމަ ހަތަރު ވަނަ ބަދަލެއް ގެނެވޭ ގޮތަށް ފީފާ އިން ތައާރަފްކުރި ގަވައިދަށް އަމަލުކުރަން ފެށީ މި ފަހަރު އެވެ.
ސްޕެއިނުން ވެސް އެ ޓީމުގެ ހަތަރު ވަނަ ބަދަލަކަށް ރޮޑްރީގޯ ކުޅެން އެރުވި އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ރަޝިއާ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ރޮޑްރީގޯ ޖެހި ބޯޅަ ކީޕަރު އަކިންފީވް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ރަޝިއާ ބެންޗުގައި ތިބި ކުޅުންތެރިން ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ ކިބައިން ޓީމަށް ހިތްވަރުދޭން އަތުގެ އިޝާރާތުން ބުނެފަ އެވެ.
ސްޕެއިނަށް ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ބޯޅަ ހުރަސްވިއިރު ރާމޮސް އަށް ރަޝިއާ ކުޅުންތެރިއަކު ހުރަސްއެޅި ކަމަށް ބުނެ ޕެނަލްޓީ ހޯދަން ސްޕެއިން ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.
އިތުރު ވަގުތުގެ ދެ ހާފަށް ފަހު ވެސް މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހީ އެވެ. މިއީ ރަޝިއާ އިން ވޯލްޑް ކަޕް މެޗެއްގައި ޕެނަލްޓީއަކަށް ދިޔަ ފުރަތަަމަ ފަހަރެވެ. ސްޕެއިން ވަނީ މީގެ ކުރިން ތިން މެޗެއްގައި ޕެނަލްޓީ ޖަަހައިފަ އެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން ރަޝިއާ ފާއިތުވި ދުވަސްތަކުގައި ވަނީ ޕެނަލްޓީ އަށް ފަރިތަކޮށްފަ އެވެ.
ޕެނަލްޓީގައި ސްޕެއިނުގެ އިނިއެސްޓާ އާއި ޕީކޭ އަަދި ރާމޯސް ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު، ކޯކޭ އާއި އަސްޕާސް ޖެހި ޕެނަލްޓީތައް ރަޝިޔާ ކީޕަރު އަކިންފީވް މަތަކުރި އެވެ. ރަޝިއާގެ ހަތަރު ޕެނަލްޓީ ޖެހީ އީގޯ ސްމޯލޯފް، އިގްނަސެވިޗް، ގޮލޮވިން އަދި ޗެރީޝޭފް އެވެ.
ސްޕެއިން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ކެޓީ އެ ފަހަރުގެ މުބާރާތް ބޭއްވި އެއް ގައުމު ކަމަށްވާ ދެކުނު ކޮރެއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އޭރު އެ ޓީމުގެ ކެޕްޓަނަކީ މިހާރުގެ ކޯޗު ހިއޭރޯ އެވެ.
ކުއާޓާ ފައިނަލުގައި ރަޝިއާ ކުޅޭނީ މިރޭ ކްރޮއޭޝިއާ އާއި ޑެންމާކް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.